ރައީސް އިބޫ ޤައުމަށް ކޮންދެއްވި ޚިދުމަތްތައް މަތިން ތާއަބަދު ދިވެހިން ހަނދާންކުރާނެ / ފޮޓޯ:ރައީސް އޮފީސް

ރައީސް ޞާލިޙްގެ މަތިން އަބަދުވެސް ދިވެހީން ހަނދާންކުރާނެ

އަންގާރަ 21 ނޮވެމްބަރ 2023 | އަހުމަދު ދާއޫދު

ނިމިދިޔަ ސަރުކާރުގެ އިސްވެރިއެއްގެ ހައިސިއްޔަތުން ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް މުޙައްމަދު ޞާލިހްގެ އިސްވެ ހުންނަވައިގެން ދިވެހި ޤައުމަށާއި، ދިވެހި ލޮބުވެތި ރައްޔިތުންނަށް ކޮށްދެއްވި އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކަކީ ދިވެހި ރައްޔިތުން ތާއަބަދު ހަނދާންކުރާނެ ކަންކަމެވެ.

Advertisement


ދިވެހިރާއްޖޭގައި މިހާތަނަށް ވެރިކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އެންމެ ބޮޑުތަކުލީފަކާއި އަދި ނުރައްކަލަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސަކަށް ވެގެންދާނީ ހަމަ ޔަޤީނުންވެސް ނިމި ދިޔަ ދަޢުރުގެ އިއްޒަތްތެރި ރައީސް އަލްފާޟިލް އިބްރާޙިމް މުޙައްމަދު ޞާލީޙްކަން ޔަޤީނެވެ.

ކުޑަރަށެއް އަދި ބޮޑުރަށެއް ނުބައްލަވައި މުޅިރާއްޖޭގެ ރަށްތަކަށް ތަރައްޤީ ފުޅާކުރެއްވި ރައީސްގެ ވެރިކަމުގެ ދެވަނަ އަހަރު ނިމިގެން ތިން ވަނަ އަހަރު ފެށުނީ މުޅި ދުނިޔެ ކުޑަ ކަކޫ މައްޗަށް ތިރިކުރުވި ކޮވިޑް -19 ގެ އާލަމީ ވަބާޔާއި އެކުގައެވެ. އޭރު އެއްވެސް ފަރުވާއެއް ބޭހެއް ވެކްސިނެއް ހޯދިފައި ނުވާ ކުޑަކުޑަ ވައިރަހަކުން ޖެހޭ މި ނުރައްކާތެރި ބަލިވެގެން ދިޔައީ ރައީސް ޞާލީހް އާއި ކުރިމަތިކުރުވި އެންމެ ބޮޑު އިމްތިޙާނަށެވެ. ރާއްޖެއިން ކޮވިޑުގެ ބަލިމީހެއް ފެނުނު ހިސާބުން މުޅި ޤައުމު ހުއްޓުމަކަށް ގެންނަށް މަޖުބޫރުވެ ވަޑައިގެންނެވިއެވެ.

މުޅިދުނިޔެ ހުއްޓުމަކަށް އައިސްފައިވާ އެ ނާޒުކު ދަނޑިވަޅުގައި ރައީސުލް ޖުމުހުރިއްޔާގެ ހައިސިއްޔަތުން ރައީސް އެ އެޅުއްވި ފިޔަވަޅުތައް ނޭޅުއްވި ނަމަ މިއަދު މި ޤައުމުވެސް އޮތީހީ އަވަށްޓެރި ސްރީލަންކާ ފަންދައިން އިޤްތިޞާދީ ކާރިސާއެއްގެ ތެރޭގައެވެ. މުޅި ޤައުމުގެ އިޤްތިޞާދު އޮތީހީ ބަގުރޫޓްވެފައެވެ.

މި ނާޒުކު ދަނޑިވަޅުގައި ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙް ސަރުކާރުން ފަށާފައިވާ މުހިއްމު މަޝްރޫޢުތަކުގެ ތެރެއިން އެއްވެސް މަޝްރޫއުއެއް ހުއްޓައި ނުލައްވާ ކުރިއަށް ގެންދެވިއެވެ. ދައުލަތުގެ މުއައްޒަފުންނަށް ދެރައެއް ކުރިމަތިވިޔަ ނުދީ އެ މުވައްޒަފުންގެ މުސާރަތައް ބަރާބަރަށް އުނިކަމެއް ނުގެނެސް ދެއްވަމުން ގެންދެވިއެވެ. ކުދި އަދި މެދުފަންތީގެ އަމިއްލަ ވިޔަފާރިތަކަށް ކޮޅަށް ތިބެވޭނެ ވަރު ކޮށްދެއްވިއެވެ. ކޮވިޑް 19 ގެ ނުރައްކާތެރި އާލަމީ ވަބާ އާއި ގުޅިގެން އާމްދަނީ އެއްކޮށް ގެއްލުނު މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދެއްވިއެވެ. އަދި މީގެ އިތުރުން ދިވެހި އެންމެހައި ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ފަރުވާގެ އެންމެހައި ޚިދުމަތްތައް ފޯރުކޮށްދެއްވުމުގެ ފުރިހަމަ ޒިންމާ ފިސާރި ރަނގަޅަށް ރައީސް ޞާލިޙުގެ ސަރިކާރުން ނެންގެވިއެވެ.

