
ހީރޯއިންނަކީ ބެލިންގހަމްއާއި އޮނާނާ
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި މެޗުގެ ހީރޯއިންނަށް ބެލިންގހަމްއާއި އޮނާނާ ވެއްޖެއެވެ.

ރެއާލްއަށް ބަދަލުވެ މިހާތަނަށް މުޅި ސީޒަންގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެލިންގހަމް ވަނީ 2-1 ން ސްޕޯރޓިންގ ބްރާގާ އަތުން ރެއާލް މޮޅުވި މެޗުގ ދެވަނަ ލަނޑު ޖަހާފައެވެ. އޭނާ މެޗުގެ ދެވަނަ ހާފްގައި ޖެހި ލަނޑަކީ މިސީޒަންގައި ކްލަބާއި ގައުމީ ޓީމަށް 15 މެޗުން ޖެހި 12 ވަނަ ލަނޑެވެ. ފުރަތަމަ ހާފްގައި ރެއާލްއަށް ކުރި ހޯދައިދިނީ ރޮޑްރީގޯއެވެ. ރެއާލްއަށް ދެ ލަނޑު ޖެހިފަހުން ސްޕޯރޓިންގ ބްރާގާގެ ހަމައެކަނި ލަނޑު ޖެހީ ޑިޔަލާ އެވެ. ރެއާލް އޮތީ ތިން މެޗުންވެސް މޮޅުވެ ގްރޫޕްގެ އެއްވަނާގައެވެ. ދެވަނާގައި އޮތީ ނަޕޯލީއެވެ.
މިސީޒަންގައި ޔުނައިޓެޑަށް ބަދަލުވި ނަމަވެސް އަންގާރަ ދުވަހުގެރޭ އެފްސީ ކޯޕަން ހޭގަން އަތުން މޮޅުވި މެޗާ ހަމައަށް މުޅިންވެސް ފާޑުކިއުން އަމާޒުވަމުން އަންނަ ކީޕަރު އޮނާނާ ތަރިއަކަށްވީ މެޗުގައި އޭނާ މަތަކުރި މެނަލްތީގެ ސަބަބުންނެވެ. 1-0 ން ޔުނައިޓެޑް މޮޅުވާން ދިޔަ މެޗުގެ އިތުރު ވަގުތުގެވެސް ފަހު ވަގުތު ކޯޕަން ހޭގަންއަށް ލިބުނު ޕެނަލްޓީ އޮނާނާ ވަނީ މަތަކޮށްފައެވެ. މެޗުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިން ހެރީ މެގުއާ އަކީވެސް ސަޕޯޓަރުންގެ ނުރުހުން ވަރަށް ބޮޑަށް އޮތް ކުޅުންތެރިއެކެވެ. އޭނާއަކީ މިސީޒަނާ ހަމައަށް ކްލަބްގެ ކެޕްޓަންވެސް މެއެވެ.
މިއީ މިސީޒަންގެ ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑްގެ ފުރަތަމަ މޮޅެވެ. އެޓީމް އޮތީ ތިން ޕޮއިންޓާއެކު ތިންވަނާގައެވެ. އެއްވަނާގައި އޮތީ ތިން މެޗުންވެސް މޮޅުވެ ބަޔާން މިއުނިކެވެ.