ހައްޖަށްދާ މީހުން ފުރުވުމުގެ އިންތިޒާމްތައް ހަމަޖެއްސެވުމާއި ގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުން --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ހައްޖަށް ދާ މީހުން ފުރުވުމުގެ އިންތިޒާމްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ބުރާސްފަތި 18 މެއި 2023 | މޫސަ

މިއަހަރު ރާއްޖެއިން ހައްޖަށްދާމީހުން ފުރުވުމުގެ އެންމެހައި އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ގެންދެވޭނެ ގޮތަކާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް މަޝްވަރާ ކުރައްވައިފިއެވެ. 

Advertisement


މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ 2019 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ޙައްޖުވެރިންގެ އިންތިޒާމްތައް ކަމާބެހޭ ހުރިހާ މުއައްސަސާއަކުން ގުޅިގެން ކުރިޔަށް ގެންގޮސްފައިވަނީ ވަރަށް ފުރިހަމަށްއަށްކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޙައްޖާޖީންގެ ކަންކަން ވީހާވެސް ގާތުން ބަލައި އެންމެހައި އިންތިޒާމްތައް ވީހާވެސް ފުރިހަމަޔަކަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާކަމަށާއި، އެހެން ކަމުން އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޙައްޖާޖީންގެ އިންތިޒާމްތައް އެންމެ ފުރިހަމަޔަށް ކުރުމަށްޓަކައި ކަމާގުޅޭ މުއައްސަސާތަކުގެ ބޭފުޅުންގެ ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ވީހާވެސް ފުރިހަމަޔަށް ގެންދެވުމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި ގޮތުގައި ޙައްޖާޖީން ފުރުމަށް އެއަރޕޯޓަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމްތައް މި ފަހަރުވެސް ސަރުކާރުން ވީ އެންމެ ރަނގަޅަކަށް ހަމަޖައްސައިދެއްވާނެއެވެ.







މިހާތަނަށް ރާއްޖެއިން މިއަހަރު މީހުން ޙައްޖަށް ދިޔުމަށް ކޯޓާ ލިބިފައިވަނީ 1000 މީހުންނަށެވެ. އަދި، ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއިންނެވެ. މިގޮތުން ބަސްތަކާއި ފެރީ އަލި ލޯންޗް މެދުވެރިކޮށް ޙައްޖާޖީން އެއަރޕޯޓަށް ގެންދިޔުމުގެ އިންތިޒާމްތައް މިހާރު ގެންދަވަނީ ހަމަޖައްސަވަމުންނެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.