
ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓް ބެރިޔަންފަރުގައި އެޅުމަށް ނިންމާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރ. އަތޮޅުގެ ދދެކުނު ބިތުގަިއ އެޅުމަށް ސަރުކާރުން ހަމަޖެއްސި އެއާޕޯޓު ރ. ބެރިޔަންފަރުގައި އެޅުމަށް ސަރުކާރުން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، އައްޑޫ ސިޓީ ގަން އިންޓަރނޭޝަން އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމުގެ ގޮތުން މިއަދު ހަވީރު އައްޑޫ ސިޓީ ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައިސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޅި ރާއްޖޭގައި އެކީ އެއްފަހަރާ ހިންގަންޖެހޭ މަޝްރޫޢުތައް ނުހިނގާ ފަރަކުނުޖެހޭނެ ކަމަށާއި، އެފަދަ ހުރިހާ މަޝްރޫޢެއް ސަރުކާރުން މިހާރު ދަނީ ހިންގަމުން ކަމަށެވެ. މިގޮތުން، އެއްގަމާއި ކަނޑާއި ވައިގެ ވިއުގައަކުން މުޅި ރާއްޖެ ގަތާލެވިގެން ނޫނީ، އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް ނުހޯދޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ވައިގެ މަގުން ރާއްޖެ ގުޅައިލުމުގެ މަސައްކަތް މުޅި ރާއްޖޭގައި އެދަނީ ކުރިއަށް. މި މަސައްކަތުގެ ތެރެއިން ރ. އަތޮޅު ދެކުނުބުރިއަށް އިތުރުކުރެވޭ އެއަރޕޯޓް އަޅުގަނޑުމެން އަޅާނީ އިރާދަކުރެއްވިއްޔާ އެ އަތޮޅު ބެރިޔަންފަރުގައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ސަރުކާރުން ކުރަމުން މިގެންދާ ކޮންމެ ކަމަކީ، ދެމެހެއްޓެނިވި ގޮތަށް މި ދިވެހިރާއްޖެ ތަރައްޤީ ކުރުމަށް ކުރާ މަސައްކަތްތަކެއްކަމަށާއި، މި ރާއްޖެ، އަންނަން އޮތް ޖީލުތަކަށް އެކަށޭނަ، އުފާފާގަތި ދިރިއުޅުމެއް ލިއްބައިދިނުމަށް ކުރާ މަސައްކަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހިފަހައްޓަންޖެހޭ ތަނެއްގައި ނޭވާ ހިފަހައްޓާފައި ނަމަވެސް، މިވަގުތު މި މަސައްކަތްތައް މުޅި ރާއްޖޭގައި ކުރުމުން، އޭގެ މަންފާ، އަންނަން އޮތް ޖީލުތަކަށް ފޯރާނެކަމަށާއި، ހަމަހަމަ ޙައްޤުތަކާއި، މިންހަމަ، އުފާވެރި ދިރިއުޅުން، ކޮންމެ ދިވެހި ރައްޔިތަކަށް މާދަމާ ލިބޭނީ، މިއަދު މިކުރާ މަސައްކަތް މިގޮތަށް ކޮށްގެންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރ އަތޮޅުގެ ދެކުނުބިތުގައި، އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް އެ އެއާޕޯޓް އަޅާނެ ތަނަކާއި މެދު ރ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އޮތީ އުފެދިފައެވެ. ރ. އަތޮޅުގައި ކުރީ ސަރުކާރުން އެއާޕޯޓު އެޅުމަށް ނިންމާފައި އޮތީ ރ. ފައިނުގައެވެ.
ރ. އަތޮޅު އިފުރުގައި ޑޮމެސްޓިކް އެއާޕޯޓެއް މިހާރުވެސް ހިންގަމުން އަންނައިރު، ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް މިސަރުކާރުން ދަނި ކުރަމުންނެވެ.