
ގެދޮރުވެރިކަމާއި ބެހޭ ވަޒީރަށް ރުހުން ނުދިނުމަށް މީކާއިލް ގޮވާލައްވައިފި
ރައްޔިތުން މަޖިލިސްގެ ރުހުން ހޯދުމަށް މިހާރު ފޮނުވާފައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް އެމްޑީޕީން ރުހުން ނުދޭން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ވިދާޅުވީ ބަޖެޓުން ފެންނަނީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން "ފޭރޭ" މަންޒަރު ކަމަށެވެ.
"އިއްޔެ މި ސަރުކާރުގެ ހައުސިން މިނިސްޓަރު ދެއްވި ޕްރެސް ކޮންފަރެންސުން އެމަނިކުފާނު އަމިއްލަފުޅަށް އިއުތިރާފުވެވަޑައިގަންނަވަނީ ވެރިކަން ހޯދުމުގެ ބޭނުމުގައި ތިމަންނާމެން އެ ދުވަހު ހެދީ ދޮގޭ،" މީކާއިލް ވިދާޅުވި އެވެ.
ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރަށް ރުހުން ނުދިނުމަށް ގޮވާލައި މެމްބަރ މީކާޢިލް ވިދާޅުވީ " މި ހައުސިން މިނިސްޓަރަށް ގްރީން ދިނުމަށް ތްރީލައިން ވިޕެއް އަޅުއްވަން ނަހައްދަވާ. ހަމަގައިމު ވެސް އަޅުގަނޑުގެ ވޯޓެއް މި ހައުސިން މިނިސްޓަރަށް ރުހުން ދިނުމަކަށް ވޯޓެއް ނުދޭނަން." މިފަދައިންނެވެ.
ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ހައިދަރު އިއްޔެ ބޭއްވި ޕްރެސް ކޮންފަރަންސްގައި ވިދާޅުވީ ކުރީގެ ރައީސް ސޯލިހްގެ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމްގެ ދަށުން ނުހިއްކާ އޮތް ބައެއް ފަޅުތަކުން ގޯތި ދީފައި އޮތް ނަމަވެސް، އެއީ ގަވައިދުގެ ދަށުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ތަންތަނުން ދޫކޮށްފައިވާ ރަޖިސްޓްރީތަކާ މެދު އަމަލުކުރާނެ ގޮތަކާ މެދު ގާނޫނީ ލަފާ ހޯއްދަވާނެ ކަމަށެވެ. ގޯތިލިބިފައިވާ ފަރާތްތަކަށް ގޯތި ނުދޭނެކަމަށް މިނިސްޓަރ ވިދާޅުވެފައެއް ނުވެއެވެ.