
ދިވެހިންގެ ހިތުގައި ފަލަސްޠީނާއި މެދު އޮތީ ލޯތްބާއި ކުލުނު
ކުޑަވެސް ޝައްކެއްނެތްގޮތުގައި ދިވެހިންނަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. އެކަކު އަނެކަކަށް އަޅާލާ ، އިޙްތިރާމް ކުރާ އޯގާތެރި ރައްޔިތަކު ދިރި އުޅެމުން އަންނަ ޤައުމެކެވެ. ދުނިޔޭގެ އެތަށް މިތަނުން އެތައްބަޔަކު ކޮންމެ ދުވަހަކުވެސް ޒިޔާރަތްކުރަމުން ގެންދާ މުޅި ދުނިޔެއަށް މަޝްހޫރު ދެވަނައެއް ނުވާފަދަ ފަތުތުރުވެރިކަމުގެ މަންޒިލެއްވެސް މެއެވެ.

ދިވެހިންގެ އެންމެ ޚާއްޞަ އަދި އެންމެ ހިތްގައިމު ރީތި އެއްސިފައަކީ މީހަކު ނުވަތަ ބަޔަކު ހާލުގައި ޖެހިއްޖެ ނަމަ ނުވަތަ ބަޔަކަށް ދެރައެއް ހިތާމައެއް މެދުވެރިވެއްޖެ ނަމަ އެމީހަކަށް ނުވަތަ އެބަޔަކަށް އެހީތެރިވެ ދިނުމުގައި އެދައްކައިދޭ ރިވެތި ފުރިހަމަ ނަމޫނާއެވެ. ވަކިން ހާއްޞަކޮށް ދީނީ ކަންތައްތަކުގައި އެދައްކުވައިދޭ އެއްބައިވަންތަ ކަމާއި ކެރުންތެރިކަމާއި އަދި ދީލަތިކަމެވެ. ދީނަށްޓަކައި ދިވެހިންވާ މަތިވެރި ޤުރުބާނީއެވެ.

މިއަދުވެސް ދިވެހި އުންމަތުން ފެނިގެންދިޔައީ މިރިވެތި ނަމޫނާއެވެ. މުޅި ދިވެހި ޤައުމުގެ ރައްޔިތުން ބަންޑުންކޮށްލީ އެ ރައްޔިތުންގެ ހިތުގައި އިސްލާމީ އުންމަތަށްޓަކައި އޮތް ލޯތްބާއި ކުލުނެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިވެހި އެންމެހައި ރައްޔިތުންގެ ހިތުގައި އުތުރި އަރަމުންދާ ފުން ލޯތްބާއި ކުލުނެވެ. ދިވެހިން ފަލަސްތީނުގެ ރައްޔތުންނާއި އެކުގައި ތިބިކަމެވެ. ދިވެހިންގެ ދީނީ އެއްބައިވަންތަ ކަމެވެ.
އިޒުރާއީލޭ ކިޔުނު ޔަހޫދީން ބައިގަނޑުން ފަލަސްތީނުގެ ކުށެއްނެތް އެތައް ރައްޔިތުން ތަކެއް ހާލުގައި ޖައްސާ ބިކަކޮށް ޝަހީދުކުރަމުން ގެންދާތާ އެތަށް ދުވަހަކަށްފަހު މިބައިމީހުންގެ ދުއްތުރާތަކަށް ކެތްނުކުރެވިގެން މިދިޔަ ހޮނިހިރު ދުވަހުވަނީ ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ޔަހޫދީންނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ. މިގޮތުން ޔަހޫދީން ޣައްޒާގެ ވަށައިގެންލާފައިވާ ބޮޑު ފާރު ފޫ އަޅުވާލުމަށް ފަހު ހަމާސްއިން ހަމަލާތައް ދޭން ފެށުމާއެކު ޔަހޫދީ އިޒުރޭލަށް ލިބިގެން ދިޔައީ ބޮޑު ސިހުމެކެވެ. އެބައިގަނޑު ބިރުން ފިއްކައިޑައިގެން ދިޔަފަދައެވެ.
