ރައީސް ޔާމީނާއި ޑރ މުޢިއްޒު --

ޑރ. މުއިއްޒުގެ ހިޔަނިން އުފައްދާ ޔާމީނުގެ ވެރިކަން، ކުރިއަށްވުރެ ވެސް އަނިޔާވެރި ވާނެ

ހުކުރު 15 ސެޕްޓެމްބަރ 2023 | މޫސަ

2013 އިން 2018އަށް ރައީސް ޔާމީން ކުރެއްވި ވެރިކަމަކީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީގެ އަލިވިލުނުފަހުން ކުރި އެންމެ ޚުދުމުޚުތާރު އަދި އަނިޔާވެރި ވެރިކަމެވެ. އެއީ، ޑިމޮކްރަސީގެ ފޭރާމުގައި، ހިންގޭނެ އެފަދަ ދެވަނަ މިސާލެއް ނެތްފަދަ އަނިޔާވެރި ވެރިކަމެކެވެ. އެވެރިކަމުގެ ފެށުމާއި ނިމުމާއި ހަމައަށްވެސް ވަނީ، ކަރަޕްޝަނާއި ފަސާދަޔާ، ބޭއިންސާފާ އަނިޔާގެ ދިގު ލިސްޓްތަކެވެ. ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑުކޮށްލެއްވިއެވެ. ޤާނޫނު ހެދުމުގެ ބާރާއި، ޢަދުލު އިންސާފުގެ ބާރު ސަރުކާރުކާރުގެ މުށުތެރޭގައި ފިއްތައިލިއެވެ. ބޭއިންސާފަކީ އިންސާފު ކަމުގައި ހަދައިލިއެވެ. ޤާނޫނާއި ޤާނޫނު އަސާސީއަކީ ހަމައެކަނި ދެލިގަނޑެއް ކަމުގައި ހަދައިލިއެވެ.

Advertisement


ރައީސް ޔާމީނު މިވަގުތު ހުންނެވީ، އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތާއި މަނީލޯންޑަރިންގެ ދައުވާތައް ސާބިތުވެ ހުކުމްތަންފީޒުކުރެއްވުމަށް ޖަލުގައެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމަށް ކުރިމަތިލެއްވި ސަބަބަކީ ރައީސް ޔާމީނު މިނިވަން ކުރެއްވުމެވެ. އޭނާ ވެރިކަމަށް ވަޑައިގެން ކުރައްވާނެ އެންމެ ފުރަތަމަ ކަމަކަށް ޕީޕީއެމް ޕީއެންސީގެ މެމްބަރުންނަށް ވާ ވަޢުދަކީވެސް ރައީސް ޔާމީނު މިނިވަން ކުރެއްވުމެވެ. އެހެންކަމުން ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފި ނަމަ އޭނާގެ ހިޔަނީގައި ވެރިކަން ހިންގަވަން ހުންނަވާނީ ރައީސް ޔާމީނެވެ. އަދި ޖަލުން ނިކުމެވަޑައިގެންނެވުމަށް ފަހުގައި، ޑރ. މުއިއްޒުގެ އަތުން ވެރިކަމުގެ ބާރުތައް ރައީސް ޔާމީން އަތުލައްވާނެއެވެ. އެކަމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް، "ހަމަ ކޮންމެކަމެއްވެސް" ރައީސް ޔާމީން ކުރައްވާނެއެވެ.

މިޒާޖުގައިވެސް ރައީސް ޔާމީނަކީ، ރުންކުރު ބޭފުޅެކެވެ. މީހުންނަށް އަނިޔާވެރިވުމާއި، ބަދަލު ހިފުމުގެ ރޫޙް ބޮޑު ބޭފުޅެކެވެ. މީގެ އިތުރުން، އެމަނިކުފާނަކީ، އެމަނިކުފާނު ފިލައި ހުންނަވައިގެން އެމަނިކުފާނު ބޭނުންވާ ކަންކަން އެހެން މީހުން ލައްވައި ކުރުވާ ބޭފުޅެކެވެ. އެހެންކަމުން ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ، ޑރ. މުއިއްޒުގެ ނިވަލުގައި ހުންނަވައި ރައީސް ޔާމީން ފަތުރުއްވައިލައްވާނެ އަނިޔާވެރިކަން ޚިޔާލަށްވެސް ގެންނަން ދައްޗެވެ.

