
ލެގޫންސަށް ލަންކާ ކެޕްޓަން، އެޓޯލްސް އެފްސީއަށް ބްރެޒިލް ފޯވާޑެއް
ދެވަނަ ޑިވިޝަންގައި ވާދަކުރާ ލެގޫންސް ސްޕޯރޓްސް ކްލަބަށް ސްރީލަންކާ ކެޕްޓަން އަދި ތިންވަނަ ޑިވިޝަންގައި ވާދަކުރާ އެޓޯލްސް އެފްސީއަށް ބްރެޒިލް ފޯވާޑެއް ގެންނަން ނިންމައިފިއެވެ.

ލެގޫންސް ސްޕޯރތްސް ކްލަބަށް ލަންކާ ކެޕްޓަން ޗަރިތަ ގެންނަކަން އެކްލަބުން ވަނީ ޔަޤީންކޮށްދީފައެވެ. މީގެއިތުރުންވެސް ސްރީލަންކާ ކުޅުންތެރިން ގެންނަން އެކްލަބުން ވަނީ ނިންމާފައެވެ. އޭގެތެރޭގައި ފޯވާޑް ޝިފާން ހިމެނެއެވެ. ކޯޗަކީ ޕްރޯ ލައިސަންސް ކޯޗު މުޙައްމަދު ޝާޒްލީ އެވެ.
މިއަހަރު އަލަސް ތިންވަނަ ޑިވިޝަންގައި ވާދަކުރަން ތައްޔާރުވާ އެޓޯލްސް އެފްސީއަށް ގެންނަން ނިންމި ފުރަތަމަ ބިދޭސީ ކުޅުންތެރިއަކީ ބްރެޒިލްގެ ފޯވާޑް ޓިޓޯއެވެ. 34 އަހަރުގެ ފޯވާޑަކީ ބްރެޒިލްގެ މަޝްހޫރު ކޮރިންތިއަންސްއާ ދެކޮޅަށް ކުލެ ގޯލް ޖަހާފައިވާ ކުޅުންތެރިއެކެވެ. ބިދޭސީ އިތުރު ކުޅުންތެރިންވެސް ގެންނާނެކަމަށް އެކްލަބުން ވަނީ ބުނެފައެވެ. ކޯޗަކީ ކްލަބްގެ ވެރިޔާ އަލީ ވަހީދު (ބަލަކް) އެވެ.