
އެތައް ބަޔަކަށް ފުންއަސަރުތަކެއް ގެނުވި، ދިވެހި ކަނބަލުންގެ އަސަރުގަދަ ހިނގާލުން
މިހާތަނަށް ދިވެހިރާއްޖޭގައި ބޭއްވުނު އެންމެ އަސަރުގަދަ، ހިތްތަކަށް ހިތާމަ އާއި ހިތްދަތިކަން ގެނުވި ހިނގާލުމެވެ. ދިވެހި އެތައް ކަނބަލުންނެތް ބައިވެރިވި ހިނގާލުމެވެ. ވެހޭ ވާރެއަކަށް ބެލުމެއްނެތި ތަފާތު ޢުމުރު ފުރާތަކުގެ ކަނބަލުން ބައިވެރިވެގެން ރާއްޖޭގެ ވެރިކަން ކުރާ މާލޭގައި ފަލަސްޠީނުގެ ރައްޔިތުންގެ ހަޢްޤުގައި ބެއްވުނު ތާރީޙީ ހިނގާލުމެވެ.

ދިވެހިރާއްޖޭގެ ފަޙުރުވެރި ، ތާރީޙީ ނަސްރުގެ ދުވަހާއިވެސް ގުޅުވާލައިގެން އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް އަޑު އުފުލައި، ރާއްޖޭގެ އަންހެނުން ފަލަސްތީނާ އެކު ތިބިކަން އަންގައިދިނުމަށް މާލޭގައި ބޭއްވުނު ހިނގާލުން ވެގެން ދިޔައީ ހުރިހާ ގޮތަކުންވެސް ވަރަށް ތާރީހީ ހިނގާލުމަކަށެވެ.
ޒައިނިސްޓް ޓެރަރިސްޓް އިޒުރޭލުން މިހާރު ފަލަސްޠީނުގެ މުސްލިމު އަހުންނާއި އުޚުތުންނަށް ދެމުންގެންދާ އިންސާނިއްޔަތުކަމެއް ނެތް ހަމަލާތަކުގައި ފަލަސްތީނުގެ ދިހަ ހާހަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ހަތަރު ހާހެއްހާ ކުޑަކުދިންނާއި ތިންހާހެއްހާ އަންހެނުން ހިމެނެ އެވެ. އަދި 35,516 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނެ އެވެ.
ރާއްޖޭގެ އަމިއްލަ ޖަމުޢިއްޔާއެއް އިސްވެ އޮވެ، ކަބަލުންތަކެއް އިސްނަގައިގެން އިންތިޒާމުކޮށްގެން ބޭއްވުނު މި ތާރީޙީ ހިނގާލުމުގައި ، ފެނިގެން ދިޔަ އެންމެ އާދަޔާ ޚީލާފު އަދި އަސަރު ކުރުވިކަމަކީ ހިނގާލުމުގެ ބައިވެރިން ތުއްތު ކުދިން ނިޔާވެފައިވާ މަންޒަރު ދައްކުވައިދިނުމުގެ ގޮތުން ހުދު ފޮތިގަނޑުން ކަފުންކޮށްފައިވާ ގޮތަށް ގަބުރުތައް ހިފައިގެން ތިބި ތިބުމެވެ. އަދި ބޮޑަށް އަސަރު ކުރުވީ ގަބުރުގެ ގޮތަށް ހަދާފައިވާ ކަފުން ފޮތިގަނޑުގައި ލޭ ހުރި މަންޒަރު ދައްކުވައިދީފައިވާ އަސަރު ގަދަ ގޮތެވެ.

ދިވެހި ކަނބަލުންގެ މި ހިނގާލުމުގެ އިތުރުންވެސް ދިވެހި ކަބަލުން އިސްނަގައިގެން ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މުސްލިމު އަހުންނާއި އުޚުތުންނަށް އެހީތެރިވުމުގެ ގޮތުން އެތަށް ހަރަކާތްތަކެއް ގެންދަނީ ހިންގަމުންނެވެ.
ރާއްޖޭގެ ގިނަ ރަށްތަކުގައި އަންހެނުންގެ ތަރއްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުން ފަންޑުރައިޒު ކުރުމުގެ ތަފާތު އިވެންޓްތައް ރާވާ އިންތިޒާމު ކުރަމުންދާއިރު ، ރަށްރަށުގެ އަންހެން ކަނބަލުން ޖަންބޯ ސޭލް ފަދަ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން އަންހެން ކަބަލުން އިސްނަގައިގެން ހަލާކުނުވެ ގިނަ ދުވަހުން ހުންނަ ފަދަ ކާތަކެއްޗާއި އަދި ދެވަނަ ފަހަރަށް ބޭނުންކުރެވޭ ފަދަ އަންނައުނު ހޯދާ ޖަމާކޮށް ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރު ކުރަމުންނެވެ. އަދި މިފަދަ ގިނަ އެއްޗެތި ވަނީ މިހާރުވެސް ކަމާއި ގުޅުންހުރި ފަރާތްތަކާއި ހަވާލުވެސް ކޮށްފައެވެ.
ދިވެހި ކަނބަލުންގެ އެހީތެރިކަމާއި އެކަބަލުންގެ ބޮޑު ހިއްސާއެއް އެކުލެވޭގޮތުން ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހިރައްޔިތުން މިހާރުވެސް ވަނީ 25 މިލިއަނެއްހާ ރުފިޔާ ، އިޒުރޭލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ދިވެހި އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ހުޅުވާފައިވާ ފަންޑަށް ހަދިޔާކޮށްފައެވެ.
ދިވެހި ލޮބުވެތި ރައްޔިތުންގެ މި ދީލަތި އެހީތެރިކަމުގެ ދަށުން ހަދިޔާކުރެވުނު ފައިސާއިން ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ވަނީ ފެށިފައެވެ.
މިގޮތުން ދާދި ފަހަކުންވެސް ވަނީ ޣާޒާގައި ތެޔޮ ހުސްވެ ޚިދުމަތް ދިނުމަށް ބުރޫ އަރާފައިވާ ހޮސްޕިޓަލަށް ވިހި ހާސް ލިޓަރުގެ ތިޔޮ ފޯރުކޮށްދީ އެ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ތަނަވަސް ކޮށްދީފައެވެ.
ދިވެހި ކަނބަލުންގެ މަސައްކަތްތައް އަދިވެސް އޮތީ ހަމަ ކުރިއަށެވެ. ދިވެހި ކަނބަލުން ތިބީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނާއި އެކުގައެވެ. މިއަދު ދިވެހި ކަނބަލުން މަގުމައްޗަށް ނިކުމެގެންނާއި އަދި ގޭގައި ފަރުދާވެގެން ތިބެވެސް މުޅި ދުނިއަށް އެ ދައްކުވައި ދެނީ އެކަންތައްތަކެވެ. އެ މަންޒަރެވެ.