އޯ.އައި.ސީގެ ސެކްރެޓަރީ ޖެނެރަލްއާއި ބައްދަލުކުރެއްވުން. ފޮޓޯ:ރައީސްއޮފީސް

އިސްލާމީ ޤައުމުތަކުގެ ކުރިއެރުމަށް އޯ.އައި.ސީއާ ގުޅިގެން މަސައްކަތް ކުރާނަން - ރައީސް ޑރ.މުއިއްޒު

ހޯމަ 20 ނޮވެމްބަރ 2023 | ހަމްޒާ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ޔޫސުފް އަލް ދޮބެއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. 

Advertisement


މިބައްދަލުކުރެއްވުން އޮތީ، އިއްޔެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށްޓަކައި އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަލް ދޮބެއިއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސުލްޖުމްހުރިއްޔާ ވަނީ، އިސްލާމީ ޤައުމުތަކުގެ ޞުލްޙަ މަސަލަސްކަމާއި ކުރިއެރުމަށް، އޯ.އައި.ސީއާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ޔޫސުފް އަލް ދޮބެއި ދެއްކެވި ވާހަކަފުޅުގައި، އޯ.އައި.ސީގެ އެހެން މެމްބަރުންގެ ފަރާތުން ރައިސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ޙަވާލުވެ ވަޑައިގަތުމާ ގުޅިގެން ތަހުނިޔާ ވިދާޅުވެ، އެމަނިކުފާނުގެ ޤާބިލު ޒައާމަތުގައި ރާއްޖެއަށް އިންޤިލާބީ ކުރިއެރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.

މީގެއިތުރުން ފަލަސްޠީނުގެ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ކުރުމަށް ވަކިން ބޮޑަށް ސަމާލުކަންދީގެން، އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އޯ.އައި.ސީ އިން ކުރައްވަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ދެބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި އޯ.އައި.ސީގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ވާހަކަފުޅު ދައްކަވަމުން، ދިވެހި ރައްޔިތުންގެ ހެވާއި ލާބަޔަށާއި، މަންފާއަށްޓަކައި އޯ.އައި.ސީ އިން ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވެ، އަބަދުވެސް މަސައްކަތްކުރައްވާނީ ރާއްޖޭގެ ސަރުކާރާ ގުޅިގެންކަން ފާހަގަކުރެއްވިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.