
ރާއްޖޭގައި ގިނަ ރިޒޯޓުތަކެއް ހިންގާ ސިންގަޕޫރުގެ ބިލިޔަނަރަކަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތާއި ގުޅިގެން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފި
ރާއްޖޭގައި ގިނަ އަދަދެއްގެ ރިޒޯޓްތައް ހިންގާ ސިންގަޕޫރުގެ މަހުޖަނެއް ކަމުގައިވާ، އޯންގ ބެންގ ސެންގ ހައްޔަރު ކުރުމުގެ އަމުރެއް ސިންގަޕޫރުގައި ކޮރަޕްޝަންގެ މައްސަލަތައް ބަލާ އިދާރާއިން ނެރެފިއެވެ.

އެ އިދާރާއާ ހަވާލާދީ ސިންގަޕޫރްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއިދާރާއިން ބަލަމުން ދަނީ، ސިންގަޕޫރުގެ ޓްރާންސްޕޯޓް މިނިސްޓަރާއި ގުޅިގެން ބިލިޔަނަރު އޯންގ ހިންގާފައިވާ ކަމަށް ބެލެވޭ ކޮރަޕްޝަންގެ މައްސަލައެކެވެ. އެމައްސަލައިިގައި އޯންގ ހައްޔަރުކުރުމުގެ އަމުރު ނެރުނު އިރު އޭނާ ހުންނެވީ ސިންގަޕޫރުން ބޭރުގައެވެ. އަދި ބަންދުން ސަލާމަތްވުމަށްޓަކައި، ކަފާލާތުގެ ދަށުން މިނިވަން ވުމަށް އޭނާ ވަނީ ސަތޭކަހާސް ޑޮލަރު ދައްކާފައިވާ ކަމުގައިވެސް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ސިންގަޕޫރުގެ ބިލިޔަނަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކެއް އެޤައުމުން ތަޙްޤީޤުކުރަމުންދާއިރު، ރާއްޖޭގައި ހިނގާދިޔަ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގައިވެސް ސިންގަޕޫރުގެ މަހުޖަނެއްގެ އަތެއްވާކަމުގައި، ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ސިންގަޕޫރަކީ، ޤާނޫނު ތަންފީޒް ކުރުމުގައި، ދުނިޔޭގެ އެހެން ޤައުމުތަކަށް ނަމޫނާ ދައްކަމުން އަންނަ ޤައުމެކެވެ.