
ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ
އޮފީހެއް ފަޅާލައި 7 ލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
ބުދަ 29 މާޗް 2023
| ހަމްޒާ
ހެންވޭރުގައި ހުންނަ އޮފީހެއް ފަޅާލައި 700،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

ފުލުހުން ބުނީ، ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި 7 ލައްކަ އަށްވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައެއް މިމަހުގެ 23 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ މައްސަލާގެ ތުހުމަތުގައި އިއްޔެ މާލެއިން 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ، އޭނާ ހައްޔަރުކުރުމަށްފަހު އޭނާ ދިރިއުޅޭ ތަން ބަލައި ފާސްކޮށް 500،000 އަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒް ކުރައިމް ޑިމާޓްމެންޓުން ދަނީ، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.