ރައީސް ނަޝީދު ގާސިމަށް ތާއީދުކުރައްވަނީ ރައީސް ސާލިހާ ދެކޮޅުވުމުން:ފޮޓޯ-ޖޭޕީ

ޤާސިމަށް އޮތީ ހަމައެކަނި ރައީސް ނަޝީދުގެ ތާއީދު! ޕާޓީއެއްގެ ތާއީދެއް ނެތް!

ބުދަ 05 އޭޕްރީލް 2023 | އައުޓްރީޗް

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ޕާޓީތަކުގެ ތެރެއިން އެމްޑީޕީ ފިޔަވާ އެހެން ޕާޓީތަކަށް ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހީމް ދައުވަތު ދެއްވީ އެޕާޓީއާ ގުޅިގެން، އިންތިޚާބުގައި ވާދަކުރެއްވުމަށެވެ. ޤާސިމްގެ ފަހަތްޕުޅަށް އެރުމަށެވެ. އެދައުވަތަށް ލިބުނު ޖަވާބަކީ "ނޯ"އެވެ.

Advertisement


އެމްއެންޕީގެ އެގްޒެކްޓިވް ކޮމިޓީގައި ބައްދަލުވުމުގައި ނިންމީ ފުރަތަމަ ބުރުގައި އެއްވެސް ފަރާތަކާއެކު ކޯލިޝަން ނުހެދުމަށެވެ. އެހެންކަމުން ޤާސިމް އިބްރާހީމްގެ ދައުވަތު ޤަބޫލުކޮށް، ފަހަތަށް އެރެން ނެތްކަމަށެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ޖަވާބު މާބޮޑަށް ސާފެވެ. ރައީސް އަބުދުالله ޔާމީން އަބުދުލްޤައްޔޫމް ނޫން ކެންޑިޑޭޓެއް އެބޭފުޅުންގެ ނެތްކަމަށް ތަކުރާރުކޮށް ދަނީ ވިދާޅުވަމުންނެވެ. ރައީސް ޔާމީނަށް ވާދަކުރެވޭނެކަމުގެ ޔަޤީންކަން ނެތްއިރުވެސް މެއެވެ. ޖޭޕީއަށް އެކޯލިޝަނުން ދޭ ޖަވާބަކީ "އެކުގައި މަސައްކަތްކަތްކުރަންވެސް މަޝްވަރާ ކުރެވޭނީ ސަރުކާރު ކޯލިޝަނުން ވަކިވެ އެކަން އިއުލާންކުރުމުން" ކަމަށެވެ. 

ޤާސިމްގެ ދައުވަތު އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާ އުމަރު ނަސީރާއި، ޑރ.މުޙައްމަދު މުނަންވަރަށްވެސް ފޮނުވިކަމަށް ބައެއް ރިޕޯރޓްތައް ބުނެއެވެ. އުމަރު ނަސީރު ވިދާޅުވީ ފަހަތު ޝީޓަށް ނާރުއްވާނެކަމަށެވެ. ޑރ.މުނަންވަރު ވިދާޅުވަނީ ބޯކިބާ ބައިކުރަން ބައިވެރި ނުވާނެކަމަށާއި، ވެރިކަމަށް ނިކުންނަވާ ސަބަބަކީވެސް އެއީކަމަށެވެ. 

އެމްއާރުއެމްއިންވސް ޖަވާބެއް ނުދޭ: ފޮޓޯ-ޖޭޕީ

މިހާރު ކިރިޔާވެސް އުއްމީދެއް އޮތީ ތިން ހާސް މެންބަރުން ހަމަކުރުމުގައި އަބަދުވެސް އަވަދިނެތި އުޅެންޖެހިފައިވާ އެމްއާރުއެމްއެވެ. މިސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮތް އެމްއާރުއެމްއަށް ރައީސް ޞާލިހުގެ ދައުވަތުވެސް އެބައޮތެވެ. އެކަމަކު ސަރުކާރަށް ފާޑުކިޔަމުން ގޮތް ނިންމުން ދިގުދައްމަމުންދާ އެމްއާރުއެމްއިން ޤާސިމަށްވެސް ޖަވާބެއް ނުދެއްވައެވެ.

