ރައީސް، ސާކްގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރެއްވުން. ފޮޓޯ: ރައީސްއޮފީސް

ސަރަޙައްދީ ޤައުމުތަކުގެ ކުރިއެރުމަށް ސާކްގެ ޤައުމުތަކުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކޮށްފި

ހޯމަ 20 ނޮވެމްބަރ 2023 | ހަމްޒާ

ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Advertisement


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވެވި މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުކުރު ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ރާއްޖެ ވަޑައިގެންނެވީތީ ސެކްރެޓަރީ ޖެނެރަލަށް ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލުވުމުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރަކީ، ހަރުދަނާ، އުއްމީދީ، އަދި ފުރިހަމަ ތަޤުރީރެއްގެ ގޮތުގައި ސިފަކުރައްވައި، މި ސަރުކާރަކީ އުޖާލާ މުސްތަޤްބަލެއް އޮތް ސަރުކާރެއްކަމަށް ޔަގީން ކުރައްވައި ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި ސާކްގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ސަރަޙައްދީ ޤައުމުތަކުގެ ކުރިއެރުމަށް ސާކްގެ ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސާކް ޤައުމުތަކުން ގުޅިގެން މަޝްވަރާ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ސާކްގެ ސެކްރެޓަރީ ޖެނެރަލްއަށް ދެއްވިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.