
އެއްބަޔަކު ގުރައިދޫ ދާއިރާގެ ކެމްޕެއިންގައި، އަނެއްބަޔަކު ޤާސިމް ފަހަތުން! ހެޔޮއެދެނީ ކޮންބައެއް؟
އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ޤަބޫލުނުކޮށް، ޕާރޓީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާއި ތާއީދުކުރައްވާ ސިޔާސީގޮތުން އިސް ބޭފުޅުން "ބުރަކޮށް' އުޅުއްވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ފަހަތްޕުޅުންނެވެ. ކުނޫޒާއި، ސަން އައިލެންޑްގައެވެ. ހަމަ އެޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާ ޕާރޓީގެ ޗެއަރޕަސަންއާއި ލީޑަރޝިޕްގެ ބޭފުޅުން މިރޯދަމަހު ދުވާލެއް ރޭގަނޑެއް ނެތި މަސައްކަތްކުރައްވަނީ ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބުކުރެއްވުމުގެ މަސައްކަތުގައެވެ. އެމަސައްކަތް މެދުނުކެނޑި ކުރެއްވުމުގައި ޕާޓީގެ މަޖިލިސް މެންބަރުންނާއި، ލީޑަރޝިޕްގެ މަސައްކަތަށް ހުއްޓުމެއް ނެތެވެ.

ސުވާލަކީ މީގެތެރެއިން އެމްޑީޕީއަށް ހެޔޮއެދެނީ ކޮންބައެއްތޯއެވެ؟ އެއްބަޔަކު ޕާރޓީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހޯދައިދޭން "ގަދައަށް" މަސައްކަތް ކުރަނީއެވެ. އަނެއްބަޔަކު ޕާޓީގެ ޢާއްމު މެންބަރުންގެ ނިންމުމަށް ގޮންޖަހާ އެކަމަކު ޕާޓީއަށް ރަނގަޅުގޮތް ހޯދައިދޭންކަށްބުނެ އެހެން ޕާޓީއެއްގެ ޖަގަހައާއި، އޮފީހުގައެވެ. ބައި އިލެކްޝަނާއި ވާކަމެއްވެސް ނޫނެވެ. އެއްވެސް ޝައުޤެއް ސަމާލުކަމެއްވެސް ނެތެވެ. ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މީހުން ގޮވާލާތީވެސް ފެންނަނީ ރައީސް ޞާލިހަށް މެސެޖެއްދޭން ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށެވެ.

ރިޔާސީ ޕްރައިމަރީގައި މައްސަލަތަކެއް ހުއްޓަސް ޕާޓީއަށް ހެޔޮއެދޭ ބަޔަކު ޕާޓިއަށް ލިބެން އޮތް އެހެން ގޮނޑިއެއް ގެއްލުވާލަން މަސައްކަތެއް ނުކުރާނެއެވެ. އަމުދުން ރިޔާސީ ޕްރައިމަރީގައި ގޯހެއް ހެދުމުގެ ފުރުޞަތެއްވެސް ނެތް މީހަކު ވާދަކުރާ ގޮނޑިއެކެވެ. އެޕްރައިމަރީއަކާ މެދު ސުވާލެއް އުފައްދާފައިވެސް ނެތް ހިނދުއެވެ. އެޕްރައިމަރީގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުން ނަތީޖާ ޤަބޫލުކޮށް، ކެންޑިޑޭޓާއެކު މަސައްކަތްކުރަމުން ދާހިނދުއެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ގޮނޑިއަށް ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބޭއްވި ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން ބަލި ޤަބޫލުކޮށް، އެކުގައި މަސައްކަތްކުރަނީއެވެ. ޑިމޮކްރަސީގެ ނަމޫނާކަމަށް ވިދާޅުވާ ޕާރޓީގެ ރައީސް ޕްރައިމަރީގެ ނަތީޖާ ޤަބޫލުނުކުރައްވާ އެހެން ގޮތެއް ހޯއްދެވުމުގައި އަވަދިނެތިއެވެ. އެހެން ގޮތަކީ "އިބޫ ނޫން" ގޮތެކެވެ.
އަމިއްލަ ވަތްގަނޑާއި، ދައުލަތުގެ ވަތްގަނޑާއި އޮޅޭކަން. ވަރަށްބޮޑު ނުރައްކަލެއް އެއީ. އަމިއްލަ ހަޒާނާއާއި، ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި އެއް ތަޅުދަނޑިއަކަށް ވެގެނެއް އަޅުގަނޑުމެން އެދޭ އަނެއް ދިވެހިރާއްޖެއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ.
ރާއްޖޭގެ އެންމެބޮޑު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހީމްއަށް ތާއީދުކުރައްވާ، އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ޤާސިމް އިބްރާހީމް އިންތިޚާބުކުރުންކަމަށް މިހާރު ވިދާޅުވާ ރައީސް މުޙައްމަދު ނަޝީދު ކުރިން ވިދާޅުވީ ޤާސިމް އިންތިޚާބުކުރުމަކީ ބޮޑު ނުރައްކަލެއްކަމަށެވެ. އެކަމަކު އެނުރައްކާވެސް ހަޤީޤަތުގައި ރަނގަޅު ވެގެން އުޅުއްވަނީ ޕާޓީގެ ތެރެއިން އާރާއި، ބާރު ގެއްލޭ މަންޒަރު ފެނިވަޑައިގަންނަވާތީކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދެއްވަން ބޭނުންފުޅު ނުވާތީއެވެ. ޕާޓީގެ ރައީސްއަކަށްވުރެ އެހެން ޕާޓީއެއްގެ ރައީސްއެއް އަމުދުން، ވަރަށްބޮޑު ނުރައްކަލެއްކަމަށް ވިދާޅުވި ބޭފުޅަކު ރަނގަޅު ވާނެ ހާލަތާމެދު އަމިއްލަ ސިކުނޑި ވިސްނާލުން ބުއްދިވެރިއެވެ. މިހާރު ކުރައްވާ މަސައްކަތަކީ އަމިއްލަ ޚަޒާނާގެ ތަޅުދަނޑިއާއި، ދައުލަތުގެ ޚަޒާނާގެ ތަޅުދަނޑި އެއް ތަޅުދަނޑިއަކަށް ހެއްދެވުމުގެ މަސައްކަތެވެ.

ސުވާލަކީ އެމްޑީޕީއަށް ރަނގަޅުގޮތް، ރައްޔިތުންނަށް ރަނގަޅު ގޮތަކީ މިތަނުން ކޮބައިތޯއެވެ؟ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހޯދައިދޭން މަސައްކަތްކުރުން ތޯއެވެ؟ ޕާޓީގެ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާކަމަށް އިންތިޚާބުކުރުންތޯއެވެ. ދެ ތަޅުދަނޑި އެއް ތަޅުދަނޑިއަކަށް ހެދުންތޯއެވެ؟ އެމްޑީޕީއަށްވުރެ ކުޑަ ޕާޓީއެއްގެ ފަހަތަށް ވަދެ، ބައެއް ހޯދަން މަސައްކަތްކުރުންތޯއެވެ؟