އެމް.އޭ.ސީ.އެލްގެ ހައްޖު ދަތުރު ލިބުނު ފަރާތްތައް. ފޮޓޯ: އެމް.އޭ.ސީ.އެލް

އެމް.އޭ.ސީ.އެލްގެ ހައްޖު ދަތުރު މިއަހަރު 5 މުވައްޒަފުންނަށް

ހުކުރު 26 މެއި 2023 | ހަމްޒާ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަހަރު ހައްޖަށް ދާން ހޮވުނު 5 މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.

Advertisement


އެމްއޭސީއެލުން އެ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ. ހައްޖު ދަތުރު ލިބުނު މުވައްޒަފުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރ މަހުޖޫބު ޝުޖާއުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ތޯހާ ވިދާޅުވީ، މުވައްޒަފުންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށްވެސް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ ސްޕޮންސަރޝިޕަކީވެސް މިގޮތުން ފާހަގަކުރެވޭ ކާމިޔާބީއެއް ކަމަށް ތޯހާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ޙައްޖު ސްޕޮންސަރޝިޕަކީ، ޙައްޖުގެ އަޅުކަން އަދާކުރުމަށް ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދޭ ސްޕޮންސަރޝިޕެކެވެ. ކޮވިޑާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެވޭ ގޮތްވުމާއިއެކު، މިދިޔަ އަހަރުން ފެށިގެން ޙައްޖު ކޯޓާ ހޯދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުން ދިޔަ ކަމަށް އެމް.އޭ.ސީ.އެލްއިން ބުނެއެވެ. އަދި މިގޮތުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން، އެމް.އޭ.ސީ.އެލްއަށް 5 ޖާގަ ލިބުނު ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިއަހަރު ޙައްޖު ދަތުރަށް ޖާގައިގެ ފުރުޞަތު ދިނުމުގައި އެކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތައް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.