އެދުވަހުގެ މި ކުއްލި ހަމަލާގައި ހަމާސްއިން ވަނީ ދުރު ރާސްތާގެ ރޮކެޓްތައް ބޭނުންކޮށްފައެވެ. މިއާއެކު ޔަހޫދީންގެ އެންމެ އެތެރޭގެ ސަރަހައްދުތަކަށް ވެސް ހަމަލާތައް ދިންއިރު، މިއީ އެ މީހުން ބޮޑު ހައިރާން ކަމެއްގެ ތެރެއަށް ވައްޓާލި ވަރުގެ ހަމަލާތަކަކަށް ވެގެން ދިޔައެވެ.
މިވަރުގަދަ ކުއްލި ހަމަލާއާއި ގުޅިގެން ޔަހޫދީ އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންގެ މައި ކިއްލާ ކަމަށްވާ ޣާޒާއަށް ވަރުގަދަ ރައްދުހަމަލާތަކެއް ދޭންފެށިއެވެ. ތަނެއް ދޮރެއް ބެލުމެއްނެތި ދޭންފެށި މި ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ހާލަތު ގޯސްވެ، މުޅި ހިސާބު އޮތީ ނާމާން ކަމާއި ބިރުވެރިކަމުން ފުރިފައެވެ. ވާނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެތައް ބަޔަކު ތިބީ ވާންވީ ގޮތެއް ނޭނގިފައެވެ. އެ ސިޓީގައި ކަރަންޓެއް ނެތެވެ. ސާފް ބޯފެނެއް ނެތެވެ. ކާނާ ލިބޭނެ ގޮތެއް ނެތެވެ. އެހާ ދަތިހާލުގައި އެތައް ބަޔަކު އެ ދަނީ ދިރިއުޅެމުންނެވެ.
އިޒުރާއިލޭ ކިޔުނު ޔަހޫދީން ބައިގަނޑުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 2000 އަށް ވުރެގިނަ މީހުން މިހާތަނަށް ޝަޙީދުވެފައި ވާއިރު މީގެ ތެރޭގައި މަޢުސޫމް އެތައް ކުޑަކުދިންނެތް ހިމެނެއެވެ. އަދި 6،612 މީހުން ވަނީ ޒަހަމްވެފައެވެ. މީގެ ތެރޭގައިވެސް އެތައްއެތައް ކުޑަކުދިންނަކާއި އެއްވެސް ކުށެއްނެތް އަންހެނުންނާއި ޢާއްމުން ހިމެނެއެވެ. ޔަހޫދީންގެ ތެރެއިން މަރުވި މީހުންގެ އަދަދު 1300 އަށް އަރާފައިވާއިރު 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒުރޭލުގެ ޔަހޫދީން ދެމުންގެންދާ މި ލާއިންސާނީ ހަމަލާތަކުގެ މަޢުލޫމާތުތައް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގެ ރައްޔިތުން އަޑުއަހާ ބަލަމުންގެންދިޔައީ ކެތްތެރިކަމާއި ހިތްދަތިކަމާއި ނުހަނުވޭނާ އެކުގައެވެ. ދިވެހިރައްޔިތުން އެދެމުން ދިޔައީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަކަށެވެ.
ދިވެހި ލޮބުވެތި ރައްޔިތުންގެ މި އެދުމަށް އަދި މި އުންމީދުތަކަށް ނިމުމެއް ގެނެސްދިނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން އިސްވެ އޮވެ ރާއްޖޭގެ ވަރަށް ގިނަ ޖަމުއިއްޔާ ޖަމާއަތްތައް ބައިވެރިވެގެން ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތަފާތު ހަރަކާތްތަކެއް ހިންގަން ފެށުމުންނެވެ.
މިގޮތުން އިއްޔެ ވަނީ މާލެ ހިމެނޭހެން މުޅި ރާއްޖޭގައި ފަލަސްޠީނުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ހިތުގައި އޮތް ލޯތްބާއި ކުޅުނު ދައްކާލުމަށް އެއްވުންތަކާއި ހިނގާލުންތައް ބާއްވާފައެވެ. މި ހަރަކާތައް ދިވެހި ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ ފުރިހަމަ އެއްބާރު ލުމާއި ބައްދަލުވުންތަކާއި، ހިނަގާލުންތަކަށް އެއްވި މީހުންގެ އަދަދުތަކުން އެގިގެން ދިޔައީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ލޯތްބާއި ކުލުނެވެ.
