ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު. ފޮޓޯ: އިމިގްރޭޝަން

ދިވެހިން "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރަން ނުޖެހޭ ގޮތަށް ނިންމައިފި

އަންގާރަ 21 ނޮވެމްބަރ 2023 | ހަމްޒާ

ދިވެހިން ރާއްޖެއަށް އަންނައިރު އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ފުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވައިފިއެވެ.

Advertisement


ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ރަސްމީކޮށް އިއްޔެ ވަޒީފާގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގެން އެންމެ ފުރަތަމަވެސް ވަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާފައެވެ.

އެގޮތުން އިއްޔެއިން ފެށިގެން "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ރާއްޖެ އަންނަ އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ފުރިހަމަކުރަން ނުޖެހޭ ގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވަނީ ނިންމަވާފައެވެ.

އިމިގްރޭޝަނުން ބުނީ، މިގޮތަށް ނިންމަވާފައިވަނީ، ދިވެހި ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ވީހާވެސް ލުއިފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައި ކަމަށެވެ.

ކޯވިޑް-19 ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރުގެ ޚިދުމަތް ހަރުދަނާކޮށް ރައްކާތެރިކުރުމުގެ ގޮތުން "ޓްރެވަލް ހެލްތު ޑެކްލަރޭޝަން" ފޯމް ފުރަންޖެހޭ ގޮތަށް ކަނޑައެޅީ، 15 ޖުލައި 2020 ގައެވެ. އަދި އެއަށްފަހު 14 މާރިޗު 2021 ގައި މި ފޯމު ވަނީ، އޮންލައިންކޮށް ފުރިހަމަކުރާ އެމްބަކޭޝަން/ޑިސްއެމްބަކޭޝަން ފޯމެއްގެ ގޮތުގައި ހަމަޖައްސައި "ޓްރެވެލަރ ޑެކްލަރޭޝަން" ގެ ނަމަށް ބަދަލުކޮށްފައެވެ.

މި ފޯމު ރާއްޖެއަށް އަންނަ އަދި ފުރާ އެންމެހާ ފަރާތްތަކުން ފުރިހަމަކުރަން ޖެހެއެވެ.

އިމިގްރޭޝަނުން ބުނީ، "ޓްރެވެލަރ ޑެކްލަރޭޝަން" ފޯމު ދިވެހި ރައްޔިތުން ފުރިހަމަކުރަން ނުޖެހޭގޮތަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ނިންމެވީ މި ފޯމު ފުރަން ޖެހުމުގެ ސަބަބުން ގިނަ ރައްޔިތުން ދަތުރުފަތުރު ކުރުމުގައި ތަކްލީފުތަކެއް އުފުލަން ޖެހި އެކަމުގެ ޝަކުވާ ބޮޑުވެފައިވާތީ ކަމަށެވެ.

އަދި އަމާޒަކީ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު އިމިގްރޭޝަންގެ ޚިދުމަތްތައް އަބަދުވެސް ހޯދޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށްވެސް މޯލްޑިވްސް އިމިގްރޭޝަނުން ބުނެއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.