
ޖޭޕީގެ ޑރ.އާސިމްގެ ތާއީދުވެސް ރައީސް ޞާލިހަށް!
ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅުއްވާފައި ރާއްޖޭގެ ދާއިމީ މަންދޫބު ޑރ.އާސިމް އަހުމަދުވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާކަން އިއުލާންކުރައްވައިފިއެވެ.

ކުރިން އެޑިއުކޭޝަން މިނިސްޓަރުކަންވެސް ކުރެއްވި އާސިމްއަކީ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. ރައީސް ޞާލިހަށް ތާއީދުކުރާކަން ހާމަކުރައްވާފައި މިވަނީ ޖުމްހޫރީ ޕާޓީން އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށް، ޓިކެޓް އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ދޭން އިއްތިފާޤުން ފާސްކޮށްފައި ވަނިކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އދ.މަޖިލީހުގައި ތަޤުރީރުކުރައްވާ ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓްގައި ޑރ.އާސިމް ވިދާޅުވެފައިވަނީ ރައީސް ޞާލިހުގެ ޒަޢާމަތުގައި ރާއްޖެއަށް ތަރައްޤީއާއި ކުރިއެރުން ގެނެސްދެއްވައިފިކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ޒަޢާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފައިވާ ތަރައްޤީއާއި ކުރިއެރުމާއި އިޖުތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން
ރައީސް ޞާލިހަށް ތާއީދުކުރައްވަން ނިންމެވިޔަސް ޖުމްހޫރީ ޕާޓީން ވަކިވިކަމެއް ޑރ.އާސިމް ވިދާޅެއް ނުވެއެވެ.