ރައްޔިތުންގެ މަޖިލިސްގެ ރައީސް މުޙައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސްގެ އިދާރާ

ރައީސް ނަޝީދު މަޖިލިސްގެ ރައީސްކަމުން ވަކިކުރުން ނޫންގޮތެއް ނެތް

ބުރާސްފަތި 26 އޮކްޓޯބަރ 2023 | އަހުމަދު ދާއޫދު

އެއީ ހިތްތަކުގެ ރައީސްއެވެ. ދިވެހި ޤައުމުގެ ޑިމޮކްރަސީގެ ޗެމްޕިއަނެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގެ ރަސްގެފާނެވެ. ދިވެހި ރައްޔިތުން އެބޭފުޅަކަށްޓަކައި އެންމެ ބޮޑު ތާޢީދަކާއި ލޯތްބެއް އޮތް ސަޙްސިއްތަވެ. އާދެ ދިވެހިރާއްޖޭގެ ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަދި ފަހަކާއި ޖެހެންދެންވެސް ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް އުސޫލުން ކަންތައްތަ ކުރަމުން ގެންދާ އެންމެ ބޮޑު ސިޔާސީ ޕާރޓީގެ ރައީސް އަދި މިހާރުގެ ދިވެހިރާއްޖޭގެ ރައްޔިތުން މަޖުލިސްގެ ރައީސް ގ.ކެނެރީގެ އަލްފާޟިލް މުހައްމަދު ނަޝީދު (އަންނި)އެވެ.

Advertisement


މީ މާޒީއެވެ. މިއަދު ދިވެހިންގެ ހިތްތަކުގެ ރަސްގެފާނު މިވަނީ އެންމެ އާދައިގެ މީހަކަށް ބަދަލުވެފައެވެ. ޑިމްކޮރަސީގެ " މަންޑޭލާގެ" ލަޤަބާއިއެކު " ޗެމްޕިއަންއަކަށް" ހެދި ހެދުން މިވަނީ ޑިމޮކްރަސީގައި "މުގާބޭ" އަށް ވެފައެވެ. ރައްޔިތުންގެ ހިތުގައި އޮތް ލޯތްބައި ތާއީދު މިއަދު މިވަނީ ނަފުރަތާއި ރުޅިވެރިކަމަށް ބަދަލުވެފައެވެ. އެންމެ ބޮޑު އަދި އެންމެ ޑިމޮކްރެޓިކް ޕާރޓީ، އެމްޑީޕީ އިން މިވަނީ އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވާފައެވެ. މިއަދު ހަމައެކަނި އެމަނިކުފާނުގެ އަތްޕުޅުގައި އޮތްހާވެސް އެއްޗަކީ ރައްޔިތުން މަޖުލިސްގެ ރައީސްކަމެވެ. ބެލެވޭ ގޮތުގައި އަދި ރޭވިފައިވާ ގޮތައް ކަންތައްތައް ކުރިއަށްދާ ނަމަ މިއަންނަ އާދިއްތަ ދުވަހު މިކަމުގައިވެސް ސިއްކަ ޖެހި މަޖުލިސްގެ ރައީސްކަމުންވެސް އެމަނިކުފާނު ދުރުކުރެވޭނެއެވެ.

ރައީސް ނަޝީދުއަށް މިހެން މިވީ ކީއްވެ؟ މިއީ މިހާރު ދިވެހިރާއްޖޭގެ ގިނަބަޔަކަށް ޖަވާބު ލިބި ހާމައަށް ސާފުވެ، ފާޅުވެފައިވާ ސުވާލެކެވެ. ނަޝީދުގެ އަމިއްލަ އެދުން ބޮޑުކަމާއި ޚުދުމުހުތާރު ކަމަކީ މިކަމުގެ އެންމެ މައިގަނޑު ސަބަބެވެ. އަމިއްލަ ނަފުސަށް މާބޮޑަށް ކަންތައްތައް ބޭނުންވެ އެގޮތައް ކަންތައްތައް ބައްޓަށް ކުރަން ފެށުމީ ހަޤީގަތުގައި ނަޝީދުގެ ސަޕޯރޓާއި މަޤްބޫލްކަން ދިވެހިންގެ ހިތްތަކުން ފިލައިގެން ދިޔުމުގެ އެންމެ މައިގަނޑު ސަބަބެވެ.

