
އެމްޑީއޭގެ ނިންމުން، ފައްކާވަމުން އަންނަ ޑިމޮކުރަސީއަށް ދެއްކި ހަޑި ހުތުރު ނިންމުމެއް
އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖެއަކީ ސިޔާސީ ގޮތުން އަދި ޅަ ފަތުގެ ޑިމޮކުރަސީއެއް ތަޖުރިބާ ކުރަމުންގެންދާ ޤައުމެކެވެ. ރާއްޖޭގައި ޕާރޓީ ސިސްޓަމް އުފެދި ޕާރޓީތަކުން ވާދަކުރާ އިންތިހާބުތަކެއް ބޭއްވިފައި މިވަނީ ނިސްބަތުން ވަރަށް މަދު ފަހަރެއްގައެވެ. ރާއްޖޭގެ ރައްޔިތުންނަކީ ޕާރޓީ ސިސްޓަމަށް އަހުލުވެރިވަމުން އަންނަ ސިޔާސީ ގޮތުން ފުދުންތެރި ބަޔަކަށް ވެވޭތޯ މަސައްކަތް ކުރަމުން އަންނަ ރައްޔިތަކު ދިރިއުޅޭ ޤައުމެކެވެ.

ކަން މިހެން އޮތް އިރު ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެރިކަން ކުރަމުން އަންނަ އެމްޑީޕީއާއި އެކު ރިޔާސީ އިންތިހާބަށް ހެދި ކޯލިޝަން އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ، ރޫޅާލުމަކީ ރާއްޖޭގެ ޅަފަތުގައި މިއޮތް ޑިމޮކްރަސީއަށް އަދި ފައްކާވުމަށް މަސައްކަތް ކުރަމުންއަންނަ ޕާރޓީ ސިސްޓަމަށް ލިބިގެންދިޔަ ހަނޑި ހުތުރު އަދި އެހާމެ ލަދުވެތި ނިންމުމެކެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާހިމް މުހައްމަދު ޞާލީޙް އާއި އެކު ކުރިއަށް ދިއުމަށް ކޯލިޝަން ހެދި ދެ ޕާރޓީގެ ތެރޭގައި އަދާލަތު ޕާރޓީ އާއި އަދި އެމްޑީއޭ ހިމެނި މި ދެޕާރޓީއިން ވަނީ ރައީސް ޞާލިޙްއަށް އިންތިޙާބު ކާމިޔާބު ކޮށްދިނުމަށްޓަކައި ބުރަ ބޮޑު މަސައްކަތްތައްކެއް ކޮށްފައެވެ.

މިގޮތުން އެމްޑީއޭގެ ލީޑަރ ދ. މީދޫ ދާޢިރާ ތަމްސީލް ކުރައްވާ ރައްޔިތުން މަޖުލިސްގެ އިއްޒަތްތެރި މެމްބަރ އަދި މަޝްޙޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް ޝިޔާމް ހިމެނޭހެން އެމްޑީއޭގެ ލީޑަރޝިޕުން ވަނީ ރާއްޖޭގެ އަތޮޅުތަކަށް ދަތުރުކޮށް ވަރުގަދަ ކެމްޕެއިނެއްކޮށްފައެވެ. މީގެ ތެރޭގައި އެމްޑީއޭގެ ލީޑަރ ވަނި ރައީސް ޞާލިޙްއަށް ތާޢީދު ހޯއްދެވުމަށަޓަކައި ނުހަނު ގިނަގުނަ ވާހަކަތައް ދައްކަވާފައެވެ.
ނަމަވެސް ރިޔާސީ އިންތިޙާބުގެ ފުރަތަމަ ބުރުގެ ވޯޓްލުން ނިމި ނަތީޖާ ލިބިގެން އައި އިރު އެމްޑީއޭ އާއި އަދާލަތު ޕާރޓީއިން ތާޢީދު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަދުގެ ރައީސުލް ޖުމުހުރިއްޔާއަށް ވޯޓްލީ މީހުންގެ 39 އިންސައްތަ އަދި އިދިކޮޅުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒަށް 46 އިންސައްތަ ލިބި ލެއްވި ހިސާބުން ރައީސް ޝާލިޙްއަށް އެތައް ތަޢުރީފެއް ކުރެއްވި އެމްޑީއޭގެ ލީޑަރ މިވަނީ "ގެއްލިފަ"އެވެ.
އެމްޑީއޭގެ ލީޑަރ ސަންޓްރެވަލް ޝިޔާމް "ގެއްލުމަށް" ފަހުވެސް އެމްޑީއޭގެ ލީޑަރޝިޕްގައި ހިމެނި ވަޑައިގެންނެވި ބައެއް ބޭފުޅުން އިބުރާޙިމް މުހައްމަދު ޞާލިހުއަށް ދެވަނަ ބުރުގައި ޓާއިދު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަމުން ދަނިކޮށް ދެން ކުއްލިއަކަށް ފެނިގެން މިދަޔައީ މުޅި ޤައުމަށް ހައިރާން ކުރުވަނިވި ޚަބަރެކެވެ. އެމްޑީއޭ އިން ތާޢިދު ކުރެއްވި ކެންޑިޑޭޓް ރައީސް ޞާލިޙް ދޫކުރައްވާ ފުރަތަމަ ބުރުގައި އެންމެ މަތީ އިންސައްތައެއް ހޯއްދެވި ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމެވި ނިންމެވުމެވެ.
އެމްޑީއޭގެ މި ނިންމުމަކީ ރާއްޖޭގެ ޅަ ފަތުގައި މިއޮތް ޕާރޓީ ސިސްތަމަށާއި އަދި ފައްކާވުމަށް މަސައްކަތް ކުރަމުން އަންނަ ޑިމޮކްރަސީއަށް ލިބިގެން ދިޔަ ބޮޑު ހުތުރަކާއި ، ލަދުވެތި ކަމެއްކަމަށް ބުނެ ރާއްޖޭގެ ސިޔާސީ އިސްބައެއް ލީޑަރުން ގެންދަވީ ޚިޔާލުފާޅު ކުރައްވަމުންނެވެ.

