އެމްޑީޕީގެ ވަގުތީ ރައީސް ، ރައީސް ޞާލިޙް / ފޮޓޯ:އެމްޑީޕީ

ޤައުމީ މަޖިލިހުން ނިންމި އެންމެ ސަޅި އެއް ނިންމުން

ހޯމަ 27 ނޮވެމްބަރ 2023 | އަހުމަދު ދާއޫދު

ދިވެހިރާއްޖޭގައި މިވަގުތުއޮތް އެންމެ ބޮޑު އަދި އެންމެ ޑިމޮކްރެޓިކް ޕާރޓީގެ ގޮތުގައި ގިނަބަޔަކު ބުނަމުންގެންދާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީގެ ޤައުމީ މަޖިލިސްގެ ވަރަށް ހާއްޞަ ބައްދަލުވުމެއް މި ނިމުނު ހަފުތާގެ ތެރޭގައިވަނީ އއ. އުކުޅަހުގައި ބާއްވާފައެވެ.

Advertisement


އުކުޅަހަކީ އެމްޑީޕީގެ ކާމިޔާބީތަކާއި ގުޅިފައިވާ ފަސްގަނޑަކަށްވާއިރު އުކުޅަހުގައި މިފަހަރު ބޭއްވުނު ޤައުމީ މަޖިލިހުގެ ބައްދަލުވުމުގައި ވެސް ވަނީ އެ ޕާރޓީގެ މަސްތަޤްބަލަށްޓަކައި ވަރަށް މުހިއްމު އަދި އެހާމެ ސަޅި ނިންމުންތަކެއް ނިންމާފައެވެ.

ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޙާބަށްފަހު ފުރަތަމަ ފަހަރަށް ބޭއްވުނު އެމްޑީޕީގެ ޤައުމީ މަޖިލިސްގެ ޖަލްސާއިން އެންމެ ސަޅި ނިންމުމެއްގެ ގޮތުގައި ފާހަގަ ކުރެވުނު ކަމަކީ އެމްޑީޕީ އިން ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް ވަގުތީ ގޮތުން އެމްޑީޕީގެ ޓިކެޓްގައި ދެވަނަ ދަޢުރަކަށް ވާދަކުރެއްވި ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް މުހައްމަދު ޞާލިޙް ހަމަޖެއްސެވި ހަމަޖެއްސެވުމެވެ.

މޯލްޑިވްސް ޑިމޮކްރެޓިވް ޕާރޓީ އެމްޑީޕީ އަށް މިވަގުތު ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ހަމަޔަކަށް އެޅުވުމަށްޓަކައި މިވަގުތު ހަމަ ހަޤީގަތުގައިވެސް އެ ޕާރޓީގެ ލީޑަރޝިޕަށް ގެންނަށް ޖެހެނީ ރައީސް އިބުރާޙިމް ޝާލިޙް ފަދަ ދުރުވިސްނި ވަޑައިގަންނަވާ، މަޝްވަރާގެ މަތިވެރި އުސޫލްތައް ގެންގުޅުއްވާ، ހިކުމަތްތެރި އަދި ކެތްތެރި ރައީސެކެވެ. މި ހުރިހާ ސިފަތަކެއް ހުރި ވެރިއެއްކަން ރައީސް ޞާލިޙް މި ވަނީ ދިވެހި އެންމެހައި ރައްޔިތުންނަށް ދައްކަވައި ދެއްވާފައެވެ.

ރއީސް އިބުރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ހިސާބުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީއަށްވެސް ވަނީ ވަރަށް ބޮޑު އިންގިލާބީ ބަދަލުތަކެއް ގެންނަވާފައެވެ. މި ބަދަލުތަކުގެ ސަބަބުން މިހާރު އެންމެންނަށްވެސް ޤަބޫލް ކުރެވޭނެ ހަޤީގަތަކީ އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކިބައެއްގެ ވަކިތަކުގެ ދަށުވެފައިވާ ޕާރޓީއެއް ނޫންކަމެވެ. އެމްޑީޕީއަކީ އެ ޕާރޓީގައި ހިމެނޭ އެންމެހައި މެމްބަރުންގެ ޕާރޓީއެއްކަމެވެ.

ވޭތުވެ ދިޔަ ފަސް އހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްގެ ދުރުވިސްނި ވަޑައިގެންނެވުމާއި ހިކުމަތު ޢަމަލީގެ ސަބަބުން މިއަދު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ އެމްޑީޕީ ވެފައި މިވަނީ އަޕާރޓީގެ ކޮންމެ މަޤާމަކަށް ކޮންމެ މީހަކަށްވެސް ކުރިމަތިލާން ކުރޭ އަދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވާ ޕާރޓީއަކަށް ހައްދަވައި ދެއްވާފައެވެ.

ވޭތުވެ ދިޔަ މާޒީގައި އެމްޑީޕީ ފާހަގަ ކުރެވިފައިވަނީ ނަމުންނާއި ބަހުން ޑިމޮކްރެޓިކް ވެފައި، އަމަލުން ޑިކްޓޭޓަރޝިޕް ސިފަތަކެއް އެކުލެވިގެންވި ޕާރޓީއެއްގެ ގޮތުގައެވެ. އޭރު އެމްޑީޕީގެ އެންމެ އިސް މަޤާމުތައްކަމަށްވާ އެ ޕާރޓީގެ ރައީސްކަމަށާއި، ޗެއާރޕާސަންކަމަށް އާދެވޭނީ ވަކި މީހަކަށް ނުވަތަ އެމީހަކު ބޭނުންވާ ފަރާތަކަށް އެކަންޏެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންގެ ވޯޓުން ވަކި ފަރާތެއް އެމްޑީޕީގެ އެންމެ އިސް މަޤާމުތަކަށް އިންތިޙާބު ކުރި ނަމަވެސް ޕާރޓީގެ ވަކި ބޭފުޅަކު ނުވަތަ ވަކި ބަޔަކު ހިތްހަމަ ނުޖެހޭތީވެ އެފަރާތްތައް ޕާރޓީގެ އިސް މަޤާމުތަކުން ވަކި ކުރެވި ދުރުކުރެވިފައިވަނީ އެއްފަހަރަކު ދެފަހަރަކު ނޫނެވެ.

ރައީސް އިބުރާޙިމް މުހައްދު ޞާލިޙް ދިވެހި ޤައުމަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ފަދައިން އެމަނިކުފާނު މިވަނީ އެމަނިކުފާނުގެ ޕާރޓީއަށް ވެސް ނުހަނު ފައިދާ ހުރި ގިނަގުނަ އެތައް ކަމެއް ކޮށްދެއްވާފައެވެ. އަދި މިހާރުވެސް އެ ގެންދަވަނީ ކޮށްދެއްވަމުންނެވެ.

ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙްއަށް ރިޔާސީ އިންތިހާބު ނާކާމިޔާބުވެ ވަޑައިގެންނެވުމަށް ފަހުވެސް އެމްޑީޕީގެ މެމްބަރުންނަށް ދެއްވި ޔަޤީންކަމަކީ އެމްޑީޕީގެ ކުރިމަގަށްޓަކައި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާނެ ކަމާއި އަދި އެގޮތުގައި ދެމިހުންނަވާނެ ކަމެވެ. އަދި މުސްތަޤްބަލުގައި އެމްޑީޕީއަކީ ނަމޫނާ ހަރުދަނާ އިދިކޮޅު ޕާރޓީއަކަށް ހައްދަވާނެކަމެވެ. އަދި ކުރިއަށް އޮތް މަޖިލިސް އިންތިޙާބުގައި ގިނަ ގޮޑިތަކެއް އެމްޑީޕީއަށް ހޯއްދަވައި ދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.

މި ހުރިހާ ސަބަބެއް މިހެން ހުރުމާއިއެކު އއ.އުކުޅަހުގައި ބޭއްވުނު އެމްޑީޕީގެ ޤައމީ މަޖުލިސްގެ ބައްދަލުވުމުން އެމްޑީޕީ އިން ހުސްވެފައިވާ އެޕާޓީގެ ވަގުތީ ރައީސެއްގެ ގޮތުގައި ކުރީގެ ރައީސުލް ޖުމުހުރިއްޔާ އަދި ވޭތުވެދިޔަ ފަސް އަހަރު ދުވަހު އެ ޕާރޓީގެ އިސް ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް އިބުރާހިމް މުހައްމަދު ޞާލިޙް ހަމަޖެއސެވުމަށް ޤައުމީ މަޖިލިހުގެ އިންތިފާޤުން ނިންމި ނިންމުމަކީ އެބައްދަލުވުމުން ނިންމި އެންމެ ސަޅި ނިންމުންކަމުގައި ދަންނަވަން ޖެހެއެވެ. ޤައަމީ މަޖިލިސްގެ މި ނިންމުމަށް ހަމަ އައްސަރިބަހާއި ސާބަހެއެވެ. ރައީސް އިބުރާޙިމް މުހައްމަދު ޞާލިހަށް ހަމަ ތަހްނިޔާ އާއި މަރުޙަބާއެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.