
ރައީސް ޔާމީނުގެ ސަރުކާރުގައި ފަށައި ނިންމުނު އެންމެ ފްލެޓެއްވެސް ނެތް، ބޯހިޔާވަހިކަމުގެ ވަށައިޖެހޭ ހައްލު ހޯދައިދެނީ މިސަރުކާރުން.
ރައީސްޔާމީނުގެ ސަރުކާރު ޕްރޮމޯޓްކުރުމަށް، އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ މުޙައްމަދު މުޢިއްޒަށް ވޯޓު ހޯދުމަށް ސަޕޯޓަރުން ވިއްކާ ފޮޓޯއަކީ، ހިޔާފްލެޓްތަކުގެ ފޮޓޯއެވެ. އަދި ބޯހިޔާވަހިކަމަށް ރައީސް ޔާމީނުގެ ސަަރުކާރުން ކުރި މަސައްކަތްތަކެވެ. އެކަމަކު އެފަރާތްތަކުން ނުދެއްކި ވާހަކައަކީ، ރައީސް ޔާމީނުގެ ސަަރުކާރުގައި އެސަރުކާރުން ނިންމައި މީހުން ވެއްދުނު އެއްވެސް ފްެލެޓެއް ނެތްކަމެވެ. ފައިނޭންސް ހޯދުމާއި، ކުރެހުމާއި ޢިމާރާތްކުރުމާއި ފިނިޝިންގ ނިންމައި މީހުންވެއްދުނު އެއްވެސް ފްލެޓެއް ނެތްކަމެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ 5 އަހަރަކީ، އިޤުތިޞާދީ ގޮތުން ދުނިޔެއަށް އައި އެންމެ ތިޔާގި ފަސްއަހަރެވެ. ރާއްޖޭގެ އިޤުތިޞާދަށްވެސް އެއްވެސް ލޮޅުމެއް ނާރައި އޮތް ފަސްއަހަރެވެ. އެކަމަކު ރައީސް ޔާމީނުގެ ސަރުކާރުގައި އެސަރުކާރުގެ ސިޔާސަތުގެ ތެރެއިން އެޅުނު އެއްވެސް ފްލެޓެއް ދެވުނު ގޯއްޗެއް ނެތެވެ. އަތޮޅުތަކާއި މާލޭގައިވެސް މެއެވެ.

2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ވައްޓާލި އިރު މާލޭގައި ޢަރަބިއްޔާ ކޮށީގަޔާއި ގ.ކޮށީގައި ޓާޓާއާ ހަވާލުކޮށްގެން ފްލެޓްއެޅުމުގެ މަސައްކަތް އޮތީ ފެށިފައެވެ. ދެކުނުގެ ހަތަރު އަތޮޅުގައި 1500 ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފައިސާ ހޯދައި ކުރެހުންތައް އޮތީ ނިމިފައެވެ. ދެކުނުގެ އަތޮޅުތަކުގައި އެމްޑީޕީ ސަރުކާރުން އަޅަން ނިންމި 1500 ފްލެޓްގެ ތެރެއިން 704 ފްލެޓް ހުޅުމާލޭގައި އެޅުމަށް ހަމަޖެއްސީ އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށްފަހު، އުފެއްދި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރުގައެވެ. އެއީ ހުޅުމާލެ ފޭސް 1ގައި ފެންނަން އެހުރި، ޕިންކް ފްލެޓްތަކެވެ. ހަމައެމޮޑަލަށް އެޅި އެފްލެޓްތަކުގެ އަނެއްބައި އަޅާފައި ވަނީ، ގދ. ތިނަދޫގަޔާއި، ޏ. ފުވައްމުލައް ސިޓީގަޔާއި އައްޑޫ ސިޓީ ހިތަދޫގައެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި އަޅަން ނިންމި އެފްލެޓްތަކުގައި