
ދެ ދުވަސް ތެރޭ 25،000 އަށްވުރެ ގިނަ ފޯމު ރީ-ރަޖިސްޓްރޭޝަނަށް
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް، ރީ-ރަޖިސްޓްރީވުމަށް ފަންސަވީސް ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ފޯމް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީވުމަށް މިފަހަރު ދީފައިވަނީ 3 ދުވަހުގެ މުއްދަތެކެވެ. އެއީ މިދިޔަ ހުކުރު ދުވަހު ހަވީރު 03:00 އިން މިއަދު ހަވީރު 04:00 އާއި ހަމައަށެވެ.
އިންތިހާބާއި ބެހޭ މައި އިދާރާ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، ރީ-ރަޖިސްޓްރީކުރުމަށް ހުޅުވާލި ފުރަތަމަ ދުވަހު އެކަނިވެސް 9206 މީހުން ފޯމް ހުށައަޅާފައިވާކަމަށެވެ. ފުރަތަމަ ދުވަހު އެކަނި އޮންލައިންކޮށް 7267 މީހުން ފޯމް ހުށައަޅަފައިވެއެވެ. ހަބީބު ވިދާޅުވީ ދެވަނަ ދުވަހު 16287 މީހުން ރީ-ރަޖިސްޓްރީކުރުމަށް ފޯމް ހުށައަޅާފައިވާކަމަށެވެ. ދެވަނަ ދުވަހު އޮންލައިންކޮށް އެކަނިވެސް 11082 ފޯމް ހުށައަޅާފައިވެއެވެ.
އީސީގެ ނާއިބު ރައީސް އަލްފާޟިލް އިސްމާޢީލް ހަބީބު ވިދާޅުވީ، އޮންލައިންކޮށް ހުށަހަޅާފައިވާ ފޯމުތަކުން، ޕެންޑިންގ ކަމަށް ދައްކަނީ، އެ ފޯމުތަކުގެ ވެރިފިކޭޝަން މަރުޙަލާ މުޅިން ނުނިމޭތީކަމަށާއި، ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް، ރީ-ރަޖިސްޓަރީ ކުރެވުނުކަމުގެ މެސެޖް ލިބޭނެކަމަށެވެ. ހަބީބު އިތުރަށް އިތުރަށް ވިދާޅުވެފައި ވަނީ މިއަދުގެ ހަވީރު 4:00 ގެ ކުރިން، ރީ-ރަޖިސްޓަރީ ކުރަން ހުށަނާޅައިފިނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދެން އެފުރުސަތު ލިބުމަކީ ނާދިރުކަމެއްކަން ހަނދާންކޮށް ދެއްވާފައެވެ.
މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި 282803 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. އޭގެތެރެއިން 408 މީހުންނަކީ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް 18 އަހަރު ފުރޭ ޒުވާނުންނެވެ.
ރިޔާސީ އިންތިހާބުގެ 2 ވަނަ ބުރުގެ ވޯޓްލުން ހަމަޖެހިފައިވަނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.