ޖުމްހޫރީ ޕާޓީއާއެކު އޮތީ ކުރީގެ ރައީސް ނަޝީދާއި، އެމަނިކުފާނަށް ވަފާތެރި، އެމަނިކުފާނު ވިދާޅުވާ ކޮންމެ ގޮތަކީ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރައްވާ ބޭފުޅުންނެވެ. އެބޭފުޅުންގެ ބަހުންނަމަ ފިކުރެއްގެ ދިރުމެވެ. މިސަރުކާރު ފެށުނު ފަހުންވެސް ޤާސިމަށް އެންމެ ބޮޑަށް ފާޑުކިޔުމުގައި އިއްޔެއާ ހަމައަށް ދެމިތިއްބެވި ބޭފުޅުންނެވެ. ޤާސިމްވަރުގެ ބޭފުޅަކު މިހާރު ނެތްކަން އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށްފަހު ޤަބޫލުކުރެއްވި ބޭފުޅުންނެވެ. ޤާސިމަށް ވެރިކަން ލިބޭނެ ހަމައެކަނި ގޮތަކީ އެމްޑީޕީ ތެރެ ބައިބައިކޮށްގެންކަމަށް ޤަބޫލުކުރައްވާ ބޭފުޅުންނެވެ. އެފުރުޞަތު ދޭވަރަށްވުރެ ބޯބޮޑުވާނެކަމަށް ވިދާޅުވި ބޭފުޅުންނެވެ. ޤާސިމަށް ވެރިކަން ދެއްވުމަކީ ދައުލަތުގެ ޚަޒާނާއާއި ވިލާގެ ޚަޒާނާގެ ތަޅުދަނޑި އެއް ތަޅުދަނޑިއަކަށްވުން ކަމަށް ޤަބޫލުކުރެއްވި ބޭފުޅުންނެވެ.

ޤާސިމްއަށް އޮތް ހަމައެކަނި ފުރުޞަތަކީ އަހަރެމެން އަހަރެމެންގެ ތެރޭގައި ކޮންމެވެސް ދޭތެރެއެއް ޖައްސާލައިގެން ނުވަތަ ފިތުނައެއް އުފައްދާލައިގެން ކަންފުޅެއް ވޭތޯ ބެލުން. އެއަށްވުރެ އަހަރެމެން އެންމެންގެވެސް މާ ބޯބޮޑު. 

މިއީ 2019 ވަނަ އަހަރު ރައީސް ނަޝީދަށް ޤާސިމް އިބްރާހީމް ފާޑުވިދާޅުވުމުން ރައްދުދެއްވާ ރައީސް ނަޝީދުގެ އަރިސް އިމްތިޔާޒު ފަހުމީ ވިދާޅުވި ވާހަކައެވެ. މިއަދު ތިއްބެވީ އެފިތުނައާއެކު ޤާސިމް އަރިހުގައެވެ. ހަޤީޤަތުގައި ޤާސިމް ވެރިކަމަށް ކުރިމަތިލެއްވުމަށް ނިންމެވުންވެސް ގުޅިފައިވަނީ ރައީސް ނަޝީދުގެ ތާއީދާއެވެ. އެމްޑީޕީގެ ތެރެއިން ވަރަށް ބޮޑު އަދަދެއް ލިބޭނެކަމުގެ ހުވަފެންފުޅާއެވެ. ރައީސް ޞާލިހަށް ޖުމްހޫރީ ޕާޓީ ހިމެނޭހެން ކޯލިޝަން ނުހެދުމުގެ ސަބަބަކީ ރައީސް ނަޝީދު ނޫން ބޭފުޅަކަށް އެމްޑީޕީގެ ވެރިކަން ދޭން އެބޭފުޅުން ބޭނުން ނުވުމެވެ. ޕާޓީއަށް ވެރިކަން ގެއްލުނަސް ހެޔޮކަމަށެވެ. 

މިއަދު ފެންނަން އޮތް ހަޤީޤަތަކީ ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހަދާނެ ޕާޓީއެއް ނެތުމެވެ. ރައީސް ނަޝީދަކީ ބޮޑު ޕާޓީއެއްކަމަށް ދެކި ކުރިއަށް ދިއުން ނޫންގޮތެއް ނެތެވެ. އެކަމަކު ރައީސް ނަޝީދަކީ ބޮޑު މާސިންގާ ޕާޓީއެއްނަމަ ފިކުރެއްގެ ދިރުމުގެ ފޯމްތަކުގެ މައްޗަށް ބަރޯސާވެ އިންތިޚާބުގައި ކުރިމަތިލެއްވީހެވެ. ޤާސިމްގެ ފަހަތްޕުޅުން މަސައްކަތްކުރަން ޖެހެނީ އެފިކުރެއްގެ ފޯމްގެ އަދަދު މަތިނުވާތީކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެއެވެ. މާލޭގެ އެކި ހިސާބުތަކާއި، ރަށްރަށުގައި އަޑުގަދަކުރާ ބޭނުންކޮށް މީހުން ހުއްޓުވައިގެން ކުރި މަސައްކަތުންވެސް އެކަށީގެންވާ ވަރާ ގާތަށްވެސް ކުރިއެރުމެއް ނުލިބުނީއެވެ. މިކަން މިހެން އޮތްއިރު ޖުމްހޫރީ ޕާޓީގެ މެންބަރުން ރައީސް ޞާލިހަށް ތާއީދުކުރައްވާ އެކަން އިއުލާންވެސް ކުރައްވަމުން ގެންދަވަނީއެވެ. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުން އިންތިޚާބަށް ނިކުމެވަޑައިގަންނަވާނީ އެމްޑީއޭއާއި، އަދާލަތު ހިމެނޭ ކޯލިޝަނަކުންނެވެ. އެމްޑީޕީގެ ސިޔާސީ ހަރަކާތް އޮތީ މެކުހަށް ޖަހާފައެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިންއިން އެކަން ސާފްކޮށް ފެނެއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.