އެމަނިކުފާނަށް 2018ގައި ވެރިކަން ގެއްލުނީ، ސީދާ ރައްޔިތުންގެ ވޯޓުގެ ސަބަބުންނެވެ. ވެރިކަން ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީނަށް ކުރެވެން އޮތް ހުރިހައިކަމެއް ކުރެއްވިއެވެ. ނޫސްވެރިކަމުގެ މިިނިވަންކަމުގެ ހައްޤުތައް ނިގުޅައިގަތުމާއި، ޕީޕީއެމްގެ ބާރުތައް ފޭރިގަތުމާއި، އެއްބަފާ މުސްކުޅި ބޭބޭފުޅު ރައީސް މައުމޫނު ޖަލަށް ލެއްވުމާއި، މަޖިލީހުގެ އެތައް މެމްބަރުންނެއް ޖަލަށް ލެއްވުން ހިމެނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އެމަނިކުފާނުގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތައް ހުއްޓެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ހިނގައި ދިޔަ ކަންކަމުން އެތުހުމަތުތަކުގެ ތެދުކަމުގެ މައްޗަށް އިތުރު ބާރުތަކެއް ލިބިގެން ގޮސްފައިވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް ކުރެވުނު ބޮޑެތި ބައެއް ތުހުމަތުތަކާއި ހިންގަވާފައިވާ އަނިޔާވެރި ޢަމަލުތައް:

- 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރީގެ މައްސަލަ

- ގޭންގުތަކާއި އޮތް ގުޅުން

- ދީނީ ޢިލްމްވެރިޔާ ޑރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލަ

- މިނިވަން ނޫހުގެ ނޫސްވެރިޔާ، މ. ޝައިނިންގ ސްޓަރ އަޙްމަދު ރިޟްވާން ޢަބުދުﷲ ވަގަށް ނަގައި މަރާލި މައްސަލަ

- ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ

- ޑރ މުޙައްމަދު ޖަމީލު އަޙްމަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުން ވަކިކުރުމުގެ މައްސަލަ

- ޤާނޫނު އަސާސީގެ ރޫޙާއި ޚިލާފަށް ޤާނޫނު އަސާސީއަށް އިސްލާޙް ގެނެސް އަޙްމަދު އަދީބު އަބްދުލް ޣަފޫރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް ގެންނެވުން

- ސަޢޫދީ ޝާހީ އާއިލާއަށް ފ. އަތޮޅު ވިއްކާލަން އުޅުއްވުން

- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުން

- ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލައި ބައެއް މެމްބަރުން ޖަލަށްލެއްވުން

- އުއްތަމަ ފަނޑިޔާރު ޢަބުދުﷲ ސަޢީދާއި، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު ހައްޔަރުކުރެއްވުން

- ޑިފެންސް މިނިސްޓަރ ނާޒިމް ފްރޭމްކުރައްވައި ޖަަލަށްލެއްވުން

- އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް މަޤާމުން ވަކިކުރެއްވުން

- ޕްރޮސެކިއުޓަރ ޖެނެރަލް މުޙްތާޒް މުޙްސިން މަޤާމުންވަކިކޮށް ޖަަލަށްލެއްވުން

- އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ފަޅާއަރުވާލި ބޭންކް އޮފް މޯލްޑިވުސް، ފ ނިލަންދޫ ބްރާންޗުގެ މެނޭޖަރ ޤާސިމް ޢަބުދުލްކަރީމް ހައްޔަރުކޮށް ޖަލަށްލުން

- އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް

- އަސާސީ ކާޑުގެ ބާވަތްތަކުންދޭ ސަބްސިޑީ ކަނޑާލުން

- ކަރަންޓްބިލްތަކުގެ ރޭޓް މަތިކުރުން

- ޢަރަބިއްޔާ އާއި ގާކޮށި ފްލެޓްތައް ލިބުނު މީހުންގެ އަތުން އެތަންތަން އަތުލެއްވުން

- ގުޅިފަޅުން ފްލެޓްގަތް މީހުންގެ އަތުން އެތަންތަން އަތުލައި އެޕްރޮޖެކްޓް ހުއްޓުވުން

