
އިޒްރޭލްގެ ހަމަލާތަކުގައި އދ. ގެ 9 މުވައްޒަފަކުވެސް މަރާލައިފި
ހައްދު ފަހަނައަޅާފައިވާ ސަޙްޔޫނީ ދައުލަތް އިޒްރޭލުން ފަލަސްތީނުގެ ހަތިޔާރެއް ނެތް ގާޒާގެ އާއްމު ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކުގައި އިންސާނީ އެހީދިނުގައި ހަރަކާތްތެރިވަމުންދިޔަ، އދ.ގެ 9 މުވައްޒަފަކުވެސް މަރާލައިފިކަމުގައި އދ. އިން ބުނެފިއެވެ.

ފަލަސްޠީނުގެ މިނިވަންކަށްޓަކައި ޖިހާދުކުރަމުން އަންނަ މުޖާހިދުންގެ ގުރޫޕެއް ކަމުގައިވާ ޙަމާސް ޖަމާޢަތުން ހޮނިހިރު ދުވަހު އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން، ގައްޒާއަށް އެއްވެސް ބެލުމެއް ނެތި އިޒްރޭލުން އަންނަނީ ބޮން އަޅަމުންނެވެ. މިގޮތުން އިޒްރާއީލްގެ ހިޞާރުގެ ތެރޭގައި މިހާރު 18 ވަނަ އަހަރު ގުނަމުންދާ ގައްޒާގައި، އދ. އެހީދިނުމަށް ޤާއިމްކޮށްފައިވާ ތަންތަނަށްވެސް އިޒްރޭލުން ދަނީ ބޮންއަޅަމުންނެވެ. މީގެ އިތުރުން ހަސްފަތާލުތަކާއި، އަސާސި ޚިދުމަތްދޭ އެހެންތަންތަނަށްވެސް އިޒްރޭލުން އަންނަނީ ހަމަލާތައް ދެމުން. އަދި މިހަމަލާތައް ދިނުމުގައި، ހަތިޔާރާއި އެހެނިހެން ގޮތް ގޮތުން އެމެރިކާއިން އަންނަނީ އިޒްރޭލަށް ވާގިވެރިވަމުންނެވެ.
ފާއިތުވެ ދިޔަ 75 އަހަރުގެ ތެރޭގައި، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރާއީލުން ލާއިންސާނީ އެތައް އަމަލުތަކެއް ހިންގައި، ފަލަސްތީނުގެ އެތައް ލައްކަ މީހުން ޝަހީދުކޮށްފައިވާއިރު، އިޒްރޭލަށް ފިޔަވަޅެއް އެޅުމުގައި އދ. އޮތީ ނުކުޅެދިފައެވެ.