
ބަނގުލަދޭޝްގެ އިދިކޮޅު ލީޑަރު ޖަލުގައި މަރުވުމާއި އެކު ހަމަނުޖެހުންތައް ބޮޑުވެއްޖެ
ބަނގުލަދޭޝްގެ އިދިކޮޅު ލީޑަރެއް ކަމުގައިވާ، ޖަމާޢަތޭ އިސްލާމްގެ ލީޑަރު، ދިލާވަރް ހޮސެއިން ސަޢީދީ ޖަލުގައި މަރުވުމާއިއެކު އޭނާގެ ސަޕޯޓަރުން މަގުތަކަށް ނުކުމެ މުޒާހަރާކޮށް ހަމަނުޖެހުންތައް ހިންގަން ފަށައިފިއެވެ.

ރަސްމީ ފަރާތްތަކާއި ހަވާލާދީ، ބަނގުލަދޭޝްގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިލާވަރް ހޮސެއިން ސަޢީދީ މަރުވެފައި ވަނީ ހޯމަ ދުވަހުގެރޭ 8:40 ހާއިރުގައެވެ. އަދި އޭނާ މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށާއި، އާދީއްތަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން އޭނާ އުޅުނީ މޭގައި ރިއްސާތީ ކަމުގައިވެސް ބުނެފައިވެއެވެ.
ބަނގުލަދޭޝްގެ ރަސްމީ ފަރާތްތަކުން ބުނީ ދިލާވަރް ޙޮސެއިން މަރުވީ، އޭނާއަށް ބަންގްބަންދު ޝެއިޚް މުޖީބު މެޑިކަލް ޔުނިވަރސިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ.
ދިލާވަރް ޙޮސެއިން މަރުވި ޚަބަރާއިއެކު، ރޭ 9:30 އިންފެށިގެން ބަންގްބަންދު ޝެއިޚް މުޖީބު މެޑިކަލް ޔުނިވަރސިޓީގެ ސަރަހައްދަށް މީހުން ވަނީ ޖަމާވާން ފަށާފައެވެ. އަދި އެމީހުންވަނީ ސަރުކާރާއި ދެކޮޅު ޝުޢޫރުތައް ފާޅުކޮށްފައެވެ.
ކުރިން ބަނގުލަދޭޝްގެ ޕާލަމެންޓް މެމްބަރުކަމުގެ މަޤާމުވެސް ފުރާފައިވާ ދިލާވަރް ޙޮސެއިން ސަޢީދީއަކީ، އޭނާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވާ މީހެކެވެ. އޭނާގެ މައްޗަށް ހަނގުރާމައިގެ ކުށްތައް ސާބިތުވާކަމަށް ކަނޑައަޅާފައި ވަނީ، އިރުމަތީ ޕާކިސްތާނުގެ ގޮތުގައި ބަނގުލަދޭޝް އޮތް ދުވަސްވަރު، ޕާކިސްތާނުގެ ދަށުން ވަކިވެގަތުމަށް ބަނގުލަދޭޝްގެ ރައްޔިތުން ކުރި ހަނގުރާމައިގައި، ޕާކިސްތާނަށް ޖާސޫސްކޮށް ދިނުމާއި، ރޭޕްކުރުމާއި ލޫޓުވުމުގެ ކުށްތަކުގައެވެ.
ދިލާވަރް ޙޮސެއިން ސަޢީދީގެ މައްޗަށް އުފުލި ދަޢުވާތައް ސާބިތުވާކަމަށް ނިންމައި އޭނާ މެރުމަށް ޙުކުމް ކުރީ، 28 ފެބުރުއަރީ 2013 ގައެވެ. އޭނާގެ މައްޗަށް ކުރި އެޙުކުމާއި ގުޅިގެން އޭނާއަށް ތާއީދުކުރާ ފަރާތްތަކުން 1 މާރިޗު 2013 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރި މުޒާހަރާތަކާއި ހިންގި ހަމަނުޖެހުންތަކުގައި 70 މީހުން މަރުވިއެވެ.