ހަދަމުންދާ ރިސޯރޓްގެ ކުލިން ބޮޑުއަދަދެއް މިވަނީ މާފުކޮށްދީފަ / ފޮޓޯ:މިނިސްޓްރީ

ރާއްޖޭގެ ރިސޯޓް ކުލީގެ ޖޫރިމަނާއިން 4 ބިލިއަން މާފުކޮށްދީފި

ހޯމަ 18 ސެޕްޓެމްބަރ 2023 | އަހުމަދު ދާއޫދު

ރާއްޖޭގައި ހަދަމުންދާ ރިސޯޓުތަކުގެ ކުލި ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާގެ ތެރެއިން ހަތަރު ބިލިއަން ރުފިޔާ ޓޫރިޒަމް މިނިސްޓްރީން މާފުކޮށްދީފި އެވެ.

Advertisement


މިނިސްޓްރީ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމު މިއަދު ވިދާޅުވީ، ކުލީގެ ޖޫރިމަނާއިން ބޮޑު އަދަދެއް މާފުވެގެން ދިޔައީ، ރިސޯޓު ކުލީގެ ޖޫރިމަނާ ރީސްޓްރަކްޗާރ ކުރުމުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ، މާފުކޮށްދީފައި ވަނީ އޮޕަރޭޝަނަށް ނުގޮސްހުރި، ނުހެދި ހުރި ރިސޯޓުތައް ކަމަށެވެ. އަދި އޭގެ ތެރޭގައި ކުލީގެ ޖޫރިމަނާ ފިޔަވައި އެހެން ޖޫރިމަނާއެއް ނުހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު މަޢުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ "ރީސްޓްރަކްޗާ ކޮށްދީފައި އިން ބައި ރައިޓް-އޮފް މި ކޮށްލީ. ކުރީމަ މާފޭ ވެސް ކިއި ދާނެ. އެކަމަކު ވެސް އޭގެ ޒާތުގައި އެކަން ކުރަން ތިބި މީހުންނަށް [ރިސޯޓު އޯނަރުންނަށް] މި ކަމުގައި ކުރިއަށް ދެވޭނެ މަގެއް މި ހޯދައިދިނީ. އެގޮތަށް ކުރިއަށް ނުދެވެންޏާ އަޅުގަނޑަކަށް ޔަގީން ދެން ހުރި ފިޔަވަޅުތައް ވެސް އަޅަމުން ގެންދެވޭނެ،" ކަމަށެވެ.

ރާއްޖޭގެ ރިސޯޓު ކުލީގެ ޖޫރިމަނާއަށް އަރާ ނިސްބަތް ކުޑަކުރީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު އެވެ. ރިސޯޓު ކުލި ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި އޭރު އަރާ 0.5 ޕަސެންޓުން 0.0493 ޕަސެންޓަށް އޭރު ކުޑަކުރި އެވެ. އެކަމަކު މީރާ އިން ބުނީ އެ ޖޫރިމަނާ މާފުކުރިކަން ޓޫރިޒަމް މިނިސްޓްރީން މީރާ އަށް އަންގާފައި ވަނީ މިދިޔަ މަހު ކަމަށެވެ.

މިނިސްޓަރ މައުސޫމް ވިދާޅުވީ، މި ބަދަލުގެ ތެރެއިން 0.5 ޕަސެންޓް ރޭޓުން އަރަމުންދިޔަ ޖޫރިމަނާ ދައްކަން ޖެހޭނީ 0.0493 ޕަސެންޓްގެ ރޭޓުން ކަމަށެވެ. އެކަމަކު މި ލުއި ލިބުނީ ކިތައް ރިސޯޓަށް ކަމެއް، އަދި އެއީ ކޮން ބައެއްގެ ކޮން ރިސޯޓްތަކެއް ކަމެއް ޓޫރިޒަމުން އަދި ހާމައެއް ނުކުރެ އެވެ. ރިސޯޓް ހަދަން ރަށް ދޫކޮށް، ނުހެދި ރަށްރަށުގެ އަދަދު 100 އާ ގާތްކުރެ އެވެ.

ރާއްޖޭގައި އިންވެން ރިވެނިއުގެ އެންމެހައި ކަންތައްތައް ބަލަހައްޓާ، މީރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ރިސޯޓު ކުލީގެ ޖޫރިމަނާގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ނުދައްކާ އެބަހުއްޓެވެ. އަދި ރިސޯޓު ކުލީގެ ގޮތުގައި އެކަނި ވެސް 3.4 ބިލިއަން ރުފިޔާ ނުލިބި އެބަހުއްޓެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.