- އަމިއްލަ މަންފާއަށް މަޤާމުގެ ނާޖާއިޒްް ފައިދާ ނެންގެވުން

ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވި އިރުވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ ކަންތައްތަކެއް ހުއްޓެވެ. އަދި އެމަނިކުފާނުގެ މިޒާޖާއި އަމަލުފުޅުތައް ހުންނަ ގޮތުގެ މައްޗަށް މީހުންގެ ނުރުހުން އަމާޒުވެފައި ހުއްޓެވެ. މިގޮތުން އެމަނިކުފާނު، ނ. އަތޮޅުގެ މެމްބަރުކަމުގައި ހުންނެވި އިރު، ފައިންޕުޅު ދެކެން އައި އެއަތޮޅުގެ ބަޔަކަށް ފައި ދައްކަވާފައި މަލާމާތް ކުރެއްވި ކަމަށް ބުނާ ވާހަކަތަކެއް އެއަތޮޅުގެ މީހުން ދައްކައެވެ.

07 ފެބުރުއަރީ 2012ގައި ރައީސް ނަޝީދުގެ ވެރިކަން ވައްޓައިލި އިރު، ރައީސް ޔާމީނުގެ މައްޗަށް ތުހުމަތު ކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގުވިޔަފާރީގެ މައްސަލަތަކެއް އެމްޑީޕީ ސަރުކާރުން ދިޔައީ ބަލަމުންނެވެ. އަދި ގްރާންޓްތޯޓަން ނަމަކަށް ބޭރުގެ ކިޔާ ޤާނޫނީ މަސައްކަތްތައްކުރާ ކުންފުންޏަކާއި ހަވާލުކޮށްގެން ހިންގަމުން އައި ތަހްޤީޤުތައް ހުއްޓުވައިލީ، ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަން މަނިކުގެ ސަރުކާރުގައި ރައީސް ޔާމީނަށް އޮތް ނުފޫޒުގެ ތެރެއިންކަމަށް ވެސް އެމްޑީޕީގެ އިސްބޭފުުޅުން ބުނެފައިވެއެވެ.


ރައީސް ޔާމީނާއި ދެކޮޅަށް ކުރެވޭ އެންމެ ސީރިއަސް އެއް ތުހުމަތަކީ، ޑރ، އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައެވެ. އަފްރާޝީމް ޢަލީ 1 އޮކްޓޫބަރ 2012 ވަނަ ދުވަހުގެ ރޭ މެންދަމު ބަޔަކު، ކަތިވަޅިއަކުން ހަމަލާދީ އަވާހަރަކޮށްލުމުގައި ރައީސް ޔާމީނަށް ތުޙުމަތު ކުރާ ސަބަބަކީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޑރ އަފްރާޝީމް ޢަލީ ޕީޕީއެމްގެ ޓިކެޓްގައި ނުކުމެވަޑައިގެންނެވުމުގެ ވާހަކަތައް ދެކެވުނު ކަމަށް ބުނާ ސަބަބެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރުގައި ހޯމް މިނިސްޓަރުގެ މަޤާމު ފުރުއްވި، ޢުމަރު ނަސީރު ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި، ޑރ އަފްރާޝީމް ޢަލީގެ މަރާއި، ރައީސް ޔާމީނާއި ގުޅުން އޮތްކަމަށް ވިދާޅުވެފައެވެ. އަދި ގޭންގުތަކާއި ރައީސް ޔާމީނާއި ގުޅުން އޮންނަ ކަމުގައިވެސް، އުމަރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަމުގައި އުމަރު ނަސީރަށް ހޯމް މިނިސްޓަރުގެ މަޤާމު ދެއްވުމުން، ކުރިން ދެއްކެވި ވާހަކަތައް އުމަރު ނަސީރު ބަދަލު ކުރެއްވިއެވެ. އަދި އުމަރު ނަސީރު ހޯމް މިނިސްޓަރުގެ މަޤާމުން ވަކިކުރެއްވުމަށްފަހުގައި، އެމަޤާމަށް ރައީސް ޔާމީން ފަހުން ހަމަޖެއްސެވީ އަޙްމަދު އަޒްލީނެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބުދުﷲ ވަގަށް ނަގައި މަރާލީ، 8 އޮގަސްޓް 2014ގައެވެ. ރިޟުވާނު ގެއްލިގެން އޭނާ ހޯދުމަށް ކުރި މަސައްކަތަށް ރައީސް ޔާމީނުގެ ސަރުކާރުން ހުރަސްތައް އެޅިއެވެ. އަދި އެކަމުގައި މީޑިއާތަކުން ކުރި ސުވާލުތަކަށް ރައީސް ޔާމީން ދެއްވީ ފިނި ޖަވާބެކެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ގދ އަތޮޅުގެ ރަށެއްގައި ވާހަކަފުޅު ދައްކަވަމުން، ރިޟުވާނު މަރުވެފައިވާ ކަމަށް ރައީސް ޔާމީނަށް ބޭއިޚްތިޔާރުގައި ވިދާޅުވެވުމުން ރިޟުވާނު މަރާލާފައިވާ ކަމަށް ކުރެވެމުން ދިޔަ ތުހުމަތަކީ ހަޤީޤަތެއްކަމުގައި ފުރަތަމަ ފަހަރަށް އާއްމުންނަށް ޔަޤީންވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް އައުމަށް ފަހު، އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން، ހިންގި ތަޙްޤީޤަށްފަހުގައި، ރިޟުވާނު ވަގަށް ނަގައި ބޯބުރިކޮށްލައި މަރާލާފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު ކަނޑުފައްތާފައިވާކަން އެނގިގެންދިޔައެވެ.

