އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ކުރީގެ ރައީސް ޔާމީން -- ފޮޓޯ: ދި ވަޔަރ

ވޯޓުގެ ބޭނުމުގައި އިންޑިއާއާ ގުޅުވައި އިދިކޮޅުން ފަތުރާ ދޮގުތައް، ދިވެހިންނަށް ފޫނުބެއްދޭނެ ގެއްލުމަކަށްވެދާނެ!

ބުދަ 13 ސެޕްޓެމްބަރ 2023 | މޫސަ

އިންޑިއާ އާ ޗައިނާ އަކީ، ދުނިޔޭގެ ބޮޑު ނިއުކުލިއަރ ދެބާރެވެ. ދެޤައުމުގެ ދެމެދުގައި އޮތް ވާދަވެރިކަމުގެ ތެރޭގައި ރާއްޖެއާ ދިވެހީން ފިތިގެންދާން ޖެހުނީ، ޒަމާނުއްސުރެ ދިވެހި ދައުލަތުން ހިފަހައްޓަމުން އައި، ތިލަފަތް ހަމަ ޚާރިޖީ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް ވަޑައިގެން ޗައިނާ ކޮޅަށް އަރިކޮށްލެއްވުމުންނެވެ. ޗައިނާގެ އިޤުތިޞާދީ އަޅުވެތިކަމާއި ދިމާއަށް ރާއްޖޭގެ މިސްރާބު ދީލައިލެއްވުމުންނެވެ.

Advertisement


އިންޑިއާކަނޑުގައި ޗައިނާގެ ބާރުގަދަ ކުރުމަށް، ޗައިނާއިން ކުރާ ކޮންމެ މަސައްކަތަކަށް، އިންޑިއާއިން ފާރަވެރިވެ ދެކޮޅު ހަދާނެއެވެ. އިންޑިއާގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އިންޑިއާއިން އަޅާނެއެވެ. ރަޝިޔާއިން އެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރާ މަސައްކަތުގައި، ޔޫކުރެއިނުން ގޮންޖަހައި ނިންމި ނިންމުންތަކާއިއެކު، އޭގެ ވޭނާއި ތުރާލާއި ގެއްލުމާއި ދަތިތައް އުފުަލަން ޖެހުނީ، ޔޫކުރެއިނުގެ އާއްމު ރައްޔިތުންނަށެވެ. ސަލަމާތާއި އެހީއަށް އެދި ޔޫކުރެއިނުން ގޮވާއިރު ދުނިޔެ އޮތީ ބަލާށެވެ. އދއިން އޮތީ ބަލާށެވެ. މިއަދު ޔޫކްރެއިން އެއޮތް ހާލަތަކީ، މުޅިދުނިޔެއަށް ފެންނަން އޮތް އޭގެ މައްޗަށް އިތުރަށް ވާހަކައެއް ދައްކަން ނުޖެހޭފަދަ ސާފު ޙާލަތެކެވެ.

އިންޑިއާއަކީ، ޖޯގްރަފީ ގޮތުން ބެލިޔަސް ދިވެހިރާއްޖެއާ އެންމެ ގާތުގައި އޮތް ޤައުމެވެ. ޤުދުރަތީ ކާރިސާތަކުގަޔާއި، ނިރުބަވެރި ހަމަލާތަކުގައި ސަލާމަތްތެރިކަމެއް ހޯދުމަށް ދިވެހިން އަތްދިއްކޮށްލަން އޮތް ޤައުމެވެ. ދިވެހިންނަށް މިހާތަނަށް ޖެހުނު ކޮންމެ ގިލަންވެރިކަމެއްގައި އެހީވެފައިވާ ޤައުމެވެ. ދިވެހިރާއްޖޭގެ އިޤުތިޞާދާއި، ތަޢުލީމާއި، ސިއްޙަތާއި، އުމުރާނީ ތަރައްޤީގައިވެސް އެޤައުމަކަށް ދިވެހިރާއްޖެ އެތައް ޒަމާނަކުން ފެށިގެން ބަރޯސާވާން ޖެހިފައިވާ ޤައުމަކީ އިންޑިއާއެވެ. ދިވެހިރާއްޖޭގެ ވެރިކަމަށް ކޮންމެ ޕާޓީއެއް އަޔަސް އަދި ކޮންމެ މީހަކު އަޔަސް، އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި އެތައް ޒަމާނަކުއްސުރެ އުފެދިފައިވާ މިދެންނެވި ގުޅުންތައް އެހެން ދިމާއަކަށް އަނބުރައިލުމަކީ، ވާނޭ ކަމެއް ނޫނެވެ. މީގެ ކުރިން އިންޑިއާ އައުޓްގެ ނަމުގައި، ރައީސް ޔާމީން ތާއީދު ދެއްވައިގެން، ޕީޕީއެމް، ޕީއެންސީ ހަރަކާތްތަކެއް ހިންގި ނަމަވެސް ޚުދު ރައީސް ޔާމީނުވެސް އެމަނިކުފާނުގެ ވެރިކަމުގައި ދިވެހީންނަށް އިންޑިއާގެ މުހިއްމުކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. 

