ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިންޑިއާގާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ ސްޓޭޓްމިނިސްޓަރ ކުރެއްވި ޒިޔާރަތް ---

އިންޑިއާގެ އެކްސްޓާރނަލް އެފެެއާޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

އާދީއްތަ 04 ޖޫން 2023 | މޫސަ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ. މުރަލީދަރަން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުފަހު، އައްޑޫ ސިޓީ ގަމުގައެވެ.

Advertisement


މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އޮޑިޝާ ސްޓޭޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓްގައި މަރުވި މީހުންގެ އާއިލާތަަކަށާއި، އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް އެމަނިކުފާނާއި ދިވެހިސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެެވެ. 


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަށް ވީ. މުރަލީދަރަން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހިންމު ގިނަ މަޝްރޫޢުތަކެއް ފެށިގެން ދިޔުމަކީ އެކަމާއި މެދު އުފާފުޅު ކުރައްވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. މިގޮތުން ޚާއްސަގޮތެއްގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އަކީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު ކުރިޔަށް ގެންދޭ މަޝްރޫއުތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ބަދަލުވެ، ދެކުނު ސަރަޙައްދުގައި ވަރުގަދަ އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ. މުރަލީދަރަންގެ މި ދަތުރުފުޅުގައި  ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކާއި އެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


އިންޑިޔާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ. މުރަލީދަރަންއާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއަށާ، މުޖުތަމަޢު ބާރުވެރިކުރުވުމަށާ، މީހުންެ ބިނާކުރުމަށާ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާއާ ފަތުރުވެރިކަމުގެ ދާއިރާ ފަދަ ދާއިރާާތަކުން ރާއްޖެއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޝުކުރު އަދާކުރައްވާފައެވެ.

ދެބޭފުޅުންގެ މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން އަރުވަމުންނެވެ.




ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.