
ފާއިތުވި ދުވަސްތަކުގައި ޖަލަށް 230 ޖާގަ އިތުރުކުރެވިފައިވާ ކަމުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބުދުﷲ ވިދާޅުވެއްޖެ
މިފާއިތުވި ދުވަސްތަކުގައި ޖަލަށް 230 ޖާގަ އިތުރުކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެތިން މަސްތެރޭގައި އިތުރު 180 ޖާގަ އިތުރު ކުރެވޭނެކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި "ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ" ޕްރޮގްރާމް ގެ 9 ވަނަ ބުރުގެ ދަސްވެނީންނަށް ސެޓްފިކެޓް ހަވާލުކުރުމަށް ރޭ މާފުށީ ޖަލުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބުދުﷲ ވިދާޅުވީ، ވޭތުވެދިޔަ 50 އަހަރު އެކި ނަންނަމުގައި ޖަލު ބެލެހެއްޓުމުގެ ޚިދުމަތް އޮތްނަމަވެސް، ޖަލުގެ އާބާދީއަށް އެކަށޭނަ މިންވަރުގެ %30 އިންސައްތަ، ގާތްގަނޑަކަށް 300 އޮފިސަރުން ރެކްރޫޓްކޮށްފައި ވަނީ މިސަރުކާރުގެ މި 5 އަހަރުގެ ތެރޭގައި ކަމަށެވެ. މީގެ އިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ، ޖަލުތަކުގެ ޢުމްރާނީ ތަރައްޤީއަށް ކުރަންޖެހޭ ގިނަ ކަންކަން އެބަހުރިކަމަށާއި، އެކަމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ވޭތުވެ ދިޔަ ދުވަސްތަކުގައި ގާތްގަނޑަކަށް 230 ޖާގަ ޖަލަށް އިތުރުކުރެވިފައިވާ ކަމަށެވެ. އަދި އިތުރު 180 ވަރަކަށް ޖާގަ ކުރިއަށްއޮތް ދެތިން މަސް ތެރޭގައި ޖަލަށް އިތުރުކުރެވުމުން އޮފިސަރުންގެ މަސައްކަތްތަކަށް ލުއި ލިބޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ، ރިހެބިލިޓޭޝަނަށް އިސްކަންދޭ މިންވަރާއި އެކަން ކުރުމުގައި ހުރި ގޮންޖެހުންތައްވެސް ހުރިކަމަށެވެ. އެކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ޢިމްރާން ވިދާޅުވީ، ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ފަދަ ތަންތަން ނެތުންކަމަށާއި އެކަން ހައްލުކުރުމަށްވެސް މަސައްކަތްކުރައްވަމުން ގެންދަވާކަމަށެވެ. އަދި ޖަލަށް ގެންނަ މީހުން ބަންދުކޮށްފައި ބެހެއްޓުމުގެ އިތުރުން، ޒިންމާއަކަށް ވާންޖެހޭނީ ލިބުނު ތަމްރީނުގެ ޢަލީގައި އެމީހުންނާއި ރަނގަޅަށް މުޢާމަލާތްކޮށް، އެމީހުން އިޞްލާޙްކޮށް އަނބުރާ ޖަލަށް ވަންނަން ނުޖެހޭ ފަދަ ރަނގަޅު ފަރުދެއްގެ ގޮތުގައި މުޖްތަމަޢަށް ނެރުންކަމުއި މިނިސްޓަރ ވިދާޅުވިއެވެ.
މިސަރުކާރުން ވަނީ ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިކަންވެސް މިނިސްޓަރ އިމްރާންގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައި ވެއެވެ.