މި ހާއްޞަ އެއްވުމަށް މާލެއިން ޖަމާވި މީހުންތައް ވަނީ މާލޭގެ އެންމެ ބޮޑު ހުސް ސަރަހައްދުކަމަށްވާ އާރޓިފިޝަލް ބީޗު ސަރަހައްދު އެއްކޮށް ފުރާލައިފައެވެ. ސައިކަލު ބުރަށް ހާޒިރުވި މީހުންގެ ސައިކަލުތަކުން މާލޭގެ އެންމެ ބޮޑު މަގުކަމަށްވާ މަޖީދީމަގުގައި ވަނީ ކޮޅުން ކޮޅަށް ސައިކަލްތައް އަތުރާލައިފައެވެ. މާލެ ފިޔަވާ ރާއްޖޭގައިވާ އެންމެ ބޮޑު ސިޓީކަމަށްވާ އައްޑޫ ލިންކު ރޯޑުވެސް ވަނީ ސައިކަލް ބުރަށް ހާޒިރުވި މީހުން ނިކުމެ ފުރާލައިފައވެ. ރާއްޖޭގެ ހުރިހާ ކަންކޮޅަކުން އަދި ހުރިހާ ރަށަކުންވެސް ފެނިގެން ގޮސްފައިވަނީ ހަމަ މި މަންޒަރެވެ.

އިއްޔެގެ މި ހާއްޞަ ހަރަކާތައް ހާޒިރުވި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތުގެ ޝުޢޫރަކީވެސް ހަމަ އެންމެ ޝުޢޫރެކެވެ. ފަލަސްޠީނުގައި ވޭނާއި، ކެކުޅުން ތަހައްމަލު ކުރަމުން ގެންދާ އަޅުގަނޑުމެންނެކޭ އެއްފަދަ މުސްލިމު އަހުންނާއި އުޙުތުންނަށް އިޒުރޭލުން ދެމުންގެންދާ ހަމަލާތައް ދިނުން ހުއްޓާލުމެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން ކަމާއިއެކު ދުނިޔޭގައި އުޅެވޭނެގޮތް ހޯދައި ދިނުމެވެ. މުސްލިމުންގެ އެންމެ މުޤައްދިސް އެއްބިނާކަމަށްވާ މަސްޖިދުލް އަޤްޞާއަށް ބިރަކާއި ނުލައި ވަދެވޭނެގޮތް ހަދައި ދިނުމެވެ.
ހަމަ ހަޤީގަތުގައި ވެސް ދިވެހި ކުދިބޮޑު އެންމެހައި ލޮބުވެތި ރައްޔިތު އަހުންނާއި އުޚުތުން އިއްޔެ ދައްކައިދިނީ އެބައި މީހުންގެ ހިތުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ލޯތްބާއި ކުޅުނެވެ. ދިވެހި ލޮބުވެތި ރައްޔިތުން ފަލަސްޠީނުގެ ތައްޔިތުން މިނިވަން ވުމަށް އެދޭވަރެވެ. އަދި ފަލަސްޠީނުގެ ކުށެއްނެތް ރައްޔިތުންނަށް މިހާރު ދެމުންގެންދާ އުދުވާނީ ނޭންގާނީ ރަޙުމް ކުޑަ ލާއިންސާނީ ހަމަލާތަކަށް ދިވެހި ރައްޔިތުން "ނޫނެކޭ" ބުނާ މިންވަރެވެ. ހަމަ ޔަޤީނުންވެސް ދިވެހި އެންމެހައި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއި އެކުގައެވެ. ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ހެޔޮ ދުޢާ އަބަދުވެސް ވަނީ ފަލަސްޠީނުގެ މުސްލިމް ރައްޔިތު އަހުންނާއި އުޚުތުންނާއި އެކުގައެވެ.