ފިނިޝިންގައި ޕީޕީއެމްގެ ޕިންކްކުލަލީ ނަމަވެސް އެފްލެޓްތަކަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ޕީޕީއެމްއިން ފެށި މަޝްރޫއެއް ނޫނެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި މާލެ ސަރަހައްދުގައި ނިމުނު ހައުސިންގެ ދެމަޝްރޫޢުއަކީ، ޢަރަބިއްޔާ އާއި ގާކޮށީ ފްލެޓްތަކާއި، ހުޅުމާލެއަށް ރައީސް ވަހީދުގެ ސަރުކާރުން ބަދަލުކުރި 704 ފްލެޓެވެ. އެ ދެމަޝްރޫޢަކީވެސް ރައީސް ޔާމީނު ސަރުކާރުގެ މަޝްރޫއެއް ނޫނެވެ. އެހެން ނަމަވެސް ކުރީ ސަރުކާރުގެ އެމަޝްރޫޢުތަކުގެ ފްލެޓްތައް ރައީސް ޔާމީނުގެ ސަރުކާރުން ބަހާލިގޮތް އެއީ ބަޔަަކަށް އޮޅިފައި އޮތް ކަމެއް ނޫނެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި އަތޮޅުތަކުގައި ފެށީ ބޮޑެތި ހައުސިންގ މަޝްރޫޢުތަކުގެ ތެރޭގައި، ހދ.ކުޅުދުއްފުށީގައި ރޯހައުސް އެޅުމުގެ މަޝްރޫޢު ހިމެނެއެވެ. އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށްފަހު، ރައީސް ވަހީދާއި ރައީސް ޔާމީނުގެ ވެރިކަމުގައި އެމަޝްރޫޢުތައް އޮތީ ހުއްޓުވާފައެވެ. އިމާރާތްތައް ހުރީ ވީރާނާވާން ދޫކޮށްލާފައެވެ. އެމްޑީޕީގެ ވެރިކަން ވައްޓާލުމަށްފަހު، އުފެއްދި ރައީސް ވަހީދުގެ ސަރުކާރުގަޔާއި، ރައީސް ޔާމީނުގެ ސަރުކާރުގެ 7 އަހަރު ހައުސިންގ މިނިސްޓަރުގެ މަޤާމުގައި ހުންނެވީ، މިހާރު ޕީއެންސީގެ ޓިކެޓްގައި، ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. އިންތިޚާބުގެ ކެމްޕޭނުގައި ކުޅުދުއްފުއްޓަށް ވަޑައިގެން ޑރ މުޢިއްޒު އެސިޓީގައި 2000 ހައުސިންގ ޔުނިޓް އަޅުއްވައި ދެއްވަން ވެވަޑައިގެންނެވި ވަޢުދަކީ އެސިޓީގެ ރައްޔިތުންނަށް ކުރެއްވި މަލާމާތެެކެވެ. އެއީ އެމަނިކުފާނު 7 އަހަރު ހައުސިންގ މިނިސްޓަރަކަށް ހުންނަވައިގެން ކުޅުދުއްފުށީގައި އެޅި އެންމެ ފްލެޓެއްވެސް ނެތްތަނުގައި، އެމްޑީޕީ ސަރުކާރުގައި ފެށި ރޯހައުސްތަކުގެ މަޝްރޫޢު ހުއްޓުވާފައި އޮތުމުންނެވެ. އެހެންކަމުން މާޒީގެ ތަޖުރިބާއިން ކުޅުދުއްފުށީގެ ރައްޔިތުންނަށް ފެނުނީ ޑރ މުއިއްޒު ދައްކަވާ ވާހަކަފުޅަކީ ކުލައެއްނެތް ހުވަފެނެއް ކަމުގައެވެ.

ޑރ މުއިއްޒުގެ ސިޔާސީ ވަޢުދަށް ޖަވާބު ދެއްވީ، ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު ޔާސިރު ޢަބުދުއްލަތީފެވެ.
