
އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އދ. ގެ މުވައްޒަފުންގެ އަދަދު 53 އަށް އަރައިފި
އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައެޅި އިޒްރޭލުގެ ސަޙްޔޫނީ ސިފައިން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 53އަށް އަރައިފިއެވެ.

އދ. ގެ އިންސާނީ އެހީ ދިނުމުގެ ގޮފި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އިން ބުނީ، ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގައި މަރުވަމުންދާ އެޖަމާއަތުގެ މުވައްޒަފުންގެ އަދަދު އިތުރުވަމުން ދިޔުމަކީ ކަންބޮޑުވުމެއް ކަމަށާއި، އޭގެ އިތުރުން މުވާޞަލާތީ ހުރިހާ ޚިދުމަތެއް ކަނޑާލުމަކީ، އެޖަމާޢަތުން ޣައްޒާގެ ރައްޔިތުންނަށް ފޯރުކޮށްދޭ އިންސާނީ އެހީތައް ހުއްޓިގެން ހިނގައިދާނޭ ކަމެއް ކަމަށެވެ. މީގެ އިތުރުން އިންސާނީ އެހީތަށް ދިނުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ނުލިބޭތީ، ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް އެންމެ ޟަރޫރީކަންކަން މެދު ނުކެނޑި އެންމެ ދިގުމުއްދަތަކަށް ގެންދެވޭނެ ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އިޒްރޭލުން ޣައްޒާގެ އާއްމު ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންގެންދަނީ ނަސްލު ބިންފޭރުމާއި ނަސްލު ނައްތާލުމުގެ ޤަތުލްޢާއްމެކެވެ.
އިޒްރޭލުން ޣައްޒާއަށް އެގަމާއި ކަނޑާއި ވައިގެ މަގުން ބޮންއަޅަމުން ދަނީ މުޅި ގައްޒާ ބަންދުކޮށް އަސާސީ ހުރިހާ ޚިދުމަތެއްވެސް ކަނޑާލައިގެންނެވެ.
އިޒްރޭލުގެ ހަމަލާތަކުއި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 8000 މަތިވެފައެވެ. އޭގެ ތެރޭގައި 4000 ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ.