ބިންވެރިޔާ ސްކީމުގެ ގުރުއަތު ނެގުން ---

ބިންވެރިޔާ ސްކީމް: ނިކަމެތިކަމާއި ދަތިހާލުގައި މާލޭގެ ރައްޔިތުންގެ އެތައް ޖީލެއް ނިމިދިޔަފަހުން ދިއްލުނު އުއްމީދުގެ ހުޅުކޮޅު

އަންގާރަ 15 އޮގަސްޓް 2023 | މޫސަ

މާލޭގެ ރައްޔިތުންނަށް ބަންޑާރަ ގޯތި ދޫކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންނެވި ރިޔާސީ ވަޢުދަކީ ފުއްދޭނެ ވަޢުދެއް ނޫންކަމުގައި އިދިކޮޅު ސިޔާސީ މީހުން ތަކުރާރުކޮށް އައީ ބުނަމުންނެވެ. އަދި އެކަމާއި މެދު ޔަޤީންކަމެއް ނެތުމުން އެތައް ބަޔަކު ހިޔާ ފްލެޓްތައްވެސް އެއީ އެމީހުންނަށް ޙައްޤު މިންވަރުކަމުގައި ދެކުނެވެ. އެކަމަކު ހިޔާފްލެޓްތައް ދޫކުރުމުގެ މާކުރިންވެސް މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ގޯތި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވަޢުދު އޮތެވެ.

Advertisement


"އަސްލުވެސް ޤަބޫލެއް ނުކުރަން މާލެއިން ގޯތި ދީފާނެ ކަމަކަށް. އެހެންވެ ހިޔާ ފްލެޓަށްވެސް ވަނީ. އެއްޗެއް ނެތް މީހަކަށް ކައިވަތެއް ލިބުނަސް އެއްޗަކަށް ވާނެތާ!" ކުރިން މާލޭގައި ދަތިޙާލުގައި ދިރިއުޅުނު މާލޭގެ ރައްޔިތަކުން ބުންޏެވެ.

މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމަށް "ބިންވެރިޔާ ސްކީމް" ހުޅުވާލުމުން އެކަމަށް އެދި، 23000 ވުރެ ގިނަ މީހުން ހުށައެޅި އެވެ. އަދި 19،639 ވުރެ ގިނަ މީހުން ގޯއްޗަށް ޝަރުޠު ހަމަވި އިރު، ބިންވެރިޔާ ސްކީމުގެ ދަށުން ޖުމުލަ 9003 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ހުޅުމާލެއިން 1351 ގޯއްޗާއި، ގުޅީފަޅުން 5432 ގޯއްޗާއި، ގިރާވަރުފަޅުން، ދޫކުރާ 2218 ގޯތި ހިމެނެއެވެ.

މާލެ ސަރަހައްދުންގެ ތިން ތަނަކުން ގޯތި ދޫކުރާއިރު، ކޮންމެ ކެޓަގަރީއަކަށްވެސް ހުޅުމާލެއާ ގުޅީފަޅު އަދި ގިރާވަރުފަޅުން ގޯތި ކަނޑައަޅާފައިވެއެވެ.

ގޯއްޗަށް އެދި ހުށައެޅި މީހުންނަށް ގޯތި ލިބޭ ތަން ކަނޑައެޅުމަށް މިއަދު ގުރުއަތު ނެގުން ފަށާފައިވާއިރު، ގަލޮޅު ދަނޑުން ފެނުނީ، މާލޭގެ ރައްޔިތުން ގޯއްޗަށް އެދި ތިބި މިންވަރެވެ. ދަތިހާލުގައި މުޅި ޙަޔާތް ނިމިދިޔަ އެތައް ޖީލެއްގެ މީހުން އެދި ދުޢާކޮށްކޮށް ތިބީ، އެމީހުންނަށް މިހާރު އާބާދުވެފައިވާ ހުޅުމާލެއިން ގޯތި ލިބުމަށެވެ.

"ގުރުއަތަށް އައި އިރުވެސް ހަމަ ހިތްތެޅޭ، ނޭގެ ކުރެވޭ އިޙްސާސް ބުނެދޭކަށް." ގޯތި ގުރުއަތަށް އައިސް ހުރި މީހަކު އެހެން މީހެއްގެ ގާތުގައި ބުނާއަޑު އިވުނެވެ.

ގޯތި ލިބޭތަން ކަނޑައެޅުމަށް 11 ޖަހާއިރު ގުރުއަތުލުން ފެށުމަށް ހަމަޖެހިފައި ވީނަމަވެސް، ބައެއް އިންތިޒާމްތައް ހަމަނުޖެހި ހުރުމުގެ ސަބަބުން ގުރުއަތުލުން ފެށުނީ، 12 ޖެހިފަހުންނެވެ. ގަލޮޅުދަނޑުގައި ޖަހާފައިވާ ޓެންޓުގައި އޭރު އެތައް ބަޔަކު ޖަމާވެ ތިބީ ކެތް މަދުވެފައެވެ.

"އަހަރެން އުޅެބޮޑުވީ، ބައްޕައަށް މާމަ ގެއިން ބަހައިގެން ލިބުނު ދެކޮޓަރި ވަރުގެ ތަންކޮޅުގައި. އަހަރެންގެ ދަރީންވެސް ބޮޑުވީ އެތަނުގައި. މިހާރު މާމަދަރީންވެސް ތިބީ އެތަނުގައި. ދުވަހަކުވެސް ހިޔެއް ނުކުރަން މިދުވަސް އަތުވެދާނެ ކަމަކަށް. އަހަރެންގެ ހުރިހާ ދަރީންނާއި އެކު ތަނަވަސްކަމާއި އެކު ދިރިއުޅެވޭނެ ގޯއްޗެއް ލިބިދާނެ ކަމަކަށް. " ދޮށީ އުމުރުގެ އަންހެނަކު ބުންޏެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދޭތީ ފާޑު ކިޔާ ސިޔާސީ މީހުންނާއި، އެކަމާއި ދެކޮޅުވެގެންތިބި މާލެ އުފަން ނޫން މީހުންނަށް ލޯހުޅުވާލަން ބޭނުން ނުވާ ހަޤީޤަތަކީ، މާލޭގެ ބިންވެރި މުއްސަނދިންނަކީ، ނިސްބަތުން މަދު ބައެއް ކަމެވެ. ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މާލެ އުފަން މާލޭ މީހުންގެ ތެރޭގައި ވަރަށް ދަތިހާލުގައި ދިރިއުޅެން ޖެހިފައިވާ އެތައް ހާސް ބަޔަކު އެބަތިއްބެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި މާލޭގެ މާފަންނުގައި ހުރި ބައެއް ގޭގޭގައި އެފަދަ އާއިލާތައް ގިނަކަން ފާހަގަކުރެވި އެފަރާތްތަކަށް ޚާއްޞަ، ސޯޝަލް ހައުސިންގެ ފްލެޓް ދޭނެކަމަށް ބުނި ނަމަވެސް އެކަން ނިމިގެން ދިޔައީ ބިލާހަކަށް ވެގެންނެވެ.

ޅަފަތާއި ފުރާވަރާއި ޒުވާން އުމުރުގައި ގޭގެ ސިޓިންގރޫމުގައި ނިދާލައިގެން އުޅެން ޖެހުނު މާލެ އުފަން މާލޭ ޒުވާނުން މަދެއް ނޫނެވެ. ގޭތެރޭގެ ދަތިކަމުގައި ގެއަށް ނުވަންނާންވެގެން މަގުމަތީގައި ފުރާވަރު ހޭދަކޮށްލި އެތައްކުއްޖެއްގެ ޙަޔާތް މަސްތުވާތަކެއްޗާއި ގުރޫޕް މާރާމާރީގެ ތެރޭގައި ގެއްލި ދިޔަވަރުވެސް މަދެއް ނޫނެވެ. ބައިގަރުނުގެ ތެރޭގައި މާލޭގައި މާލޭގެ ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު އަމިއްލަ ބޯހިޔާވަހިކަމެއް ނެތި، އެކަށީގެންވާ ގޮތެއްގައި ދިރިއުޅޭނޭ މާހައުލެއް ނުލިބި މުޅި ޙަޔާތްވޭތުވެގެން ދިޔައިރު، އެޝަކުވާތަކަށް ނިމުމެއް ގެނެސް އުއްމީދުގެ ހުޅުކޮޅު ދިއްލައިދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

މާލޭގެ ރައްޔިތުންނަށް ޖެހިފައި އޮތް ޒަމާންވީ ބޯހިޔާވަހި ކަމުގެ ގިލަންވެރިކަމަށް ނިމުމެއް ގެނައުމަށް މާލޭގެ ރައްޔިތުންނަށް ބަންޑާރަގޯތި ދިނުމަކީ، އޭގެ ސަބަބުން މީހުންގެ ދިރިއުޅުމަށާއި އިޤުތިޞާދަށް ބަދަލު އަންނާނެ ކަމެކެވެ. އެކަމަކު އެބަދަލުތައް ފެންނަން ފަށާނީ، މިއަދު އެދޫކުރާ ގޯތިތައް އާބާދުވާން ފެށުމާއި އެކުގައެވެ. މުސްކުޅި މާލެއަށް ލުއިވާން ފެށުމާއެކުގައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.