" 2012ވަނަ އަހަރު އެމް.ޑީ.ޕީގެ ވެރިކަން ވައްޓާލައި، އެމް.ޑީޕީގެ ފުރަތަމަ ވެރިކަމުގައި ބޮޑު ތިލަދުންމަތީގެ ހަނިމާދޫ، ނޮޅިވަރަމްފަރު، ކުޅުދުއްފުށީގައި އިމާރާތް ކުރެވެމުން ދިޔަ ހައުސިން ޔުނިޓްތައް ވީރާނާވެދާން ދޫކޮށްލެއްވީ ނިމުމާއި ދާގިގާތްވެފައި ވަނިކޮށެވެ. ހަތް އަހަރު ބޮޑުތިލަދުންމަތީގެ ބޯހިޔާވަހި ކަމުގެ މައްސަލަ އިންތިހާޔަށް އިތުރުވެ އެތަކެއް އިޖްތިމާއީ މައްސަލަތަކުގެ ފެށުން ކަމުގައި ވެގެންދިޔައެވެ. ވެރިކަން ވައްޓާލި އިރު ދާދި ނިމިފައި ހުރި ހައުސިން ޔުނިޓްތައް ނިންމުމަށް 2012 - 2018 މަސައްކަތެއް ނުކުރުވުނުތާ އިތުރު އެއްވެސް ހައުސިންގ މަސްރޫއެއް ބޮޑުތިލަދުންމަތީގައި ފަށާފައި ނުވެއެވެ. އިއްތިފާގަކުން އެ ހަތް އަހަރުވެސް ހައުސިންގ މިނިސްޓަރަކަށް ހުންނެވީ މިއަދު ވައުދުވެ ވަޑައިގަންނަވާ ޕީ.ޕީ.އެމް/ޕީ.އެން.ސީ ގެ ރިޔާސީ ކެނޑިޑޭޓެވެ. އެ ހަތް އަހަރު ހައުސިންގ މިނިސްޓަރުގެ ހައިސިއްޔަތުން އަމަލު ކުރައްވާފައިވާ ގޮތަށާއި ތިޔަ ޕާޓީގެ މައިގަނޑު ސިޔާސަތަކީ މަރުކަޒީ ކުރުންކަމުގައިވާއިރު ތިވައުދު ބެލެވެނީ ހާލަތުގެ ބޭނުން ހިފަން ވީ ވައުދެއް ގޮތުގައެވެ. މިހާރު އެހެރީ ކުރީބައި ނިމި، އިތުރަށް ފެށި، އޭގެ އިތުރަށް ސޮއި އެޅިފައެވެ." ޑރ. މުއިއްޒަށް ރައްދުދެއްވައި ޔާސިރު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބާއި ދިމާކޮށް، ފްލެޓް އެޅުމަށް އަތޮޅުތަކުގައި މަޝްރޫޢުތަކެއް ފެށިއެވެ. އެއީ ނޫމަޑިއާ ހަވާލުކޮށްގެން، ތ އަތޮޅާއި ހދ އަތޮޅުގެ ބައެއް ރަށްރަށުގައި ފެށި މަޝްރޫޢުތަކެވެ. އެހެން ނަމަވެސް އެމަޝްރޫޢުތައް ރައީސް ޔާމީނުގެ ސަރުކާރު ނިމިގެން ދިޔައިރުވެސް އޮތީ ހުއްޓިފައެވެ. ތ. ވިލުފުއްޓާއި، ތ. ތިމަރަފުއްޓާއި، ހދ. ނޮޅިވަރަށްފަރުގައި ފެށި މަޝްރޫއުތައް އަލުން ފަށައި އެގެތައްވެސް ނިންމަމުން އެގެންދަނީ، މިސަރުކާރުންނެވެ.
ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން ރައީސް ޔާމީނުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ކާމިޔާބީގެ ގޮތުގައި ދައްކަނީ، ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ 25 ބުރީގެ 16 ޓަވަރެވެ. އެހެން ނަމަވެސް އަދީބުގެ ސަޕޯޓަރުންނާއި އަދީބުގެ ގާތްބޭފުޅުން ހާމަކޮށްފައިވާ ގޮތުގައި ސިނަމާލެ ބުރިޖު ހަޤީޤަތަކަށް ހެއްދެވުމަށާއި، ހުޅުމާލެ ފޭސް ދޭއް ހިއްކުމާއި، ހިޔާފްލެޓްތައް އެޅުމަށް ބޭނުންވާ ފައިސާ ހޯއްދެވުމާއި، އެކަން ކުރެވޭނެ ގޮތްތައް ހޯއްދެވީ އަޙްމަދު އަދީބެވެ.
ހިޔާފްލެޓްތަކާއި މެދު ރައީސް ޔާމީނުގެ ސަރުކާރުން ފަޚުރުވެރިވާއިރު، ހިޔާ މަޝްރޫޢު ރައީސް ޔާމީނުގެ ސަރުކާރުން ފަށާފައި ވަނީ، ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ހަމަވާން އެއް އަހަރަށްވުރެވެސް ކުޑަމުއްދަތަކަށް ވީފަހުން، 19 ނޮވެމްބަރު 2017 ގައެވެ. ހިޔާ މަޝްރޫޢު ނިމިގެން ދާއިރު ޖުމްލަ 36 ޓަވަރުގައި 10,080 ޔުނިޓް އިމާރާތްކުރުމަށް ރައީސް ޔާމީނުގެ ސަރުކާރުން ނިންމި ނަމަވެސް އެމަޝްރޫޢުގެ ދަށުން އެޅުނީ 6338 ފްލެޓެވެ. އެއީ 16 ޓަވަރެވެ.

ރައީސް ޔާމީނުގެ ސަރުކާރު ބަދަލުވެގެން ދިޔައިރު، ހިޔާގެ މަޝްރޫއުގެ ދަށުން މަސައްކަތް ފެށި އެއްވެސް ޓަވަރެއް ނިމުމާއި ހަމައަށް ގޮސްފައެއް ނުވެއެވެ. އަދި ކުންފުނިތަކަށް ހަވާލުކުރި ބިންތަކުގައި އިމާރާތްކުރުމަށް ފައިސާ ނުލިބުމުން ގިނަ ކުންފުނިތަކަކަށް ފްެލެޓްތައް ޢިމާރާތްކުރެވޭ ގޮތެއްވެސް ނުވިއެވެ. މީގެ އިތުރުން ރައީސް ޔާމީނުގެ ސަރުކާރުގައި ހުޅުމާލޭގައި ފްލެޓްއެޅުމަށް އަމިއްލަ ބައެއް ކުންފުނިތަކަށް ހަވާލުކުރި މަޝްރޫޢުތައްވެސްވީ ބޮޑު ސްކޭމްއަކަށެވެ. ސީލައިފް އާއި ކޭޕާކް ރެޒިޑެންސްއަކީ، އާއްމު ދިވެހިރައްޔިތުނަށް އެތައް ގިނަ ހިތި ތަޖުރިބާތަކެއް ކުރަންޖެހިފައި އޮތް ކަމެކެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓްތައް ވުޖޫދުވެސް ނުވަނީސް 2018ގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި، ޑރ. މުޙައްމަދު މުއިއްޒުގެ ހައުސިންގ މިނިސްޓަރުކަމުގައި 10،080 ހައުސިންގ ޔުނިޓްތައް ލިބޭނެ ފަރާތްތައް ކަނޑައަޅައި އެފަރާތްތަކަށް ލިޔުންތައް ދޫކުރިއެވެ. އެކަމަކު އެލިޔުންތައް ދޫކުރި އިރުވެސް ބައެއް ފްލެޓްތަކަކީ، އެފްލެޓްތަކުގެ ކުރެހުމެއްވެސް ނެތް، އަދި އެ ޓަވަރުތައް އަޅާނެ ފައިސާވެސް ހަމަޖެހިފައި ނެތް، އަދި އެފްލެޓްތައް އަޅާނެ ބިންވެސް ކަނޑައެޅިފައި ނެތް ފްލެޓްތަކެކެވެ.
