
އަމިއްލައަށް ދުއްވި ޓޭންކަރު ދަށުވެ އިޒްރޭލް ސިފައިންގެ މީހަކު މަރުވެއްޖެ
ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ޤަތުލުޢާއްމުތައް ހިންގުމުގައި ހަރަކާތްތެރިވަމުންދިޔަ އިޒްރާއީލް ސިފައިންގެ މީހަކު ދުއްވި ޓޭންކަރު ފުރޮޅާލައި އޭނާ މަރުވެއްޖެއެވެ.

މިހާދިސާ ހިނގާފައި ވަނީ، އިޒްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ތެރޭގައި ހިމެނޭ އުތުރުގެ ސަރަހައްދުގައެވެ.
ޓޭންކަރު ފުރޮޅާލުމުގެ ސަބަބުން މަރުވީ އުމުރުން 31 އަހަރުގެ ސިފައިންގެ މީހެކެވެ. އޭނާ މަރުވީ އޭނާ ދުއްވި ޓޭންކަރު ފުރޮޅާލުމުން އޭގެ ދަށުވެގެންނެވެ. 31 އަހަރުގެ އެސިފައިންގެ މީހާގެ ނަމަކީ ޔިނޮން ފްލެޝިމަންއެވެ. އޭނާއަކީ، އިޒްރާއީލް ސިފައިންގެ ރިޒާވް ފޯސްގައި ހިމެނޭ މީހެއްކަމަށް އިޒްރާއީލްގެ ނޫސްތަކުން ބުނެފައިވެއެވެ.
އިޒްރާއީލުން މިހާރު ފަލަސްޠީނުގެ ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ޤަތުލުއާއްމުތަކުގައި، ރިޒާވް ފޯސްގައި ހިމެނޭ ސިފައިންވެސް އަންނަނީ ބޭނުން ކުރަމުންނެވެ. އެހެން ނަމަވެސް ތަމްރީނު ލިބިފައިނެތް ހަނގުރާމަވެރިން ޣައްޒާއަށް ވެއްދުމަކީ، އެމީހުން ނަރަކައަށް ވެއްދުންފަދަ ކަމަކަށް ވެދާނެ ކަމުގައިވެސް އިޒްރޭލްގެ ޑިފެންސް މިނިސްޓަރ ކުރިން ވިދާޅުވެފައިވެއެވެ.