
ސަރުކާރުގައި ތިއްބެވި އެހެން ޕާޓީތަކުގެ މެންބަރުންނަށް ސަރުކާރާއި ރައީސްވެސް ބަރާބަރު، އިހުތިޔާރުކުރެއްވީ ރައީސް ޞާލިހު!
"ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އިންތިޚާބުކުރުމަކީ މިވަގުތު ދިވެހިރާއްޖެއަށާއި، އެންމެހާ ރައްޔިތުންގެ މުސްތަޤްބަލަށް އެންމެ ފައިދާކުރަނިވި ގޮތްކަމާއި، އަދި ޤައުމުގައި ހަމަޖެހުން ދެމެހެއްޓުވޭނެ ވެރިއަކި އެމަނިކުފާނުކަމަށް އަޅުގަނޑު ޤަބޫލުކުރަން" އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ޖުމްހޫރީ ޕާޓީގެ އެޑްވަރިޒަރުކަމުން އިސްތިއުފާ ދެއްވަން ނިންމެވި ސަބަބުކަމަށް ސިޓީގައި ވިދާޅުވެފައިވެއެވެ.

އާދަމް އާޒިމްއަކީ ޖުމްހޫރީ ޕާރޓީގެ ދަފްތަރުގައި އޮތް މެންބަރެއް ނޫންނަމަވެސް ސަރުކާރަށް ވަޑައިގެންނެވީ އެޕާޓީގެ ސްލޮޓެއްގައެވެ. ސަރުކާރުގެ ތަރައްޤީގެ މަޝަރޫޢުތަކުގައި މުހިއްމު ބޮޑު ދައުރެއް ގެންދަވަނީ އަދާކުރައްވަމުންނެވެ. އާދަމް އާޒިމްގެ ބޭބެ މުޙައްމަދު ނާޒިމް ރިޔާސީ އިންތިޚާބުގައި އަމިއްލަފުޅު ޕާޓީގެ ޓިކެޓްގައި ވާދަކުރައްވައެވެ. އާދަމް އާޒިމްއާއި އާއިލާއަކީ ވިޔަފާރީގައި ވަރަށް ކުރީގައި އޮތް ފުދުންތެރި އާއިލާއެކެވެ. ވަޒީފާއަށްޓަކައި، މުސާރައަށްޓަކައި ހުންނަވަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ލޯބިވާ ބޭބެއާއެކު ހުންނެވުން މާއައުލާކަން ބޮޑެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ލީޑަރޝިޕްގައު މިސަރުކާރުގައި މިދިޔަ ހަތަރު އަހަރަށްވުރެ ގިނަ ދުވަހު ކުރެއްވި މަސައްކަތްތަކުން ފެނުނީ ހަމަޖެހުމާއި، ތަރައްޤީ ގެނެސްދެއްވި، ގެނެސްދެއްވޭނެ ލީޑަރަކީ ރައީސް ޞާލިހުކަމެވެ. ނަތީޖާއަކީ ރައީސް ސާލިހަށް ދެވަނަ ދައުރަކަށް ތާއީދުކުރެއްވުމުގެ އިތުރުން އެކަމަށް ގަދަ އަޅާ މަސައްކަތްކުރައްވަން ނިންމެވުމެވެ.

އެމްޓީސީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއަކީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރަށް ވަޑައިގެންނެވެި ބޭފުޅެކެވެ. ފަހުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ބަދަލުކުރެއްވުމުންވެސް މާޔޫސްކަމެއް، ބޮޑާހޭކުމެއް ނުފެނެއެވެ. ނަތީޖާ ނެރުމަށް ގަދަ ހިތްވަރާއެކު ކުރެއްވި މަސައްކަތުގެ ތެރޭގައި ފެނިވަޑައިގަތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ދެއްކެވި ޤައުމުގެ ހަމަޖެހުމާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވުމާއި، ތަރައްޤީއެވެ. ނަތީޖާއަކީ ޖޭޕީއާއި ޤާސިމް ދޫކުރައްވާ މިސަރުކާރަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ މަސައްކަތް ކުރިއަށްވުރެ މާބަރަށް ކުރެއްވުމެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އާމިނަތު މުޙައްމަދު ސަލީމަކީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރަށް ވަޑައިގެންނެވި ބޭފުޅެކެވެ. އެޕާޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައި މިދިޔަ ފަސް އަހަރު މަސައްކަތްކުރެއްވިއެވެ. އެކަމަކު ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވުމާއެކު ޕާޓީ ދޫކުރައްވާ މިސަރުކާރު ދެމެހެއްޓުމާއި، އިތުރު ދައުރެއް ރައީސް ޞާލިހަށް ހޯއްދަވައިދެއްވުމުގެ އަޒުމް ވަރުގަދަކުރެއްވިއެވެ. ވިދާޅުވީ ރައީސް އިބްރާހީ މުޙައްމަދު ޞާލިހުގެ ސަރުކާރަކީ މިހާތަނަށް ފެނުނު އެންމެ އަމާން އޮމާން ސަރުކާރު ކަމަށެވެ.
ރާއްޖޭގެ ތާރީޚުގައިވެސް ތައުލީމީ ޤާބިލް ޖީލެއް ބިނާކުރުމަށް އެންމެގިނަ މަސައްކަތްތަކެއް ކުރި ކުރަމުންދާ ވެރިކަންކަން ޤަބޫލުކުރާ ހިނދު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ ހައިސިއްޔަތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ތައުލީމީ ސިޔާސަތު ތަންފީޒުކުރުމަކީ ލިބުނު ވަރަށްބޮޑު އުފަލަކާއި ޝަރަފެކެވެ.
ނިންމެވީ ތައުލީމީ ޖީލެއް ބިނާކުރެއްވުމަށް ކުރައްވާ އާދަޔާހިލާފް މަސައްކަތްޕުޅު ކުރިއަށް ގެންދެވުމަށް އިތުރު ދައުރެއް ހޯދައިދެއްވުމަށް މަސައްކަތް ކުރުމަށެވެ.

ކުރީގެ މަޝްހޫރު ބަޠަލާ ވަލީދާ ވަލީދަކީ 2011 ވަނަ އަހަރުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އެޕާޓީގެ އަންހެނުންގެ ލީގުގެ ރައީސްކަން ދެ ދައުރު ކުރެއްވިއެވެ. މިސަރުކާރުގެ ބަހާއި ޘަޤާފަތާއި، ތަރިކައާއި، އާރޓްސްއާއި، ތާރީޚުގެ ކަންކަން ބަލަހައްޓަވާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާރޓީގެ ސްލޮޓެއްގައެވެ. 2023 ވަނަ އަހަރުގެ މާރޗް މަހުގެ 30 ވަނަ ދުވަސް ނިމިގެން ދިޔައީ ޖުމްހޫރީ ޕާރޓީން ވަކިވެ، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ކުރެވެންހުރި ހުރި ހުރިހާ މަސައްކަތެއް ކުރަން ނިންމިކަން އިއުލާންކުރަމުންނެވެ. ޖުމްހޫރީ ޕާރޓީން ވަކިވާން ނިންމި ސަބަބަކީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ގަދައަށް މަސައްކަތްކުރުމެވެ.
ޖުމްހޫރީ ޕާޓީން އިސްވެ އޮވެ ވަކިން ވާދަކުރަން ނިންމެވުމުގެ ބަހުސާ ހިސާބުންވެސް އެއީ ރަނގަޅު ނޫންގޮތްކަމާއި، ރަނގަޅު ގޮތަކީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުންކަން ޕާޓީގެ ކޮންގްރެސްއާއި، ކައުންސިލްގައިވެސް ފާޅުގައި ވިދާޅުވި ބޭފުޅަކީ ރައީސް ޞާލިހާއި ވަރަށް އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރައްވާ މިނިސްޓަރ އަހުމަދު ސަމީރެވެ. އޭގެފަހުން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަހުމަދު (ހަނަފީ) އެވެ. ދެބޭފުޅުންވެސް ޕާޓީ ދޫކުރައްވާ ނިންމެވީ ރައީސްއަށް ދެވަނަ ދައުރެއް ހޯދައިދުނުމަށް މަސައްކަތް ކުރުމަށެވެ.