ރައްޔިތުން މަޖުލިސްގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރުމަށް އެމްޑީޕީގެ ޕާލިމެންޓުރީ ގުރޫޕުން ހުށައަޅާފައިވާ ހުށައެޅުމާއި ގުޅޭގޮތުން ހުޅުމާލެ ދާއިރާގެ މެމްބަރ އަދި އެމްޑީޕީގައި އެންމެ ގަދައަށް ނަގާ ކިޔަމުން ގެންދާ އަލީ ނިޒާޒު ވިދާޅުވީ ނަޝީދު މަޤާމުން ވަކި ނުކޮށް ކަންތައްތައް ރަނގަޅު ކުރެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކަމުގައެވެ. ނަމަވެސް މިހާރު މަޖުލިސްއަށް ލައިފައިވާ އެ މައްސަލައަކީ (ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ) އެ ނޫން އެހެން ގޮތެއް ނެތިގެން ލައިފައިވާ މައްސަލައެއް ކަމުގައެވެ.

"ޙަޤީގަތުގައި އަޅުގަނޑުމެން އަދި އެބޭފުޅުން (މިވަގުތު ޑިމޮކްރެޓްސްގައި ތިއްބެވި މެމްބަރުން ) ނަކީ އެމްޑީޕީ ޓިކެޓްގައި މަޖުލިސްއަށް ރައްޔިތުން އިންތިޙާބުކޮށްފައި ތިއްބެވި ބައެއް. ނަމަވެސް މިއަދު ފެނިގެން މިދަނީ އެބޭފުޅުން އަދި ވަކިން ހާއްޞަކޮށް ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީ ފުޑާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާތަން" ތަފްސީލް ދެއްވަމުން އަލީ ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންނާއި އަދި އެމްޑީޕީގެ ލީޑަރޝިޕް ޤާބޫލްކުރާ ގޮތުގައި އަދި އެބޭފުޅުން ތުހުމަތު ކުރާގޮތުގައި ނިމިދިޔަ އިންތިހާބުގައި މިހާރުގެ ރައީސުލް ޖުމުހުރިއްޔާ އިބުރާޙިމް މުޙައްމަދު ޞާލިހަށް ރިޔާސީ އިންތިޙަބު ނާކާމިޔާބުވުމުގެ އަސްލަކީވެސް ރައީސް ނަޝީދާއި އަދި އެމަނިކުފާނު އިސްވެ ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓިކްސް ޕާރޓީއެވެ. "އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އަޅުގަނޑުމެންނަށް ނިމިދިޔަ ރިޔާސީ އިންތިހާބު ނާކާމިޔާބު ވުމުގައިވެސް ރައީސް ނަޝީދު އާއި އަދި އެމަނިކުފާނުގެ ސަބަބުން އެމްޑީޕީ ދޫކޮށް ދިޔަ މެމްބަރުންގެ ހިއްސާ ވަރަށް ބޮޑު" މިކަމަށް އިޝާރާއްކުރައްވާ މެމްބަރ އަލީ ނިޔާޒު ވިދާޅުވިއެވެ.

މަޖުލިސްގެ ރައީސްކަމުން ރައީސް ނަޝީދު ބޭރުކުރަން ނުވަތަ ވަކި ކުރަން ޖެހޭ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރުން ދެކޭ އެންމެ މުހިއްމު އަނެއް ސަބަބަކީ މަޖުލިސްގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ސަރުކާރު ހިންގެވުމަށް ދަތިކުރަމުން ، ޖެންސުން ކުރަމުން ގެންދާ ގެންދެވުމެވެ. އެބޭފުޅުން ޤާބޫލް ކުރައްވާ ގޮތުގައި މަޖުލިސްގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދުވަނީ ސަރުކާރުން މަޖުލިސްއަށް ހުށައެޅި މުހިއްމު އެތަށް ބިލްތަކެއް ކުރިއަށް ނުގެންގޮސް މަޑު ޖައްސަވާފައެވެ.

