
2025 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ބަދަލުކުރަނީ
2021 ވަނަ އަހަރާއި ހަމައަށް ރާއްޖޭގައި އަމަލުކުރަމުން ދިޔަ ގޮތަށް ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނެ ކަމަށް އާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުވިދާޅު ވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު މިކަން ހާމަ ކުރައްވާފައިވަނީީ، މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއަދު ޕްރިންސިޕަލުންނާޢި އެކު ބޭއްވެވި ބައްދަލުވުމުގައި ޕްރިންސިޕަލުންނާ ވާހަކަ ދައްކަވަމުން މިނިސްޓަރ އިސްމާއިލް ވަނީ، ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު އަނެއްކާ ވެސް ބަދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ އެވެ. އެކަމަކު، ކޮވިޑުގެ ހާލަތާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.
ސްކޫލުތަކުގެ ބޮޑު ޗުއްޓީއަށް ގެނައި ބަދަލާ މެދު ބައެއް މީހުން ހިތްހަމައެއް ނުޖެހެ އެވެ. ބައެއް ބެލެނިވެރިން ބުނަނީ ޖޫން އަދި ޖުލައިގައި ކުރިމަތިވާ ހުޅަނގުގެ ވިއްސާރައިގައި ޖެހި، ޗުއްޓީއަށް ހުރަސް އެޅޭ ކަމަށެވެ. އެކަމަކު އެކަމުގެ ރައްދުގައި އޭރުގެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ބޮޑު ޗުއްޓީ ބަދަލުކުރީ، ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކޮށް، އަހަރުގެ މެދާއި ނިމޭ ހިސާބާ ދެމެދު މާ ބޮޑު ތަފާތެއް އޮތް ކަމަށް ނުފެންނާތީ ކަމަށެވެ.
މިކަމުގެ ބަހުސް އާންމުންގެ ތެރޭގައި ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރައީސް ޑރ.މުއިއްޒު އެ މަނިކުފާނުގެ ކެމްޕޭންގެ ތެރޭގައި ހުށަހެޅުއްވި ހައްލަކީ ސްކޫލު ބޮޑު ޗުއްޓީ އަނބުރާ ޑިސެމްބަރު މަހަށް ބަދަލުކޮށް، އަހަރުގެ މެދު ތެރެއަށް އެއް މަހުގެ އިތުރު ޗުއްޓީއެއް ހަމަޖެއްސުމެވެ.