
ލިވަޕޫލްގެ މޮޅު ޚާއްޞަކުރީ ލުއިސް ޑިއާޒް އަށް
ނޮޓިންގހަމް ފޮރެސްޓް އަތުން ހޯދި މޮޅު ލިވަޕޫލުން، އެޓީމްގެ ލުއިސް ޑިއާޒް އަށް ޚާއްޞަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ނޮޓިންގހަމް ފޮރެސްޓް އަތުން 3-0 ން ލިވަޕޫލް މޮޅުވިއިރު ލުއިސް ޑިއާޒް ހުރީ އުނދަގޫ ހާލެއްތެ ކުރިމަތިވެ ޓީމާ ދުރުގައެވެ. އެއީ ކޮލަމްބިޔާގައި ދިރިއުޅޭ އޭނާގެ މައިންބަފައިން ރަހީނުކުރުމުންނެވެ. މަންމަ ފެނުނު ނަމަވެސް ބައްޕަ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރުމުގެ ގޮތުން ޖޮޓާ ވަނީ ލުއިސް ޑިއާޒް ބޭނުންކުރާ 7 ނަމްބަރު ޖަރޒީއެއް ދައްކާލާފައެވެ. ޖޮޓާ ބުނީ އެގޮތަށް ކަންތައް ކުރީ ލުއިސް ޑިއާޒްއާއެކު ތިބިކަން ހާމަކުރަން ކަމަށެވެ. މެޗުގައި ދެން ލަނޑު ޖެހީ ނޫނޭޒްއާއި ސަލާހުއެވެ.
މެޗުން މޮޅުވެ ލިވަޕޫލް އޮތީ 23 ޕޮއިންޓާއެކު ހަތަރު ވަނާގައެވެ. ލިވަޕޫލަށްވުރެ ކުރީގައި އޮތީ 24 ޕޮއިންޓާއެކު މެންޗެސްޓަރ ސިޓީއާއި އާސެނަލް އެވެ. މެންޗެސްޓަރ ސިޓީ ވަނީ 3-0 ން މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްފައެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖެހީ ހާލަންޑެވެ. ތިންވަނަ ލަނޑު ޖެހީ ފޮޑެން އެވެ.