މިގޮތުން ދާދި ފަހަކާއި ޖެހެންދެން އެމްޑީޕީގެ ނައިބުރައީސްކަން އަދާކުރައްވާ، މި ސަރުކާރުގައި ރައީސުލް ޖުމުހުރިއްޔާ އޮފީހުގެ މިނިސްޓަރކަން އަދާކުރެއްވި، އަދި ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް މަސައްކަތްކުރައްވާ، މިހާރު އެ ޕާޓީގެ ކައުންސިލް މެންބަރުގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުހައްމަދު ޝިފާޒު ވިދާޅުވި ގޮތުގައި އެމްޑީއޭގެ އެ ހުތުރު އަމަލަކީ ސިޔާސީ ޕާޓީގެ ނިޒާމަށް ރައްޔިތުން ކުރަމުންއައި އިތުބާރަށް އަނެއްކާވެސް ލޮޅުން އަރުވާލި ޢަމަލެއް ކަމަށާއި، އަދި އެއީ ސިޔާސީ ޕާޓީ އަކުން ކޮށްގެން ވާނެ ވަރުގެ ކަމެއްކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
އެމްޑީއޭގެ މި ހުތުރު ނިންމުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ ލީޑަރުން ތަފާތު ގޮތްގޮތައް ޚިޔާލު ފާޅުކުރައްވަމުން ގެންދާއިރު ރައީސުލް ޖުމުހުރިއްޔާ އިބުރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ އެމްޑީއޭގެ މިނިންމުމަކީ އެޕާރޓީއިން ނިންމި ރަނގަޅު ނިންމުމެއް ނޫންކަން އެޕާރޓީއަށް ވަރަށް އަވަހަށް އެނގިގެން ދާނެކަމަށެވެ.
އެމްޑީއޭގެ މި ހަޑި ހުތުރު ނިންމުން ނިންމާފައިވާއިރު މި ފަދަ ނިންމުމަކީ ޑިމޮކްރަސީގެ އެންމެ ކުޑަ މިންވަރެއްވެސް ހިމެނޭ ޤައުމެއްގައި ހިނގައިގެން ވާނެ ކަމެއް ނޫންކަމަށް ބުނެ އާއްމު ރައްޔިތުންވެސް ގެންދަނީ ވަރަށް ބޮޑަށް އެމްޑީއޭގެ މި ނިންމުމަށް ނުރުހުން ފާޅުކުރަމުނެވެ.

މިފަދަ ޚިޔާލުތައް ފާޅުކުރައްވާ ގިނަބައެއްގެ ބުނުމަކީ ސިޔާސީ ޕާރޓީއަކުން އިންތިހާބެއްގައި ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ތާޢިދު ކުރަން ނިންމާ ނިންމުމަކީ އެ ނިންމުމަކަށް ތެދުވެރިވެ، ވަފާތެރިކަމާއިއެކު އިންތިހާބު ނިމެންދެން ޢަމަލުކުރަން ޖެހޭނެ ނިންމުމަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މިއީ ސީޔާސީ ޕާރޓީއެއްގެ އެންމެ މުހިއްމު އެއް އަސާސްކަމަށް ވެސް މިފަދަ ފަރާތްތަކުން ބުނަމުންގެންދެއެވެ.
ހަމަ ހަޤީގަތުގައިވެސް އެމްޑީއޭއިން އަދުގެ ރައީސުލް ޖުމުހުރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް އަލްފާޟިލް އިބުރާޙިމް މުހައްމަދު ޞާލިޙް އާއި އެކު ރިޔާސީ އިންތިހާބަށް ހެދި ކޯލިޝަން ފުރަތަމަ ބުރަށް ފަހު ދޫކޮށްލައި ޕީއެންސީގެ ގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒުއަށް ދެވަނަ ބުރުގައި ތާޢިދުކުރަން ނިންމި ނިންމުމަކީ ހުރިހާ ހަމައަކުން ބަލާއިރުވެސް ވަރަށް ދަށު ދަރަޖައިގެ ވަރަށް ހަޑި ހުތުރު ނިންމުމެކެވެ.