
މިނިސްޓަރ ހައިދަރުގެ އުންމީދީ ވާހަކަފުޅުތަކެއް
ރައީސުލް ޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށް ވަރަށް އުންމީދީ ވާހަކަފުޅުތަކެއް ހިއްސާ ކޮށްދެއްވައިފިއެވެ.

މި ސަރުކާރުގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އެންމެ ބޮޑަށް ފާހަގަ ކުރެއްވި ވާހަކަފުޅަކީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން 75000 ހައުސިން ޔުނިޓް އެޅޭވަރަށް ބިންހިއްކޭނެކަމުގެ ޔަޤީންކަމެވެ.
އާ ރައީސް ޑރ. މުއިއްޒު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ދިވެހިރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމެވެ. އެކަން ކުރުމަށް މުޅިރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން މަސްރޫއުތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ. އެގޮތޮން ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއުއެއް ކުރިއަށްގެންދާނީ މާލޭ ސަރަހައްދުގައެވެ. އެކަމަށް ހިންގާ އެންމެ ބޮޑު މަޝްރޫއުއަކީ ފުށި ދިއްގަރުފަޅު ހިއްކައިގެން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ވެރިކަމަށް 30 ދުވަސް ހަމަވުމުގެ ކުރިން ފަށްޓަވާނެކަމަށެވެ. އަދި 1200 ހެކްޓަރުގެ ސަރަހައްދެއް ހިއްކައި އެ މަޝްރޫޢުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މިގޮތުން މި ސަރުކާރުގެ ބޯހިޔާވަހިކަމާ ގުޅޭގޮތުން ސަރުކާރުގެ ސިޔާސަތު އާންމު ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ ފުށިދިއްގަރު ފަޅާ ގުޅީ ފަޅާ ހުޅުމާލެ ފޭސް ތިނެއް އަދި އުތުރު ތިލަފަޅު ހިމެނޭހެން އިތުރު ސަރަހައްދުތަކަކާއެކު 75000 ހައުސިން ޔުނިޓް އެޅޭވަރަށް ބިންލިބޭނެކަމަށެވެ.
ޑރ. ޙައިދަރު މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިސަރުކާރުން ފުށިދިއްގަރު ފަޅު ހިއްކާ އެތަން ތަރައްޤީކުރާނެ ގޮތުގެ ތަފުސީލީ މަޢުލޫމާތުތަކެއް ހިއްސާ ކުރައްވާފައިވެއެވެ.