މަޖިލިސްގެ ރައީސް ނަޝީދު މަޤާމުން ވަކިނުކުރެވި މަޖުލިސް ހުއްޓިފައި / ފޮޓޯ: މަޖިލިސް

ރައީސް ނަޝީދަށް އޮތް "މަންޑޭލާ" ގެ ރީތި ނަން "މުގާބޭ" ގެ ނަމަށް ބަދަލުވަނީބާ !!؟

ބުދަ 01 ނޮވެމްބަރ 2023 | އަހުމަދު ދާއޫދު

ރާއްޖޭގެ ރައްޔިތުންނަށް ސިޔާސީ މިނިވަންކަން ހޯދައިދީ ، މިނިވަންކަމާއި އެކީ ބަސްބުނުމުގެ ހައްޤު ހޯދައި ދެއްވި ލީޑަރަކީ ރާއްޖޭގައި ނެލްޝަން މަންޑޭލާގެ ލަޤަބު ދެވިގެން ދިޔަ ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަދި މިހާރުގެ ރައްޔިތުން މަޖުލިސްގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު ކަމާއި މެދު ގިނަ ދިވެހި ރައްޔިތުން އެއްބަސްވާނެކަން ކަށަވަރެވެ.

Advertisement


ޤައުމުގެ މިނިވަންކަމާއި ނަސްލީ ތަފާތުކުރުން ނައްތާލައި ޤައުމުގެ ހަމަޖެހުމާއި އުފާވެރިކަން ހޯދައި ދިނުމަށްޓަކައި މަސައްކަތް ކުރެއްވުމުގެ ސަބަބުން އެތަށް އުދަގުލަކާއި ވޭނެއް ތަހައްމަލްކޮށް 25 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި އޮންނަވައި، ނަސްލީ އިންތިޔާޒާއި ދޮކޮޅަށް މަސައްކަތް ކުރެއްވި ދުނިޔޭގައި ދެވަނައެއް ނުވާފަދަ ލީޑަރ ދެކުނު އެފްރިކާގެ ހީރޯ އަދި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ނެލްސަން މަންޑޭލާ އާއި ރައީސް ނަޝީދު އެއްފަދަކޮށް އެ ޝަރަފާއި ލަޤަބު ދިވެހިން އެމަނިކުފާނަށް އެރުވީ ރާއްޖޭގެ ޑިމޮކްރަސީއަށްޓަކައި އެމަނިކުފާނު ކުރެއްވި އާދަޔާ ޚިލާފް މަސައްކަތްޕުޅުގެ ސަބަބުންނެވެ.

ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށްޓަކައި ކޮށްދެއްވި މަސައްކަތްތައް ނުހަނު ގިނަގުނައެވެ. މިކަންތައްތަކުގެ އަގު ދިވެހި ރައްޔިތުން ރައީސް ނަޝީދަށް ދިނީ ނުހަނު ލޯތްބާއި އިޚްތިރާމާއި އެކުގައެވެ. ދިވެހިރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ބޭފުޅަކު ބޭރުކޮށް ދިވެހިރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ ޝަރަފުވެރި ހައިބަވެތި މަޤާމަށް ގެނެސްގެންނެވެ.

ދުނިޔޭގެ ކަންތައްތައް ހިނގާމަގުން ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދުގެ އަސްލު ސިފަ އެނގެން ފެށީ އެމަނިކުފާނު ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަޤާމަށް ގެނެވުނު ހިސާބުންނެވެ.

ޑިމޮކްރަސީގެ ބައްޕަގެ ގޮތުގައި ވަކާލާތު ކުރެއްވި ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވި "ތިމަން މަނިކުފާނު ވެރިކަން ބޭނުމެއް ނޫނޭ" ވިދާޅުވި ބަސްފުޅު މުޅިން އިދިކޮޅަށް ޖެހިގެން ދިޔަތަނެވެ. "މަޤާމާއި ޝަރަފާއި އިއްޒަތް ބޭނުންފުޅެއް ނޫނޭ" ވިދާޅުވި ބޭފުޅާއަށް ޕާރޓީގެ ރައީސްކަމާއި ޗެއާރޕާސަންކަން ގެއްލި ދާނެ ކަމަށްޓަކައި ޕާރޓީއަށް ގިނަގުނަ ޚިދުނަތްތަކެއް ކުރެއްވި ބޭފުޅުންތައް އަމިއްލަފުޅު ޕާރޓީން ކެނޑެން މަޖުބޫރު ކުރެއްވި ތަނެވެ.

މިއަދު ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ރައީސް ނަޝީދުގެ އަސްލު ސިފަ އެނގިގެން މިދަނީ ވެރިކަމާއި އާރާއި، ބާރު ހޯއްދެވުމަށްޓަކައި އަދި އެމަނިކުފާނުގެ ހުދުމުހުތާރުކަން ހިފެހެއްޓެވުމަށްޓަކައި އެންމެ ކުޑައިރުގެ އެކުވެރި ރަޙްމަތްތެރިޔާ އާއި މެދު ކަންތައްތައް ކުރެއްވި ގޮތުންނެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހިންގި ނުބައި ހަނޑިހުތުރު ފާހިޝް ޢަމަލާއި ގުޅިގެން އަދުގެ ރައީސުލް ޖުމުހުރިއްޔާ އަދި ރައީސް ނަޝީދުގެ އެންމެ ގާތް އަދި އެންމެ ކުޑައިރުގެ އެކުވެރިޔާކަމަށް ދިވެހިރައްޔތުންނަށް ދެއްކެވި ބޭފުޅާގެ އިސްތަށިފުޅުގައި ހިލޭ އަންހެނެކޭ ކިޔައިގެން އެ އެޅުއްވި އިލްޒާމްތަކުން ދިވެހި ރައްޔތުންނަށް ރައީސް ނަޝީދަކީ ކޮން ފެންވަރެއްގެ ކޮންކަހަލަ ބޭފުޅެއްކަން މިވަނީ ފިސާރި ރަނގަޅަށް އެނގިގެން ގޮސްއެވެ.