ބްލޮގަރު ޔާމީން ރަޝީދު މަރާލީ، 23 އޭޕްރީލް 2017 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން ރަޝީދަކީ ރިޟުވާނަށް ވީގޮތެއް ހޯދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އަދި ރިޟުވާނުގެ ގާތް އެކުވެރިއެކެވެ. ޔާމީން ރަޝީދު މަރާލުމުގައި ބައިވެރިވި ފަރާތްތަކާއި ރައީސް ޔާމީނުގެ ސަރުކާރުގެ އިސްބައެއް ފަރާތްތަކާއި ގުޅުން އޮތްކަމުގެ ތުހުމަތުތައްވެސް ކުރެވިފައިވެއެވެ.

މީގެ އިތުރުން ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރަކީ، ރާއްޖޭގައި އެންމެ ގިނަ މީހުން ގޭންގު މާރާމާރީތަކުގެ މަރާލާފައިވާ ދައުރެވެ. ރައީސް ޔާމީނުގެ ދައުރުގައި 23 ޒުވާނަކު ގޭންގު މާރާމާރީތަކުގައި މަރާލާފައިވެއެވެ. އޭގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންވެސް ހިމެނެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާޙްކުރެއްވިއެވެ. އަދި ޤާނޫނު އަސާސީއަށް ބަދަލު ގެނެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އަޙްމަދު އަޙްމަދު ޢަދީބު ޢަބުދުލްޣަފޫރު ގެނައުމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުން ޑރ މުހައްމަދު ޖަމީލް އަޙްމަދު ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވާފައިވާކަމުގެ ތުހުމަތުތައް ކުރެވިފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ހިނގަމުން ދިޔަ އެމްއެމްޕީއާރްސީގެ ޚިޔާނާތް 2014 ވަނަ އަހަރުގެ ފަހުކޮޅު ވަނީ މަޑުމަޑުން ފެންމަތިވާން ފަށާފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި، ރިޟުވާން ވަގަށް ނަގައި އެހައި އަނިޔާވެރިގޮތަކަށް މަރާލުމުގެ ފަހަތުގައިވާ ސަބަބަކީވެސް ރައީސް ޔާމީނުގެ ސަރުކާރުގައި ހިނގަމުން ދިޔަ ކޮރަޕްޝަނެެވެ. އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ވާހަކަތައް ރަސްމީގޮތެއްގައި ރައީސް ޔާމީނުގެ ސަރުކާރުން ނިއުޅައިލެއްވީ، ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާއަށްފަހުގައި، އަޙްމަދު ޢަދީބު ޢަބުދުލްޣަފޫރު ހައްޔަރުކުރައްވައި މަޤާމުން ވަކިކުރެއްވުމަށްފަހުގައެވެ.

މީގެ އިތުރުންވެސް ރައީސް ޔާމީނު އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިންނާއި ފަހުންވެސް ހިންގާފައިވާ އަނިޔާވެރި އެތައް ޢަަމަލުތަަކަކީ، އޭގެ ވާހަކަތައް ދައްކައި ނިމެން އޮތް ވާހަކަތަކެއް ނޫނެވެ. އެހެންކަމުން ބަކަރި ހަންގަނޑެއް އޮޅައިގެން އޮތަސް ހިޔަޅުވާނީ ހިޔަޅަށެވެ. ދިވެހިން ދަންނަން ޖެހޭނީ އެކަމެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.