
ފ.ނިލަންދޫއާއި ބިލެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް
ފ. ނިލަންދޫއާއި ބިލެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއު އެކުންފުންޏާއި ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްްމިއްޔާތުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 55,141 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކޮށް، 6,933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމުގެ އިތުރުން 261 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި 75 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 188 މީޓަރުގެ ސަރަހައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއްލައި، 194 މީޓަރުގެ ސަރަހައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލި ބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން 237 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލައި، މޫރިން ބޯއީސް ހަރުކޮށް، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 100 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓަކާއި، 18 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކޮށް، 1,151 އަކަމީޓަރުގެ ޕޭވްމަންޓެއް ހަދައި، 204 މީޓަރުގެ ކާބް ސްޓޯން ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
510 ދުވަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެކުންފުންޏާއި ހަވާލުކުރި މިމަޝްރޫއަކީ، 61.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މިމަޝްރޫއުގެ އިތުރުން އެމް.ޓީ.ސީ.ސީއާއި އިއްޔެ ހަވާލުކުރި ފ.ބިލެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަކީ، 66.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މިމަޝްރޫއު އެކުންފުންޏާއި ހަވާލުކޮށްފައިވަނީ، 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން 45,100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކޮށް، 2,900 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކޮށް، 419 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި، 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 258 މީޓަރުގެ ސަރަހައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން 224 މީޓަރުގެ ސަރަހައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލި ބަރުކޮށްފައިވާ ބޭރުތޮށްޓެއްލައި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހަދައި، 133 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމުގެ އިތުރުން 2,977 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދައި، އިތުރުން 617 މީޓަރުގެ ކަބް ސްޓޯން ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.