
މިނިސްޓްރީތައް އިތުރުވާނެ، އެކަމަކު އިމާރާތެއް އިތުރެއް ނުކުރާނަށް – އިންތިޙާބީ ރައީސް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސަރުކާރު ހިންގުމަށް މިނިސްޓްރީގެ އަދަދު ގިނަވި ނަމަވެސް މިނިސްޓްރީތައް ހިންގުމަށް މިހާރުވެސް ހުރި އިމާރާތްތައް ފިޔަވާ އިތުރު ޢިމާރާތެއް ކުންޏަށް ނުހިފާނެ ކަމަށް އެމަނިކުފާނު ވިދާޅު ވެއްޖެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޓީވީ ސްޓޭޝަން ޕީއެސްއެމް އިން ގެނެސްދޭ 'ދިވެހީންގެ ރާއްޖެ' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންތިހާބީ ރައީސް ވިދާޅުވީ މިހާރު ސަރުކާރު އޮފީސްތައް ހިންގަން ބޭނުންކުރާ އިމާރާތްތަކަށް ވުރެ އިތުރަށް އަމިއްލަ އެއްވެސް ތަނަކުން ކުއްޔަށް ތަނެއް ނުނަގާނެ ކަމަށެވެ.
ބޮޑު ތަފާތަކުން ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާގެ މަޤާމަށް އިންތިހާބުވެ ވަޑައިގެންފައިވާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި މިނިސްޓްރީތައް ސްޕްލިޓުކޮށް ހަދާފައި ހުރީމާ މިނިސްޓްރީތަކުގެ އަދަދު އިތުރުވާނެކަމަށެވެ. " އެއީ ފޯކަސްޑް މަސައްކަތް ކުރަންވެގެން. ނަތީޖާ ނެރެ، ސީރިއަސް މަސައްކަތްތަކެއް ކުރަން ބޭނުން [ވާތީ]،" މުއިއްޒު ވިދާޅުވި އެވެ. "އެ މަސައްކަތް ކުރުމަށް ސްޕްލިޓުކޮށް ހަދާއިރުގައި ވެސް ޕްރައިވެޓު މީހެއްގެ ގެއަކުން ނޫނީ ސަރުކާރުން އިތުރަށް ތަނެއް ކުއްޔަށް ހިފަން ވެގެން ހަރަދުކޮށް، ރިކަރަންޓް ހަރަދު ބޮޑެއް ނުވާނެ." ތަފުސީލް ދެއްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.
އިންތިހާބީ ރައީސް ވިދާޅުވި ގޮތުގައި އަލަށް އުފެދޭ ސަރުކާރުގައި ޕޮލިޓިކަލް މަގާމުތައް މަދުވާނެކަމށާއި، މިހާރު ހުރި ތަންތަނުން މެނޭޖު ކުރއްވާނެކަމަށާއި، ސިވިލް ސާވިސް ވެސް އޭގެ ޒާތުގައި ބޮޑު ނުކުރައްވާނެ ކަމަށެވެ.
މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާ ޑރ. މުހައްމަދު މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި އެއް ވުޒާރާއިން އަނެއް ވުޒާރާއަށް މީހުން ބަދަލުކުރަން ޖެހިދާނެ ކަމަށާއި، ނަމަވެސް ޖުމްލަކޮށް މުވައްޒަފުން އިތުރުވާ އަދަދު ވެސް ހުންނާނީ ފަހެއް އިންސައްތާގައި ކަމަށެވެ.