"އަޅުގަނޑުމެން ރަމަޟާން މަހަށް އަލުވި، ފިޔާ، މިރުސް ނުލިބުނިއްޔާ އަޅުގަނޑުމެން އަނެއްކާވެސް ޖެހިލަން އޮންނަނީ، އުތުރުކަރަޔާއާ ހަމައަށް. އިންޑިއާ އާހަމަށް ... އަޅުގަނޑުމެން ސިޔާސީ މީހުން މިކަހަލަ ޕޯޑިއަމްތަކަށް އަރައި ޖަޒްބާތާއި އެކީ އެކިއެކި ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ފަހަރުގައިވެސް ޚިޔާލަކަށް ނުގެންނަމު، އަޅުގަނޑުމެންނަކީ ކިހާ ނާޒުކު ހިސާބެއްގައި ތިބި ބައެއް ކަމެއް. އެ މާސިންގާ ބޮޑު އިންޑިއާ ކަނޑުގައި އޮތް އެންމެ ކުޑަކުޑަ ޖަޒީރާ އަދި އެންމެ ނިކަމެތި ޤައުމަކީ ދިވެހިރާއްޖެ." ދިވެހިރާއްޖެ އިންޑިއާގެ މައްޗަށް ބަރޯސާވާ މިންވަރާއި ދިވެހިރާއްޖޭގެ ނާޒުކު ހާލަތު ހާމަކޮށްދެއްވުމުގެ ގޮތުން ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ޕީޕީއެމް ޕީއެންސީން އިންޑިއާއައުޓްގެ ނަމުގައި ހިންގި ހަރަކާތްތަކަކީ، މިނިވަންކަމުގެ ލޭ ހިނގާ ދިވެހިރައްޔިތުންގެ ޖަޒްބާތުތައް ކައްކުވައިގެން ތާއީދު ހޯދުމަށް ހިންގި ހަރަކާތްތަކެކެވެ. ރައްޔިތުންލީ ސާފު ވޯޓަކުން ރައީސް ޔާމީނުގެ ވެރިކަން ރައްޔިތުން ނިމުމަކަށް ގެނައުމުން، އަލުން ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯއްދެވުމަށްޓަކައި ރައީސް ޔާމީނުބައިވެރިވެވަޑައިގެން ފެއްޓެވީ އިންޑިއާއައުޓް ގޭމެކެވެ. އެ ގޭމް ބިނާކޮށްފައި ވަނީ ބުހުތާނު އެތައް ދޮގެއްގެ މައްޗަށެވެ. އިންޑިއާއާ މެދު އާއްމު ދިވެހިންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ޖަޒްބާތުތައް ކައްކުވައިގެން ވެރިކަމަށް އަލުން އައުމުގެ ބޭނުމުގެ މައްޗަށެވެ.


