އައްޑޫ ސިޓީގެ ޓުއަރިޒަމް ޒޯނުތައް އިފްތިތާޙްކުރުން --- ފޮޓޯ: ފޮރިންގ މިނިސްޓްރީ

މާފިށި ޓޫރިޒަމް ޒޯން އިފްތިތާޙްކޮށްފި

އާދީއްތަ 04 ޖޫން 2023 | މޫސަ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީ ކުރި، އައްޑޫ ސިޓީ ހުޅުދޫ، ޓޫރިޒަމް ޒޯން - "މާފިށި" އިފްތިތާޙްކޮށްފިއެވެ. ޓޫރިޒަމް ޒޯން އިފްތިތާހުކޮށްދެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ވީ މުރަލީދަރަން އާއި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. ޓޫރިޒަމް ޒޯން އިފްތިތާޙްކޮށްދެއްވުމުގެ މިރަސްމިއްޔާތުގައި ތިން ބޭފުޅުންވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

Advertisement


މި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ އައްޑޫސިޓީގައި އިފްތިތާޙް ކުރެވުނު ހަތަރު ޓޫރިޒަމް ޒޯންގެ ސަބަބުން އެރަށްރަށުގެ އިޤްތިޞާދީ ކުރިއެރުމަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށާއި، މި ޒޯންތަކުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ތަފާތު ފުރުޞަތުތައް ހުޅުވިގެންދާނެކަމަށެވެ. އަދި މި ޓޫރިޒަމްގެ މިޒޯންތަކުގެ ސަބަބުން އިޤްތިޞާދު ކުރިއަރައި، އަމިއްލަ އިންވެސްޓްމަންޓްތަކާއިއެކު، އައްޑޫ ސިޓީއަކީ ޒަމާނީ އިޤްތިޞާދީ ހަބަކަށް ވެގެންދާނެކަމުގައިވެސް މިނިސްޓަރ ޢަބުދުﷲ ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުންމީދީ ދާއިރާކަމުގައިވާ، ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރުވުމަކީ އައްޑޫ ސިޓީއަށް އިޖުތިމާޢީ ހެޔޮބަދަލުތަކެއް ގެނުވާނެ ކަމެއް ކަންވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އައްޑޫގައި އިއްޔެ އިފްތިތާހްކުރި ޓޫރިޒަމް ޒޯނުތައް ކަމުގައިވާ "ފަޅޮއްދަނޑިފަންނު"، ފޭދޫ -"ދިގިހެރަ" އަދި މިއަދު އިފްތިތާހުކުރި ހުޅުދޫ- "މާފިށި" ތަރައްޤީކޮށްފައި ވަނީ، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް ގްރާންޓް ސްކީމްގެ ދަށުންނެވެ.  މި މަޝްރޫއުތަކުގެ އަގަކީ 23 މިލިއަން ރުފިޔާއެވެ.

 ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ.މުރަލީދަރަން ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ.




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.