ރޭޑިއޯ އެކްޓިވްފެން ޓްރީޓްކޮށް ކަންޑަށް ދޫކުރުމާއި ދެކޮޅަށް މުޒާހަރާކުރާ ފަރާތްތަކުން ދެކުނުކޮރެއާގެ ވެރިރަށް ސޯލްގެ މަގުތަކުގައި ----

ޖަޕާނުން ނިއުކުލިއަރ ޕްލާޓުގައި ބޭނުންކޮށްފައި ހުރިފެން ކަނޑަށް އުކާލުމާ ދެކޮޅަށް މުޒާހަރާކޮށްފި

އާދީއްތަ 13 އޮގަސްޓް 2023 | މޫސަ

2011 ވަނައަހަރު ޖަޕާނަށް ކުރިމަތިވި ނުރައްކާތެރި ސުނާމީ ކާރިސާގައި ހަލާުވެގެންދިޔަ، ފުކުޝިމާ ޑައިޗީ ނިއުކްލިއަރ ޕްލާންޓްގައި ހުރި، ރޭޑިއޯއެކްޓިވްފެން ސާފުކުރުމަށްފަހުގައި ކަނޑަށް އުކާލުމަށް ތައްޔާރުވަމުންދާކަން ޖަޕާނުން ހާމަކުރުމާއި ގުޅިގެން، ދެކުނު ކޮރެއާގެ ގިނަ އަދަދެއްގެ ބަޔަކު އެކަމާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

Advertisement


ޖަޕާނުގެ ރަސްމީ ފަރާތްތަކާއި ހަވާލާދީ، އެޤައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނިއުކުލިއަރ ޕަވަރޕްލާންޓްގައި ބޭނުންކޮށްފައިވާ ރޭޑިއޯއެކްޓިވް ފެން ސާފުކުރުމަށް ފަހު، ކަނޑަށް ދޫކޮށްލަން ފަށާނީ މިއޮގަސްޓްމަހުގެ ފަހުކޮޅުގައެވެ.

ދެކުނު ކޮރެއާގައި މުޒާހަރާކުރާ ފަރާތްތަކުން ބުނެފައި ވަނީ، ރޭޑިއޯއެކްޓިވް މާއްދާތައް އެކުލެވޭ ފެން ކަނޑަށް އެޅުމަކީ އެކަމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ފޫނުބެއްދޭނޭ ގެއްލުންތައް ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި ކަނޑަކީ ޖަޕާނުގެ ސަރުކާރުގެ ތަނެއް ނޫންކަމަށާއި ކަނޑަކީ އިންސާނިއްޔަތުގެ އެންމެން ބޭނުން ކުރަން އޮތްތަނެއް ކަމުގައިވެސް، ޖަޕާނުގެ މި ޢަމަލާއި ދެކޮޅަށް މަސައްކަތްކުރާ މީހުން ވަނީ ބުނެފައެވެ. އަދިއެމީހުން ވަނީ، ޖަޕާނުގެ ބިމުގައި އެފެންތައް ބެހެއްޓުމަށާއި، ޕެސިފިކް ކަނޑަށް އެފެންތައް ދޫކޮށް ނުލުމަށް ގޮވާލާފާއެވެ.

ޖަޕާނުގެ ނިއުކްލިއާ ރެގިއުލޭޓަރުން ވަނީ ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ ހޯލްޑިންގްސް (ޓެޕްކޯ) އަށް، މިދިޔަ މަހު ފެން ދޫކުރަން ފެށުމުގެ ހުއްދަ ދީފަ އެވެ. ޖަޕާނުގެ އިތުރުން، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) އިން ބުނެފައި ވަނީ ކަނޑަށް ދޫކުރާ އެފެނަކީ ރައްކާތެރި އެއްޗެއް ކަމަށެވެ. އެހެން ނަމަވެސް ޖަޕާނުގެ އަވައްޓެރި ޤައުމުތަކުން ވަނީ އެފެނުގެ ސަބަބުން، ކަނޑާއި ގުޅުންހުރި ކާބޯތަކެއްޗަށް އޭގެ ނުބައި އަސަރުކޮށްފާނެ ކަމުގެ ބިރުވެރިކަން ފާޅުކޮށްފައެވެ.


ޓްރައިލެޓަރަލް ސަމިޓުގައި އޮގަސްޓް 18 ވަނަ ދުވަހު، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ އާއި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލްއާ ބައްދަލު ކުރައްވާއިރު އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ އެޖެންޑާގައި ހިމަނާފައެވެ.


ޓޯކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީ ހޯލްޑިންގްސް (ޓެޕްކޯ)އިން ރޭޑިއޯއެކްޓިވް ސާފުކޮށްފައިވާ ފެން، ޓޭންކްތަކުގައި ރައްކާކުރަމުންދާއިރު، 2024 ވަނަ އަހަރާއި ހަމައަށް އެކުންފުނީގެ ކެޕޭސިޓީ ފުލްވާނެއެވެ. އެންމެ ފުރަތަމަ ޖަޕާނުން ރޭޑިއޯ އެކްޓިވްފެން ސާފުކުރުމަށްފަހު ކަނޑަށް އުކާލުމަށް މަސައްކަތްކޮށްފައިވަނީ 2018 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް އެކަން ހުއްޓިފައި އޮތީ ދުނިޔޭގެ އެހެން ޤައުމުތަކުގެ ފިއްތުންތަކާއި އެކުގައެވެ.

މުޒާހަރާކުރާ ފަރާތްތަކުން ދުނިޔެއަށް ގޮވާލަމުން ދަނީ މުސްތަޤުބަލުގެ ޖީލުތަކަށްޓަކައި، ޖަޕާނުން ކުރަން އުޅޭ ކަންތައް ހުއްޓުވުމަށެވެ.




 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.