
އިޒްރާއީލްގެ ހަމަލާތަކުގައި ބިމާހަކޮށްލާ އިމާރާތްތަކުގެ ދަށުގައި ދިރި ތިބި އެތައް ބަޔަކު ސަލާމަތް ކުރެވޭނެ ގޮތެއް ނެތި މަރުވަނީ
ހައްދުފަހަނަ އެޅި ސަޙްޔޫނީ ދައުލަތް އިޒްރޭލުން ގައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ފުނޑުފުނޑުވަމުންދާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ދިރިތިބި އެތައް ބަޔަކު އެބަތިބި ކަމަށާއި ސަލާމަތްކުރެވޭނެ ގޮތެއް ނެތި އެމީހުން ދަނީ މަރުވަމުން ކަމުގައި އދ.ގެ އިންސާނީ އެހީދޭ ޖަމާޢާތް، ޔުނައިޓެޑް ނޭޝަން ރިލީފް އެންޑް ވޯކްސް އެޖެންސީން ހާމަކޮށްފިއެވެ.

އެޖަމާއަތުން ހާމަކޮށްފައިވާ ގޮތުގައި އިޒްރާއީލުގެ އަނިޔާވެރި ވައިގެ ހަމަލާތައް ފެށި ދުވަހުން ފެށިގެން މިއަދާ ހަމައަށް، 1600 ވުރެ ގިނަ މީހުން އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި 900 ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ،
އިޒްރާއީލްގެ ހަމަލާތަކުގައި މީހުން ދިރިއުޅޭ އިމާރާތްތައްވެސް ބިމާ ހަމަކުރަމުން ދާއިރު، އިމާރާތްތަކުގެ ދަށުގައި ދިރިތިބި މީހުން ތިބިކަން ގައްޒާގެ އާއްމުންނަށް އެނގެއެވެ. އަދިި އެފަދަ ބައެއް ފަރާތްތަކުގެ މެސެޖްތައްވެސް އާއިލާތަކަށާއި ރައްޓެހިންނަށް ލިބިފައިވެއެވެ. އެހެން ނަމަވެސް ކޮންކްރީޓްތައް ނަގައި މީހުން ސަލާމަތްކުރުމަށް ބޭނުން ކުރެވޭނެ އެއްވެސް ހަތިޔާރެއް ވެހިކަލެއް އެކަށިގެންވާ އަދަދަށް ގައްޒާގައި ނެތެވެ. އަދި ހުއްޓުމެއްނެތި ދެމުންދާ ހަމަލާތަކުގެ ސަބަބުންވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އެކަށިގެންވާ ގޮތެއްގައި ކުރިޔަކަށް ނުދެއެވެ. މީގެ އިތުރުން ރޭގަނޑުގެ ވަގުތުގައި މީހުން ނިދާފައި ތިބޭއިރުވެސް އިޒްރާއީލުން ދަނީ އާއްމުން ދިރިއުޅޭ އިމާރާތްތަކަށް ބޮން އަޅަމުންނެވެ.