ރައީސް ޔާމީނުގެ ސަރުކާރު ފެށުނު އިރު، އެމްޑީޕީ ސަރުކާރުގައި ފެށިފައި އޮތް ހައުސިންގް މަޝްރޫޢުތައް ހުއްޓުވާލިއެވެ. ގުޅިފަޅު ފްލެޓްތަކާއި ގޯތިތައް އަތުލިއެވެ. އަރަބިއްޔާ އާ ގާކޮށީގެ ފްލެޓްތަކުގެ އަގު 5 މިލިއަނަށް ބޮޑުކޮށްލައި، އާއްމު ނިކަމެތިމީހާ އެފްލެޓްތަކާއި ދިމާއަށް އާއްމު ރައްޔިތުމީހާއަށް ބަލާލަން ނުކެރޭވަރު ކުރިއެވެ. މަހުކުލީގެ ގޮތުގައި 33000ރ ދައްކަން ޖެހޭނެކަމަށް ބުނުމުން މާލެއިން ބޯހިޔާވަހިކަމަށް އެދި ތިބި އެތައްބަޔަކު ޖެހުނީ އިސްޖަހާލާފައި އެނބުރިދާށެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ކުރީ ސަރުކާރުތަކުގެ ހައުސިންގ މަޝްރޫޢުތަަކަށް ހެދިގޮތަށް، މިސަރުކާރުން ހިޔާ މަޝްރޫޢާއި މެދު އަމަލުކުރި ނަމަ، ރައީސް ޔާމީނުގެ ބޯހިޔާވަހިކަމުގެ ރަމްޒެއްގެ ގޮތުގައި އިދިކޮޅުން ދައްކާނެ ފޮޓޯއެއް ނެތީހެވެ.
ބޯހިޔާވަހިކަމުގެ މައްސަލައިގެ ހައްލު ހޯދައިދިނުމަށް މިސަރުކާރުން ފެށި މަޝްރޫޢުތައް ހުޅުމާލެ ފޭސް 2 އާއި އަތޮޅުތަކުގައި އެހުރީ ފެންނާށެވެ. އަތޮޅުތަކުގައި މިސަރުކާރުން ފަށާއި މިސަރުކާރުން ނިންމައި މީހުންވެއްދި ފްލެޓްތައް އެހެރީ ފާދިއްޕޮޅު ނައިފަރުގައިވެސް ފެންނާށެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްގެން އަޅާ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުތަކުގެ ފިނިޝިންގ މަސައްކަތް މިހާރު އެދަނީ ހިނގަމުންނެވެ. އެފްލެޓްތައް ލިބޭނެ ފަރާތްތައްވެސް އެދަނީ ކަނޑައެޅެމުންނެވެ. އެހެން ނަމަވެސް އަނެއްކާވެސް ޕީޕީއެމްގެ ސަރުކާރަކަށް ރައްޔިތުން ޖާގަ ދީފިނަމަ ކުރަންޖެހޭނީ ކުރިންވެސް ކުރި ތަޖުރިބާއެވެ. އޭގެ ސާބިތު ހެއްކަކީ، ޢަރަބިއްޔާ އާއި ގާކޮށީގެ ފްލެޓްތަކަށް އަދި ގުޅިފަޅު ފްލެޓްތަކަށާއި، ހުޅުމާލޭގައި އެޅި 704 ފްލެޓް (ޕިންކް ފްލެޓް)އަށް ރައީސް ޔާމީނުގެ ސަރުކާރުން ހެދި ގޮތެވެ.