ކޮވިޑް 19 ގެ އާލަމީ ވަބާގެ ވާހަކަ ނިމިދިޔަ ސަރުކާރާއި ގުޅުވައިގެން ތަފާތު ގޮތްގޮތަށް ދެއްކި ނަމަވެސް ޤަބޫލްކުރަން ޖެހޭ ހަޤީގަތަކީ ނިމިދިޔަ ރައީސް އިބްރާޙިމް މުހައްމަދު ޞާލީހްގެ ސަރުކާރުން ކޮވިޑް 19 ގެ ނުރައްކާތެރި ވަގުތު ޢަމަލްކުރެއްވި ގޮތުން ދުނިޔޭގެ ގިނަބައެއްގެ ތަޢުރީފް ލިބިގެން ދިޔަކަމެވެ. އަދި ހަމަ އެހެންމެ ދިވެހި ރައްޔިތުންގެ ގިނަބައެއްގެ އިޙްތިރާމާއި ލޯބި ރައީސް އިބޫއަށް ލިބިގެން ދިޔަކަމެވެ.

މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ކޮވިޑް-19 ގެ ނުރައްކާތެރި ވަގުތު ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ ބޯޑަރުތައް ބަންދުކޮށްފައިވާ ވަގުތެއްގައި ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާ ރާއްޖޭގެ އިޤްތިޞާދަށް ދިރުން ގެނެސް ދިނުމަކީ ދިވެހި ޤައުމުގެ އިޤްތިޞާދު މިހާއަވަހަކަށް ހަމަޔަކަށް އެޅެން މެދުވެރިވި ސަބަބެވެ. ރައީސް ޞާލީހްގެ އިސްނެންގެވުމާއި އެކު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުގެ ނަތީޖާއަކީ ރާއްޖޭގެ އިޤްތިޞާދު އެ މަސައްކަތަކަށް ބަރޯސާވެފައިވާ ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ލިބި ރައްޔިތުމީހާއަށް އުފަލާއި ހިތްހަމަޖެހުން ލިބިގެން ދިއުމެވެ. ރައީސް ޞާލިހްގެ ސަރުކާރުން އެދުވަހު ބޯޑަރު ހުޅުވާލުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މުޅިދުނިޔޭގައި ފަތުރުވެރިކަމުގެ ދާޢިރާއިން ދެވޭ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑުތައް ރާއްޖޭގެ ރިސޯރޓްތަކުން ހޯދަމުންނެވެ.

ކޮވިޑް 19 ގެ އާލަމީ ވަބާގެ ނުރައްކާ ވަގުތު ރައީސް އިބުރާޙިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގެ ބޮލުގައި ވެންޓިލޭޓަރުތަކެއްގެ ހިޔާނާތުގެ ތުހުމަތުތަކެއް އެޅުނު ނަމަވެސް ކޮވިޑް 19 ގެ ނުރައްކާތެރިކަމުން އަރައި ގަތުމަށްޓަކައި ރައީސް ޞާލީހް އެޅުންވި އަވަސް އަދި ހަރުދަނާ ކަންތައްތަކަކީ މިއަދު ޤައުމު ދެކެ ލޯބިވާ ކޮންމެ މީހަކުވެސް ޝްކުރުވެރިކަމާއި އެކު ފާހަގަ ކުރާނެ ކަމެކެވެ. ވަކިން ހާއްޞަކޮށް ކޮވިޑް- 19 ގެ ވެކްސިނަށް މުޅި ދުނިޔެ އާދޭސްކުރަމުން ދަނިކޮށް އެ ވެކްސިން ހޯދާ އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ދީ ފުރިހަމަކުރި ޤައުމަކަށް މި ކުޑަކުޑަ ދިވެހިރާއްޖެ ވެގެން ދިޔައެވެ.

މިއަދު ދިވެހި ރާއްޖޭގެ ވަލިއްޔުލް ޢަމުރުގެ މަޤާމުން ރައީސް އިބުރާޙިމް މުޙައްމަދު ޞާލިޙް ވަކިވެ ވަޑައިގެންނެވި ނަމަވެސް ރައީސް ޞަލީހްގެ މިފަދަ މަސައްކަތްޕުޅުތަކަކީ ތާއަބަދު އަޅުގަނޑުމެންގެ މި ޤައުމުދެކެ ލޯބިވާ ރައްޔިތުން ހަނދާންކޮށް ޝުކުރުވެރިވާނެ ކަންތައްތައްކަން ޔަޤީނެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.