
ޖޭޕީއަށްވުރެ އެމްއެންޕީގައި ރައްޔިތުންގެ މަޖިލިހުގެ މެންބަރުން ގިނަ!
ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކުރައްވާ އެމްޑީޕީއަށް ސޮއިކުރެއްވުމުން، މަޖިލީހުގައި އެންމެ މަދުން މެންބަރުން ތަމްސީލުކުރާ ޕާޓީއަކަށް ޖުމްހޫރީ ޕާޓީ ވެއްޖެއެވެ.

ފެށުނީންސުރެ ޖުމްހޫރީ ޕާޓީގައި ހުންނެވި އަލީ ހަމީދު ހޯމަދުވަހު އެމްޑީޕީއަށް ސޮއިކުރެއްވީ ޤައުމަށް އިޖުތިމާއީ އަދި އިޤްތިޞާދީ ހަމަޖެހުން ގެނެސްދެއްވޭނެ، އަދި ދެމެހެއްޓެވޭނެ ބޭފުޅަކީ ރައީސް ޞާލިހުކަމަށް ދެކިވަޑައިގެންނެވެ. އަލީ ހަމީދު އެމްޑީޕީއާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމެވުމުންނެވެ. އޭނާ ވިދާޅުވީ އެއީ އެންމެ ރަނގަޅުގޮތްކަމަށް ދެކިވަޑައިނުގަންނަވާ ކަމަށާއި، މިވަގުތު އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ދެވަނަ ދައުރެއް ކަށަވަރުކޮށްދެއްވުން ކަމަށެވެ. އެމްޑީޕީއާ ގުޅިވަޑައިގަތީ އެމަސައްކަތް ކުރައްވަންކަމަށް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގައި ގިނަ ޚިދުމަތްތަކެއް ކުރެއްވި މިދިޔަ ދައުރުގައި ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ހަސަން (އެވިލާ) ވެސް ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވާ ރައީސް ޞާލިހަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ.
އަލީ ހަމީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވާނީ އެޕާޓީގެ ދެ މެންބަރުންނެވެ. އެއީ ލީޑަރު ޤާސިމް އިބްރާހީމްއާއި، ފެށުނީންސުރެ ސަރުކާރަށް ފާޑު ވިދާޅުވުމުގައި ދެމިހުންނެވި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިންއެވެ. އެންމެ ފަހުން ރަޖިސްޓްރީކޮށް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކުރައްވާފައިވާ އެމްއެންޕީގެ ތިން މެންބަރުން މަޖިލީހުގައި ތިއްބަވައެވެ. އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ދެ މެންބަރުން މަޖިލީހުގައި ތިއްބެވި ނަމަވެސް އޭގެތެރެއިން ކުޑަހުވަދޫ ދާއިރާގެ މެންބަރު އާމިރުގެ ތާއީދެއް މިސަރުކާރަކަށް ނެތެވެ.