
އާއިލާ މާލޭގައި! މުސްކުޅި މައިންބަފައިން ރަށުގައި ނުރައްކަލުގެ ތެރޭގައި!
ދިވެހިރާއްޖޭގެ އިޖުތިމާއީ ޙާލަތު ބަދަލުވެގެން ދިޔަ ގޮތުގެ ހިތާމަވެރި މަންޒަރުތައް މިއަދު ފެންނަނީ ނޫސްތަކުގެ ސުރުޚީތަކުންނެވެ. ހަޤީޤަތާއި މެދު އެންމެން ތިބީ ލޯމަރާލައިގެންނެވެ. އަނިޔާވެރިކަމުގެ ޝިކާރައަކަށްވެ މިހާރުވެސް ދޮށީއުމުރުގެ އެތައް ބަޔަކު ނިމި ހިނގައްޖެއެވެ.

ދެކުނުގެ އަތޮޅެއްގައި 2011 ވަނަ އަހަރު ހިނގި ހާދިސާއެކެވެ. އުމުރުން ދުވަސްވީ ފިރިހެނަކު، މަރުވެ ކުނިވެފައި އޮއްވައި ގެއެއްގެ ތެރެއިން ފެނުނެވެ. އެމީހާ މަރުވެފައި އޮއްވައި ފެނުނީ، އަވައްޓެރިންނަށް އޭނާ ނުފެންނާތީ އޭނާ ދިރިއުޅޭ ގެއަށް ވަދެ ބެލުމުންނެެވެ. މަރުވި މީހާގެ ހަށިގަނޑު ބެއްލެވި ޑޮކްޓަރުން ވިދާޅުވީ، އެމީހާ މަރުވެފައި އޮއްވައި ފެނުނީ މަރުވިތާ 72 ގަޑިއިރު ފަހުން ކަމަށެވެ.
އެކަނި ގެއެއްގައި އެފިރިހެންމީހާ ދިރިއުޅުނީ އޭނާގެ އާއިލާއެއް ނެތިގެނެއް ނޫނެވެ. އަނބިމީހާ މަރުވެ ހުވަފަތް ވުމަށް ފަހުގައެވެ. ހުރިހާ ދަރިން ބޮޑެތިވެ ކިޔަވައި ނިމި މާލޭގައި ވަޒަންވެރި ވުމަށް ފަހުގައެވެ. އެދަރީންއުޅެމުން ދިޔައީ ސަރުކާރުގެ މަތީ ވަޒީފާތަކުގައެވެ. އެކަނިވެރި ކަމާއި އެކު ބައްޕަ ދިރިއުޅުނީ، އެކުދީންގެ ކުޑައިރުގެ ހަނދާންތަކާއިއެކު އޭނާ ބިނާކުރި ގޭގައި އެކަންޏެވެ. މަރުގެ މައްސަލަ ނިމުނީ ގުދުރަތީ މަރެއްކަމުގައި ވެގެންނެވެ. އެކަމަކު މާލޭގައި ތިބި ދަރިންނާއި އާއިލާ މީހުން ރަށުގައި ހުރި ބައްޕަގެ ހާލު ބަލާތޯ އެއީ އުފެއްދީ ސުވާލެކެވެ. ގުދުރަތީ މަރަކަށް ވިނަމަވެސް މައްސަލައިގެ ވަށައިގެން ފެންނަން އޮތީ އިޙްމާލެވެ.
އެފަދަ ކިތަންމެ ހާދިސާއެއް ރާއްޖޭގައި ހިނގައިފިއެވެ. މުސްކުޅި މައިންބަފައިން ރަށުގެ އެކަހެރި އެކަނިވެރި ދިރިއުޅުމަށް ދޫކޮށްލާފައި ދަރިން ބޮޑެތިވުމުން މާލެއަށް އައިސް ވަޒަންވެރިވަނީއެވެ. އެކަނިވެރިކަމާއިއެކު ރަށުގައި ދިރިއުޅޭ މުސްކުޅި މައިން ބަފައިންގެ ޚަބަރެއް ދަރިންނަށް އެނގެނީ، ޤުދުރަތީ މަރަކުން ނުވަތަ މީހެއްގެ ހަމަލާއަކުން މަރުވުމުންނެވެ.
