
ގެއްލިގެން ހޯދަމުން ދިޔަ ފުލުހެއް މޫދުގައި ނިޔާވެފައި އޮއްވައި ފެނިއްޖެ
އައްޑޫ ސިޓީއިން ރޭ އުމުރުން 22 އަހަރުގެ ފިރިހެން ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދުގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ރާއްޖޭގެ ފުލުހުންގެ ފަރާތުން މިއަދު ވިދާޅުވީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސް އެންޑް ލޯ އެންފޯސްމެންޓްގައި ޑިއުޓީ ކުރާ ފުލުހަކު ރޭ އިޝާ ނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށާއި، އެއްވެސް ހަބަރެއް ނުވާ ކަމަށް ރޭ 12:40 ހާއިރު އެފަރާތަށް ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.
ދިވެހި ފުލުހުންނަށް ރިޕޯޓް ލިބުމާއި ގުޅިގެން ފުލުހުން އޭނާ ހޯދަމުން ދަނިިކޮށް ހިތަދޫ ސްވިމިންގެ ޓްރެކް ސަރަހައްްދު މޫދުން ރޭ ދަންވަރު 1:40 ހާއިރު އެޒުވާނާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މޫދުގައި އޮތްވާ ފެނުނު މިޒުވާނާ މޫދުން ނަގައިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ޕޮލިހުންގެ ފަރާތުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް އެ މުއައްސަސާއިން މަޢުލޫމާތު ދެއްވައެވެ.