ދިވެހިރާއްޖޭގައި އަސްކަރީ ބޭނުމަށް، އިންޑިއާ ސިފައިން ހަރަކާތްތެރި ނުވާކަމުގައި، ކުރީގެ ރައީސް މައުމޫނު ވިދާޅުވިއެވެ. މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވެސް ވިދާޅުވިއެވެ. ދިވެހި އަސްކަރިއްޔާގެ އެންމެ އިސްވެރިންވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ޤަބޫލު ކުރާކަށް ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓާއި އެކެންޑިޑޭޓަށް ތާއީދު ކުރާ ނޫސްވެރިން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި އިންޑިއާ ސިފައިންނާއި ދިވެހި ސިފައިންގެ ބޭނުންތަކަށް، އުތުރު ތިލަފަޅު ޚާއްސަކޮށް އެއްބަސްވުމުގައި ސޮއެކުރިއެވެ. އިންޑިއާއިން ރާއްޖެއަށް ދެވަނަ އަސްކަރީ ހެލިކޮޕްޓަރެއް ހަދިޔާކުރުމުގެ އެއްބަސްވުމުގައި ސޮއެކުރިއެވެ. އެހެން ނަމަވެސް މިއަދު އެވާހަކަތައްވެސް ސިޔާސީ ބޭނުމަށް ހަމަ އެފަރާތްތަކުން އޮޅުވާލައިގެން ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމުގެ އެތައް އަމަލެއް ދަނީ ހިންގަމުންނެވެ. އެކަމުގައި ހުރަސްކޮށްގެން ނުވާނޭ ރަތް ރޮނގުތައްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ހުރަސްކޮށްފައެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒްގެ ރަސްމީ ލިޔުމެއް ކަމަށް ބުނެ ލިޔުމެއް އުފައްދައިގެން ދޮގުވާހަކަތައް ފަތުރައިފިއެވެ. އެމްއެންޑީއެފްގެ ޑޯނިއާ މަތިންދާ ބޯޓުގައި ތިނަދޫއިން ހާލު ދެރަ ކުޑަކުއްޖެއް މާލެ ގެނައުމުގެ ކަންކަން ހިނގަމުންދަނިކޮށް، އިންޑިއާ ސިފައިން ރާއްޖެއިން ފުރަނީ ކަމަށް ބުނެ އެފޮޓޯ ދައުރުކޮށްފިއެވެ. 

އިންޑޮނޭޝިއާއިން ދިވެހިރާއްޖެއަށް ދަތުރުކުރަމުން އައި ޓަގްބޯޓެއްގެ ކަފުގައި އޮތް ބާޖެއްގައި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދިން އިރު އެކަން އޮޅުވާލައި، މަސްބޯޓެއްގައި އިންޑިއާ ސިފައިންތަކެއް ޤާނޫނާއި ޚިލާފަށް ފަތުރައިފިއެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ދިވެހި ޚާރިޖިއްޔާއިން އދ.އަށް ހުށައެޅިކަމަށް ބުނާ ލިޔުމެއް އާއްމުކޮށް ދިވެހިރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ މަސައްކަތްތައްކޮށްފިއެވެ. އަދިވެސް އެފަރާތްތަކުން ދަނީ އެމަސައްކަތް އެގޮތަށް ކުރަމުންނެވެ.


ޕީޕީއެމް ޕީއެންސީން ވެރިކަމަށް އައުމަށް ބޭނުންކުރާ ހަތިޔާރެއް އަދި އުކުޅެއްގެ ގޮތުގައި އިންޑިއާއާމެދު ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ބިރުވެރިކަން ފަތުރާނަމަ، އެއީ ދުރު މުސްތަޤުބަލަށް ބަލާއިރު، ރާއްޖެއަށާއި ދިވެހިންނަށް ލިބޭނޭ ފޫނުބެއްދޭނެ ގެއްލުމެކެވެ. އެއީ މުސްކުޅި ހަރުބަހެއްގައި ވާފަދައިން، ކަނާތުން ޖަހައި ވާތް ބުރިކޮށްލުންފަދަ ކަމެކެވެ.

ވެރިކަމަށް އައުމަށް ކުރާ ކެމްޕޭންތައް ވާންވާނީ، އޭގެ ހުދޫދާއި ދާއިރާގެ ތެރޭގައި ކުރެވޭ ކަމަކަށެވެ. ދައްކާވާހަކައާ ކުރާ އަމަލުތައް ހުންނަން ޖެހޭނީ ދިވެހީން ނުރައްކަލަށް ހުށަނޭޅޭ ގޮތަކަށެވެ. އެހެން ނޫންނަމަ ދިވެހިން އަދާކުރަންޖެހޭ އަގު ބޮޑުވެދާނެއެވެ. ލިބޭ ގެއްލުން ފޫ ނުބެއްދިދާނެއެވެ.






ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.