އެމްޑީޕީގެ ފަރާތުން ރައީސް ނަޝީދު ވަކިކުރަން ރަސްމީކޮށް މަޖުލިސްއަށް ހުށަހެޅި ސަބަބުތަކަކުގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ މަޖިލީހުގެ އެޖެންޑާ ކަނޑައެޅުމާއި ވަކި ގޮތެއް ނިންމުމަށް ހުށަހެޅުމުގައި އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި ވަކި ފަރާތަކަށް ބުރަވެ، ގަވައިދާ ހިލާފަށް އެޖެންޑާ ކަނޑައެޅުއްވުމާއި، ޖަލްސާތައް ގަވައިދާ ހިލާފަށް ތަކުރާރުކޮށް ކުރިއަށް ގެންދެވުމާއި، މަޖިލީހުގެ ނިޒާމު ގެއްލުވާލަން މަސައްކަތް ކުރައްވާ މެންބަރުންނަށް ވާގިވެރިވެވަޑައިގަތުމާއި ، އަދި މަޖިލިސް އެތައް ދުވަހެއް ވަންދެން ހުއްޓުވުމަށް ފަހު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މަސްލަހަތު އޮތް މައްސަލައެއް ތާވަލުކުރައްވައިގެން ކުރިއަށް ގެންދެވުމަށް ޖަލްސާތައް ބޭއްވެވުމެވެ.

މަޖުލިސްގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހުށައެޅި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ހށައެޅުމަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދިމާކޮށް އެހުށައެޅުން ވަނީ އެމްޑީޕީ އަބުރާ ގެންގޮސްފައެވެ. ނަމަވެސް ދެވަނަ ފަހަރަށް އެމްޑީޕީއިން ނަޝީދު ވަކި ކުރުމުގެ މައްސަލަ ހުށައަޅާ ، ނަޝީދު މަޖުލިސްގެ ރައީސްކަމުން ވަކި ކުރުމަށް އެޕާރޓީގެ ޕާރިލމެންޓްރީ ގްރޫޕްގެ ޖަލްސާއަށް ހާޒިރިވެ ވަޑައިގެންނެވި އެންމެހައި މެމްބަރުންގެ އިންތިފާޤުން މިވަނީ ނަޝީދު ރައީސްކަމުން ވަކިކުރުމަށް ތުރީލައިން ވިޕެއްވެސް ނެރެފައެވެ.

އެމްޑީޕީގެ މެމްބަރުން އަދި ވަކިން ހާއްޞަކޮށް އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްފަރާތްތަކުން ބުނަމުން ދަނީ މިފަހަރު ރައީސް ނަޝީދު މަޖުލިސްގެ ރިޔާސަތުން ނުވަތަ މަޖުލިސްގެ ރައީސްކަމުން ދުރު ކުރާނެ ކަމަށެވެ. "ހަޤީގަތުގައި މިހާރު ރައީސް ނަޝީދު މަޖުލިސްގެ ރައީސްކަމުން ދުރުކުރުން ލަސްވެސް ވެއްޖެ، ކޮންމެ ގޮތަކުންވިޔަސް މިފަހަރު ރައީސް ނަޝީދު މަޖުލިސްގެ ރިޔާސަތުން (ރައީސްކަމުން) ދުރުކުރާނަން" މީގެ ކުރިން ރައީސް ނަޝީދުއަށް ވަރަށް ވަފާތެރި ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ހުންނެވި އަލީ ނިޔާޒް ޔަޤީންކަމާއިއެކު ވިދާޅުވިއެވެ.

އެމްޑީޕީއިން ޤަބޫލް ކުރާގޮތުގައި މަޖުލިސްގައި އެމްޑީޕީއިން ބޭނުންވާ ގޮތައް ކަންތައްތައް ނުކުރެވެނީ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވާތީއެވެ. އެމްޑީޕީގެ ލީޑަރޝިޕް ގެ ބަހަކަށް މިހާރުވެފައިވަނީ "ނަޝީދު ނޫން ގޮތެއް" ހޯދުމެވެ.

މި ހުރިހާ ސަބަބުތަކެއް މިހެން ހުރުމާއިއެކު ރައީސް ނަޝީދު ރައްޔިތުންގެ މަޖުލިސްގެ ރައީސްކަމުގެ މަޤާމުން ވަކިކުރުން ނޫން އެހެން ގޮތެއް އާއްމު ރައްޔިތު މީހާއަށްވެސް މިހާރަކު ނުފެނެއެވެ. އަޅެ ކަންތައްތައް ވެގެންދާގޮތް ބަލަށް ތިބެމާތޯއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.