
ހޮޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފި
ނ.ހޮޅުދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށައިފިއެވެ.

މިމަޝްރޫއުގެ ކޮންޓްރެކްޓަރ އެމް.ޓީ.ސީ.ސީން ބުނީ، ހޮޅުދޫ ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މިމަހުގެ 18 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި މިމަޝްރޫއުގެ ދަށުން މިހާރު ކުރިޔަށް ދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
އެކުންފުނިން ބުނީ، މި މަޝްރޫޢުގެ ދަށުން 10,614 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކޮށް، 1,375 ކިއުބިކް މީޓަރުގެ ޑިޓޭޗް ރޭމްޕް ސަރަހައްދެއް ފުންކޮށް، 570 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 14 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 375 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހައި، 89 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން 418 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ދެކުނު ފަރާތުގެ ރިވެޓްމަންޓްގައި ޑިޓޭޗް ރޭމްޕެއް ހަދައި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.
އެމް.ޓީ.ސީ.ސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މިމަޝްރޫއަކީ، 43.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.