ތިލަފުށި ބިން ހިއްކުން. ފޮޓޯ: އާރބަންކޯ

ތިލަފުށި ތަރައްޤީކުރުން - 4 ސަރަހައްދެއްގެ ބިން ހިއްކަން ފަށައިފި

ހޯމަ 18 ސެޕްޓެމްބަރ 2023 | ހަމްޒާ

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ހަތަރު ސަރަހައްދެއްގެ ބިން ހިއްކަން ފަށައިފިއެވެ.

Advertisement


އާބަންކޯއިން ބުނީ، ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްޤީ ކުރުމަށް އޭރިއާ އޭ، ބީ، އީ އަދި އެފްގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މިމަހުގެ 14 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ.

އެގޮތުން އޭރިއާ ސީ އަދި ޑީ ގެ ބިން ހިއްކުމުގެ މަސައްކަތް ނިމި، އެސަރަހައްދު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭރިއާ ބީގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އަރބަންކޯއިން ބުނެއެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ތިލަފުށީގެ އޭރިއާ އޭއިން 71.5 ހެކްޓަރުގެ ބިން އަދި އޭރިއާ ބީއިން 39.6 ހެކްޓަރުގެ ބިން މީގެއިތުރުން އޭރިއާ އީއިން 5.9 ހެކްޓަރު އަދި އޭރިއާ އެފްއިން 0.73 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

އާބަންކޯއިން ބުނީ، ތިލަފުށީގެ ބިން ހިއްކައި ތަރައްގީ ކުރުމުގެ މައިގަނޑު ބޭނުމަކީ މާލެ ސަރަހައްދުގެ ރަށްތަކުގެ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ބަދަލުކޮށް ތަފާތު ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް އިންގިލާބީ ކުރިއެރުމެއް ލިބި، މާލެ ސަރަހައްދު ތަރައްގީ ކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ. މީގެއިތުރުން އިންޑަސްޓްރިއަލް މަސައްކަތްތައް މާލެ ސަރަޙައްދުން ތިލަފުށްޓަށް ބަދަލު ކުރުމުން މުޖަތަމައަށް އަދި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ކުޑަކުރެވިގެން ދާނެ ކަމަށްވެސް އަރބަންކޯއިން ބުނެއެވެ.

ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއަކީ، ދިވެހި ސަރުކާރުގެ ލަފަޔާ އިރުޝާދުގެ ދަށުން މީހުން ދިރިއުޅޭ ސަރަހައްދުތަކާއި ދުރުގައި ސިނާޢީ މަސައްކަތްތައް ހިންގުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އާރބަންކޯއިން ހިންގާ މަޝްރޫއެކެވެ. އެގޮތުން ތިލަފުށީގެ މާސްޓަރ ޕްލޭންގެ ދަށުން ބޮޑެތި ބިންތައް ދޫކުރެވި އެކިއެކި އުމްރާނީ މަސައްކަތްތައް ކުރުމަށް ޖާގަ ލިބިގެންދާނެ ކަމަށް އާރބަންކޯއިން ބުނެެއެވެ. އަދި ތިލަމާލެ ބްރިޖުން ހުޅުމާލެ، މާލެ ވިލިމާލެ، އަދި ގުޅީފަޅާއި، ތިލަފުށްޓާއި ގުޅުވާލުމުން މިސަރަހައްދަށް އިޤްތިސާދީ ގޮތުން އިންޤިލާބީ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.