ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ---

ސަރުކާރުގެ އަމާޒަކީ އައިޔޫއެމްއަކީ ސަރަހައްދުގެ އެންމެ ބޮޑު މަރުކަޒަށް ހެދުން: ރައީސް

ހުކުރު 26 މެއި 2023 | މޫސަ

މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވަރސިޓީއަކީ އިސްލާމް ދީނުގެ ޞައްޙަ އަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރާ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Advertisement


އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި މިރޭ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ރަމްޒުކޮށްދޭ އެންމެ އުސް އެއް މަލަ ކަމަށެވެ. އަދި ރާއްޖޭގައި އިސްލާމީ ތަޢުލީމާއި ތަރުބިއްޔަތު ފެތުރުމުގައި، އެ ޔުނިވަރސިޓީން އަދާކޮށްފައިވަނީ، އަދި އަދާކުރަމުން އަންނަނީ ވަރަށް މަތީ ދައުރެއް ކަމަށެެވެ.

"ޔުނިވަރސިޓީގެ ޢުމުރުން މިވީ އެންމެ 8 އަހަރު ކަމަށްވިޔަސް، މި ޔުނިވަރސިޓީގެ ޙަޤީޤީ މަސައްކަތް ފެށިފައި ވަނީ، މީގެ 43 އަހަރު ކުރިން. އެ ފެށުމަކީ އިސްލާމީ ޢަރަބި ތަޢުލީމް ފެތުރުމަށް ހުޅުވި މަޢުހަދުއް ދިރާސާތިލް އިސްލާމިއްޔާ. މަޢުހަދު ކުއްލިއްޔާއަކަށް، އަދި މިހާރު ޔުނިވަރސިޓީއަކަށް ބަދަލުވިޔަސް، ތަނަކީ އެއް ތަނެއް. އައި ބަދަލަކީ ތަރައްޤީވެ ފެންވަރު މަތިވުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މިއަދުގެ ސަރުކާރުގެ އަމާޒަކީ، އެ ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރައި، މި ސަރަޙައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން ކަމަށާއި އެ އަމާޒަށް ކުރާ މަސައްކަތުގައި ކާމިޔާބު މިންވަރު ކުރެއްވުން އަދައިގެން ހުންނެވިކަމަށެވެ. އަދި ޔުނިވަސިޓީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ސަރުކާރުން ފުރިހަމަޔަށް ތާއީދު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭގެ މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވާ 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާ އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިރޭގެ ޙަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެއެވެ. މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.