މަސްދަރުތަކުން ލިބޭ މައުލޫމާތަށް ބަލާއިރު ޓޫރިޒަމް މިނިސްޓަރ ޑރ.އަބުދުالله މައުސޫމްގެ ނިންމެވުމަކީވެސް ޖުމްހޫރީ ޕާޓީ ދޫކުރައްވާ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ މަސައްކަތް ކުރުމެވެ. ބާކީ އޮތީ ފަސް މަހެއްހާ ދުވަހެވެ. ޖޭޕީގެ ކޯޅިޝަނަށް ތާއީދުކުރައްވާ ބޭފުޅުން ވިދާޅުވަމުން އެގެންދަވަނީ މިވެރިކަން ނިމެން އޮތީ ފަސް މަހެއްހާ ދުވަސްކަމަށެވެ. އެކަމަކު އެކަމަށް ފަރުވާލެއްނެތި ރައީސް ޞާލިހާއެކު ދެމިތިބެން ނިންމެވީ ހަޤީޤަތުގައިވެސް އެއީ ޤައުމަށް އެންމެ ރަނގަޅުގޮތްކަމަށް ފެންނާތީކަމަށް ބެލުމުގެ ފުރުޞަތު އެބައޮތެވެ. އޭގެތެރެއިން ގިނަ ބޭފުޅުންނަކީ ކިއަދު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ބޭފުޅުންވެސްމެއެވެ.
ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އެމްއާރުއެމްގެ ފާޑުކިއުންތައްވސް ސަރުކާރާއި، ރައީސްއަށް އިންތިޚާއެވެ. އެކަމަކު އެފާޑުކިއުންތައް ރައްދުކުރަނީ ޕާޓީގެ ލީޑަރޝިޕްގައި ތިއްބެވި ނަމަވެސް މިސަރުކާރުގައި މަސައްކަތް ނުކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުންނަށް ފެންނަ މަންޒަރާއި، އެބޭފުޅުން ސަރުކާރަށް ފޮނުއްވި އެޕާޓީތަކުގެ ބޭފުޅުންނަށް ފެންނަ މަންޒަރު ތަފާތެވެ. ޔުމްނާ މައުމޫންގެ ފާޑުކިއުމެއް ނެތެވެ. އަލީ ޞާލިހުގެ ފާޑުކިއުމެއް ނެތެވެ. ޑރ.ހުސެއިން ރަޝީދުގެ ފާޑުކިއުމެއްވެސް ނެތެވެ. ޕާޓީ ދޫކުރައްވާ ރައީސްއާއެކު މަސައްކަތްކުރައްވާ ބޭފުޅުންގެ އަދަދު އިތުރު ވަނީއެވެ. މިނިސްޓަރ ނަހުލާވެސް ރައީސްއާއި ސަރުކާރަށް ކުރައްވަނީ ތައުރީފެވެ.
ސުވާލަކީ އެދެޕާޓީގެ ރައީސް ހިމެނޭ ގޮތަށް ލީޑަރޝިޕުން، ސަރުކާރަށް ފޮނުއްވާފައިވާ އެޕާޓީތަކުގެ ބޭފުޅުންގެ ހިޔާލު ސަރުކާރާ ގުޅޭގޮތުން ނުހޯދަނީ ބާވައެވެ. ނޫނީ އަމިއްލަ ވެރިކަމެއްގެ ކޮޅުމަތި ފެންނަނީ ބާވައެވެ. ނޫނީ މާމޮޅު އެހެން ގޮތެއް ތަސައްވަރު ކުރެވެނީ ބާވައެވެ.