ފާއިތުވި އަހަރުތަކުގައި ރަށްރަށުގައި މަސްތުވާތަކެތީގެ މައްސަލަތަކާއި، ކުށްކުރުން އންތިހާއަށް އިތުރުވެއްޖެއެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ފައިސާ ހޯދުމަށް އެކަނިވެރިކަމާއި އެކު ރަށްރަށުގައި ދިރިއުޅޭ ދޮށީ އުމުރުގެ މީހުންނަށް އަމާޒުކޮށް ހިންގާ ލާއިންސާނީ އަމަލުތައް އިތުރުވި މިންވަރު ނޫސްތަކުގެ ސުރުޚީތަކުން ފެންނަން އެބަހުއްޓެވެ. ގޮތްނޭނގޭ ދޮށީ އުމުރުގެ މީހުންގެ މަރުތަކާއި، އަނިޔާވެރިގޮތުގައި މަރާލާފައިވާ އެކަނި އުޅޭ ދޮށީ އުމުރުގެ މީހުންގެ މަރުގެ މައްސަލަތަކުގެ ފަހަތުން ފެންނަނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންގެ އަނިޔާވެރި އަމަލުތަކެވެ.
ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން މިއަދު ބަދަލުވެއްޖެއެވެ. މަސްތުވާތަކެތީގެ ވަބާގެ ވަކިތައް ހިއްޕާލާފައިވާ ނުވާ ރަށެއް ރާއްޖޭގައި މިހާރަކު އޮތެކޭ ނުބުނެވޭނެއެވެ. ޖެހިގެން ހުރިގޭގައި އުޅޭ މީޙާގެ ޙާލު ބެލުމުގެ އިޖުތިމާޢީ ގުޅުން ރަށްފުށުގައި އިހު އޮތް ގޮތަށް މިހާރު އޮތެކޭ ނުދެންނެވޭނެއެވެ. އެހެންކަމުން އެކަނިވެރި ހާލުގައި ބެލެހެއްޓުންތެރިޔަކު ނެތި ދޮށީ އުމުރުގެ މީހުން ރަށްފުށުގައި ނަމަވެސް އުޅެން ދޫކޮށްލުމަކީ، މައިންބަފައިންގެ މައްޗަށް ދަރިންނަށްވެވޭ އިޙްމާލެކެވެ.
ރާއްޖޭގެ ރަށްރަށުގައި މިއަދު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ. މަސައްކަތާއި ވަޒީފާ ހޯދުމަށް ބައިބަޔަށް ދަރީން އައިސްތިބީ މާލޭގައެވެ. ބައެއް ފަހަރު ދަރީންނަށް މާލޭގައި މައިންބަފައިން ބެލެހެއްޓެން ނެތިގެން، ނުވަތަ މާލޭގެ ހާސްބޮޑު ދިރިއުޅުމަށް މުސްކުޅި މައިންބަފައިން އަންނަން ބޭނުން ނުވެގެން، ދަރީން އެމީހުން ދޫކޮށްލަނީ، ރަށުގެ އެކަހެރި އެކަނިވެރި ދިރިއުޅުމަށެވެ.
އުފަން ރަށަށް ނަމަވެސް އެކަނިވެރި އެކަހެރި ދިރިއުޅުމަކަށް މުސްކުޅި މައިންބަފައިން ދޫކޮށްލުމަކީ ރައްކާތެރިކަމެއް ނޫންކަން، ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ހާދިސާތަކުން އެނގެއެވެ. އަދި އެފަދަ ހާދިސާތައް މިއަދު އަންނަނީ ތަކުރާރުވަމުންނެވެ.