
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ވޯޓުލައްވައިފި
މިއަދު މުޅި ރާއްޖޭގައި ކުރިއަށްދާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވޯޓުލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޯޓުލެއްވީ، ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފަ ހުރި އެމަނިކުފާނު ނިޞްބަތްވެ ވަޑައިގަންނަވާ ދާއިރާގެ ވޯޓު ފޮށްޓަށެވެ.
ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މިނިވަން ކެމްޕޭނަކަށްފަހު ވޯޓުލާން ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއިންތިޚާބަކީ މުޅި ރާއްޖެ ދެކޭ އެންމެ ޑިމޮކްރެޓިކް އެއް އިންތިޚާބަށް ވާނެ ކަމަށާއި، މިއިންތިޚާބުގައި 90 އިންސައްތަ މީހުން ވޯޓުލާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ. މީގެއިތުރުން ރައީސް ވަނީ، އިންތިޚާބު ރަނގަޅަށް ކުރިއަށްދާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ހުރިހާ ރައްޔިތުންވެސް ވޯޓުލުމުގެ ހައްގު ބޭނުންކުރުމަށް އެދިވަޑައިގެންފައެވެ.
ރިޔާސީ އިންތިޚާބު 2023ގެ ވޯޓުލުން ފެށުނީ، މިއަދު ހެނދުނު 8 ގަޑި ސުންމިނެޓްގައެވެ. ވޯޓުލުން ބަންދުވާ ގަޑިއަކީ، ހަވީރު 4 ގަޑި ސުންމިނެޓެވެ. އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވާ ގޮތުގައި މި އިންތިޚާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވެއެވެ. އަދި ރިޔާސީ އިންތިޚާބު 2023 އަމާންކަމާއި އޮމާންކަމާއެކު ކުރިޔަށް ގެންދިއުމުގެ ހުރިހާ އިންތިޒާމުތަކެއް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ކޮންމެ 5 އަހަރަކުން އެއްފަހަރު ރިޔާސީ އިންތިޚާބު ބާއްވާއިރު، ރިޔާސީ އިންތިޚާބު 2023ގައި ޖުމްލަ 8 ކެނޑިޑޭޓަކު ވާދަކުރައްވައެވެ.