ރައީސް ޞާލީހްގެ ފަރާތްޕުޅުން ފެނިގެންދަނީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް / ފޮޓޯ: ރައީސް އޮފީސް

އިންތިހާބަށް ފަހުވެސް ރައީސް ޞާލިޙުގެ ފަރާތުން ފެނިގެން ދަނީ ޑިކޮމްރަސީގެ ރިވެތި ނަމޫނާ

ހޮނިހިރު 07 އޮކްޓޯބަރ 2023 | އަހުމަދު ދާއޫދު

ކުރިއަށް އޮތް ފަސް އަހަރުދުވަހަށް ދިވެހިރާއްޖޭގެ ވަލިއްޔުލް އަމުރުގެ މަޤާމަށް މީހަކު އިންތިހާބު ކުރުމަށް މިދިޔަ ސެޕްޓެމްބަރ 30 ވީ ހޮނިހިރު ދުވަހު ބޭއްވުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލައި ދިވެހި ރައްޔިތުން އެބައިމީހުންގެ ބަސްއިއްވާ ކުރިއަށް އޮތް 5 އަހަރު ދުވަހު ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާގެ މަޤާމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކުރުމާއި އެކު ވެސް އަދުގެ ރައީސުލް ޖުމުހުރިއްޔާ އިބުރާޙިމް މުޙައްމަދު ޞާލިޙު ދެއްކަވައި ދެއްވަމުން ގެންދަނީ ޑިކޮމްރަސީގެ ރިވެތި ނަމޫނާ އެވެ. އެމަނިކުފާނުގެ ބަހާއި ޢަމަލު ސީދާކަމެވެ. ދިރިތިބީންނަށް ރިވެތި މިސާލެކެވެ.

Advertisement


ނިމިދިޔަ ހޮނިހިރު ދުވަހުގެ ވޯޓްލުން ނިމި ވޯޓްފޮށިތައް ބަންދުކޮށް، ވޯޓްގުނާ ވަގުތު ޖެހި، ވޯޓްގުނަމުން އައިސް ރައީސް ޞާލިޙް އާއި ވާދަކުރެއްވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިފިކަން ޔަޤީންވި ހިސާބުން ، ރައީސުލް ޖުމުހުރިއްޔާ އިބުރާޙިމް މުޙައްމަދު ޞާލިޙު އަމިއްލަ ފުޅަށް އިންތިހާބުގައި ބަލި ޤަބޫލު ކުރައްވާ ފޯނުން ގުޅުއްވާ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު އަށް މަރުހަބާ ވިދާޅުވި އެވެ.

އެއަށްފަހު ޖެހިގެން އައި ދުވަހު ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އިންތިޚާބީ ރައީސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނު، ބައްދަލުކުރެއްވި އެވެ. މިބައްދަލުވުން ބޭއްވިތާ މަދު ވަގުތު ކޮޅެއްގެ ތެރޭގައި އިންތިޚާބީ ރައީސް މުއިއްޒު އެދިވަޑައިގެންނެވި ފަދައިން، އެމް.ޕީ އާރު ސީގެ ބޮޑު ޚިޔާނާތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖުލުހުކުމެއް ތަންފީޒު ކުރެއްވުމަށް ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ގެކޮޅަށް ބަދަލު ކުރެއްވި އެވެ.

އޭގެ އެއް ދުވަސް ފަހުން، ޖެހިގެން އައި ހޯމަ ދުވަހު ރައީސް ޞާލިޙު ވަދާއީ މެސެޖެއް ދެއްވި އެވެ. 2018 ވަނަ އަހަރު ވެރިކަން ބަދަލުވެ، އޭރު ރައީސުލް ޖުމުހުރިއްޔާގެ މަޤާމުގައި ހުންނެވި ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ކަން ކުރެއްވި ގޮތަށް، ސްޓޭޓްމަންޓެއް ދެއްވައި ގެނެއް ނޫނެވެ. ރާއްޖޭގެ ހުރިހާ މީޑިޔާތަކަކަށް ދަޢުވަތު ދެއްވައިގެން އެންމެހައި ނޫސްވެރިންނަށް އަމާޒު ކުރައްވައިގެން ނޫސްވެރިން ކުރާނެ ސުވާލެއް ކުރުމަށް ފުރުޞަތު ދެއްވައިގެން ބޭއްވުނު ނޫސްވެރިންގެ ބޮޑު ބައްދަލު ވުމަކުންނެވެ.

ރައީސް ޞާލީހްގެ ފަރާތްޕުޅުން ފެނިގެންދަނީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް / ފޮޓޯ: ރައީސް އޮފީސް

ރައީސް ޞާލިޙުގެ މި ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙު ވަނީ ރައްޔިތުންގެ ބަސް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ރައްޔިތުންގެ ނިންމުން ބޮލާލައި ޖައްސަވަން ބޭނުންފުޅެއް ނުވި އެވެ. އެއަށްފަހު ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދެއްވި އެވެ. ދެންނެވި ކޮންމެ ސުވާލަކަށް ރައީސް ޞާލިޙު ޖަވާބު ދެއްވަމުން ގެންދެވީ ހިނިތުންވެ ހުންނަވާ، ވަރަށް ހަމަޖެހި ވަޑައިގެންނެވެ. ޒާތީ ސުވާލުތަކަށް ވެސް ޖަވާބު ދެއްވީ، ރިވެތި ގޮތަކަށެވެ. ބޮޑާކަމާއި، ކިބުރުވެރިކަން އެމަނިކުފާނުގެ ފަރާތްޕުޅުންނެއް ނުފެނެ އެވެ. އެއްވެސް ނޫސްވެރިޔަކާއި ޒާތީވުމެއް ނެތިއެވެ. ޖަވާބު ނުދެވޭނެކަމަށް ހީކުރެވުނު އެތައް ސުވާލަކަށް އެމަނިކުފާނު ޖަވާބުދެއްވީ ނުހަނު ޔަޤީންކަމާއި ކެރުންތެރިކަމާއި އެކުގައެވެ. އިންތިހާބީ ދުވަސްވަރު އަމާޒުވި އެތައް ވާހަކަތަކަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާ ލެއްވިއެވެ. އިބުރަތުން ފުރިގެންވި އެތައް ވާހަކަތަކެއް ރައްޔިތުންނާއި ހިއްސާ ކޮށްދެއްވިއެވެ.

އިންތިޙާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެކު ބޭއްވެވި ތާރީޙީ ބައްދަލުވުމުގައި، ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަންކަން އެންމެ ފުރިހަމަ އަށް، އޮމާންކަމާއެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވި ފަދައިން މިއަދު އެ ގެންދަވަނީ ޢަމަލީގޮތުން އެކަންތައްތައް ކުރައްވަމުންނެވެ. ސަރުކާރުން ފޮރުވަން ޖެހިވަޑައި ގަންނަވާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ވިދާޅުވެ، އިންތިހާބީ ރައީސަށް ދެއްވަން ޖެހޭ އެންމެ ފުރިހަމަ އެއްބާރުލެއްވުން އެގެންވަނީ ދެއްވަމުންނެވެ.

ހަމަ ހަޤީގަތުގައިވެސް ހުރިހާ މާނައެއްގައި އަދުގެ ރައީސުލް ޖުމުހުރިއްޔާ އިބުރާޙިމް މުޙައްމަދު ޞާލިޙް ޤައުމަށާއި މުޅި ދުނިޔެއަށް ދައްވައި ދެއްވަމުން އެ ގެންދަވަނީ ޑިމޮކްރަސީގެ ފުރިހަމަ ރިވެތި ނަމޫނާ އެކެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.