މިކަންތައްތަކުގެ އިތުރުން އެމްޑީޕީ އިން ރިޔާސީ ކެންޑިޑޭޓެއް ކަންޑައެޅުމަށް ބޭއްވުނު ޕްރައިމަރީ އިން މިއަދުގެ ރައީސުލް ޖުމުހުރިއްޔާ އާއި ވާދަކުރައްވާ ލަދުވެތި ގޮތަކަށް ބޮޑުތަނުން ބަލިވެ ވަޑައި ގެންނެވުމުން ދެން ކަންތައްތައް އެކުރެއްވި ހަޑިހުތުރު ގޮތުން ރައީސް ނަޝީދުގެ ކިބައިގައި ޑިމޮކްރަސީގެ ކުޑަކުޑަ މިންވަރެއްވެސް ނެތްކަން ގިނަ ދިވެހިން ޤަބޫލުކުރިއެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ ރައީސް ނަޝީދަށް ޓަކައި ފިދާވާން ތިބި ރައީސް ނަޝީދަށްޓަކައި ޤުރުބާންވާން ތިބި ރައީސް ނަޝީދަށް ތާޢިދުކުރި އެތައްބައެއްގެ ހިތުގައި ރައީސް ނަޝީދަށް ނަފުރަތާއި ރުޅިވެރިކަން އުފެދިގެން ދިއުމެވެ.

ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި އެމްޑީޕީއަށް ރައްޔިތުން މަޖުލިސްގެ ސްޕަރމެޖޯރިޓީ ލިބި މަޖުލިސްގެ ގިނަ މެންބަރުންގެ ވޯޓާއިއެކު މަޖުލިސްގެ ރައީސްކަމަށް އިންތިހާބު ކުރުމުންވެސް ފެނިގެން ދިޔައީ ރައީސް ނަޝީދުގެ ހުރި ހުދުމުހުތާރުކަމާއި ، ބޮޑާ ކަމާއި ސަރުކާރު ހިންގުމަށް ތަފާތު ގޮތްގޮތުން ޖެއްސުން ކުރަމުން ގެންދެވި ތަނެވެ.

މިހުރިހާ ކަމަކަށްވެސް ރއީސް ނަޝީދަށް އިޙްތިރާމްކޮށް ރައީސް ނަޝީދަށް ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ދިވެހިރައްޔިތުން އަދި ވަކިން ހާއްޞަކޮށް ރައްޔިތުން މަޖުލިސްގެ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ގެންދެވީ މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ގޮސް ރައީސް ނަޝީދު އާއި ހެދި ރާއްޖޭގެ ވެރިކަން އެމްޑީޕީއަށް ގެންލުނު ހިސާބަށް މިއަދު އެމްޑީޕީ އިން އެވަނީ ރައީސް ނަޝީދު ރައްޔިތުން މަޖުލިސްގެ ރައީސްކަމުން ވަކި ކުރުމަށް ނިންމާ ފޫ ގަޅާލައިފައެވެ. މިއަދު އެމްޑީޕީން އަދި ވަކިން ހާއްޞަކޮށް އެއް އިރެއްގައި ރައީސް ނަޝީދަށް ސަޕޯރޓްކޮށް ސަނާކީ ފަރާތްތައް މިއަދު ބުނަމުން އެގެންދަނީ "ރައީސް ނަޝީދު ނޫން" އެހެން ގޮތެއް ބޭނުން ކަމަށެވެ.

ހަމަ ހަޤީގަތުގައިވެސް މިއަދު ގިނަ ދިވެހި ރައްޔިތުންނަށް ރައީސް ނަޝީދު ސިފަވަނީ އަމިއްލަ މަސްލަހަތު އިސްކުރާ ، އަމިއްލަ އެދުން ބޮޑު ހުދުމަހުތާރު ވެރިއެއްގެ ގޮތުގައެވެ. ރައްޔިތުން މަޖުލިސްގައި 87 މެމްބަރުން ތިއްބަވާ އިރު 49 މެންބަރުން ސޮއިކުރައްވާ މަޖުލިސްގެ ރައީސްކަމުން ފައިބާ ވަޑައި ގަންނަވާށޭ ބުނުމުންވެސް އެގެންދަވަނީ ގަދަކަން ދައްކަވަމުންނެވެ. ދައުލަތުގެ އެއްބާރު އެވަނީ ހުއްޓުމަކަށް ގެންނަވާފައެވެ.

ރައީސް ނަޝީދުގެ މި ހުތުރު ޢަމަލްތަކުގެ ސަބަބުން ރައީސް ނަޝީދަށް ދިވެހިން އެރުވި "މަންޑޭލާގެ" ލަޤަބު މިއަދު މިވަނީ "މުގާބޭ" ގެ ނަމަށް ބަދަލުވެފައެވެ.   



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.